ރައީސް ޞާލިޙް ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ރައީސް ޞާލިޙް ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ރައްޔިތުންނާ ގާތުން ރަނގަޅު ސިއްޙީ ޚިދުމަތެއް ފޯރުކޮށްދިނުމަށް މި ސަރުކާރުން ވީ ވަޢުދު ފުއްދާނެ ކަމަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަޙްމަދު ޙަމްދާން ވިދާޅުވެއްޖެއެވެ.

ހައްދުންމަތީ ގަމުގައި މި ސަރުކާރުން ޢިމާރާތްކުރުމަށް ނިންމާފައިވާ ކެންސަރ ހޮސްޕިޓަލް މާލޭ ސަރަޙައްދުގައި ބިނާކުރުމަކީ އެންމެ ރަނގަޅުގޮތްކަމަށް ރާއްޖޭގެ ބައެއް ޑޮކްޓަރުން ވިދާޅުވާކަމަށް ބުނެ ރާއްޖޭގެ އޮންލައިން މީޑިއާއެއްގައި ލިޔެފައިވާ ޚަބަރަކަށް ރައްދު ދެއްވަމުން ޙަމްދާން މިއަދު ވިދާޅުވީ, ރާއްޖޭގެ 5 ސަރަހައްދުގައި ޓާޝަރީ ފެންވަރަށް ހޮސްޕިޓަލް ތަރައްޤީކުރަން މިސަރުކާރުން ފެށުމުންވެސް މިކަހަލަ ވާހަކަތަކެއް ބަޔަކުމީހުން ދެއްކި ކަމަށެވެ.

އެހެންނަމަވެސް ސަރަޙައްދީ ތަރައްޤީއާއެކު ސިއްހީ ދާއިރާއިން ރަނގަޅު ނަތީޖާއެއް މި ސަރުކާރުން ޙާސިލްކޮށްފައިވާކަމަށް ޙަމްދާން މިއަދު ވިދާޅުވިއެވެ. ލ. ގަމު ކެންސަރ ހޮސްޕިޓަލްގެ ޑީޓެއިލް ޕްރޮޖެކްޓް ރިވިއު ހެދުމަށް އިންޑިއާގެ ޓީމެއް ދާދިފަހުން ވަނީ ހައްދުންމަތީ ގަމަށް ޒިޔާރަތްކޮށް އެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ.

"އިރާދަކުރެއްވިއްޔާ ނަތީޖާ ވަރަށް ރަނގަޅު. ރައްޔިތުންނާ ގާތުން ރަނގަޅު ސިއްޙީ ޚިދުމަތެއް ފޯރުކޮށްދިނުމަށް ވީ ވަޢުދު ފުއްދޭނެ." ޙަމްދާން ވިދާޅުވެފައިވެއެވެ.

ހައްދުންމައްޗަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހު ކުރެއްވި ޒިޔާރަތުގައި ރައީސް ޞާލިޙް ވިދާޅުވެފައިވަނީ، އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ލ. ގަމުގައި ކެންސަރ ހޮސްޕިޓަލެއް ޤާއިމުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށެވެ. ލ. ގަމުގައި ކެންސަރ ހޮސްޕިޓަލެއް ޤާއިމު ކުރުމަށް ނިންމާފައިވާ ކަމަށް 2021 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް އިއްވަވަމުން މާލީ ވަޒީރު އިބްރާޙިމް އަމީރު ވެސް ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ އޭރު ވިދާޅުވީ، އެ މަޝްރޫއު ވެގެންދާނީ ކެންސަރާއި، ގައިންގަޔަށް ނާރާ އެހެނިހެން ބަލިތަކުގައި މީހުން މަރުވާ އަދަދު 2018 ގައި ހުރި މިންވަރުން 15 އިންސައްތަ ދަށް ކުރުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ވާސިލުވުމަށް މުހިންމު މަސައްކަތަކަށް ކަމަށެވެ.

އިންޑިއާގެ އެހީގައި ކެންސަރަށް ފަރުވާދޭ ހޮސްޕިޓަލެއް ހުޅުމާލޭގައި ގާއިމު ކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް އިންޑިޔާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ ވަނީ ޑިސެންބަރު 4، 2019 ގައި އިއުލާނު ކުރަށްވާފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން