މޯލްޑިވްސް ރިފޯމް މޫވްމަންޓް، އެމްއާރުއެމްގެ ގައުމީ ޖަލްސާގައި އިންތިހާބުކުރާ 16 މަގާމްގެ ތެރެއިން ޕާޓީގެ ޒަޢީމްގެ މަގާމާއި ރައީސްގެ މަގާމާއެކު 12 މަގާމަކަށް އިންތިޚަބަކާއި ނުލައި ބޭފުޅުން ހޮވިއްޖެއެވެ.

ރައީސް މައުމޫންގެ ލީޑަރޝިޕްގެ ދަށުން މަސައްކަތް ކުރާ އެމްއާރުއެމްގެ ގައުމީ ޖަލްސާ ނުވަތަ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 2 ވަނަ ދުވަހުއެވެ. އެޖަލްސާގައި ޕާޓީގެ 16 މަގާމަކަށް ބޭފުޅުން އިންތިހާބުކުރަން ހުޅުވާލުމާއެކު 72 ފަރާތަކުން ނަން ހުށަހަޅާފައިވާ ކަމަށް އެމްއާރުއެމުން ބުނެއެވެ.

އެމްއާރުއެމްއިން ބުނީ މިމަޤާމުތަކުގެ ތެރެއިން އިންތިޚާބު ކުރަންޖެހޭ އަދަދަށް ކުރިމަތިލާފައިވުމުން 12 މަޤާމަކަށް މެމްބަރުން ވޯޓަކާއި ނުލައި ހޮވިފައިވާކަމަށެވެ.

އެމްއާރުއެމްގެ އިންތިޚާބުގައި ވޯޓަކާއި ނުލައި ހޮވުނު މަޤާމުތަކުގެ ތެރޭގައި ޕާޓީގެ ޒައީމްގެ މަޤާމާއި، ރައީސްގެ މަގާމާއި އަންހެނުންގެ މެމްބަރުންގެ ތެރެއިން ހޮވާ ނާއިބު ރައީސްގެ މަގާމު ހިމެނެއެވެ. މިގޮތުން ޕާޓީގެ ޒައީމްކަމުގެ މަގާމަށް ހޮވިވަޑައިގެންފައިވަނީ ރައީސް މައުމޫނެވެ. އަދި ޕާޓީގެ ރައީސްކަމުގެ މަގާމަށް އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން ހޮވިވަޑައިގެންފައިވާއިރު އަންހެން މެމްބަރުންގެ ތެރެއިން ނާއިބް ރައީސްކަމަށް ޚާއްސަކުރި މަޤާމަށް ހޮވިފައިވަނީ މިހާރުވެސް ނައިބު ރައީސްގެ މަގާމުގައި ހުންނެވި ނާދިރާއެވެ.

މިހާރު އޮތް ގޮތުން ގައުމީ ޖަލްަސާގައި ވޯޓުން އިންތިހާބުކުރާ މަގާމުތަކުގެ ތެރޭގައި ނާއިބް ރައީސް ކަމުގެ މަޤާމާއި، އެގްޒެކެޓިވް ކޮމެޓީގެ ފިރިހެން މެމްބަރުންގެ އިތުރުން ޒުވާނުންގެ ކައުންސިލަށް އަންހެނުންގެ ތެރެއިންނާއި، ފިރިހެނުންގެ ތެރެއިން އިންތިޚާބު ކުރަންޖޭ މެމްބަރުން ހިމެނެއެވެ.

އެމްއާރުއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމަށްޓަކައި ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން އެޕާޓީއަށް ދިނީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 2 ގައެވެ. އެމްއާރުއެމްގެ މެންބަރުންގެ ގޮތުގައި މިވަގުތު ތިބީ 3048 މެންބަރުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން