ގުޅިފަޅު ހިއްކައިގެން އެތަން ތަރައްގީ ކުރުމުގެ މަޝްރޫއިން ތިމާވެއްޓަށް ގެއްލުން ލިބޭތީ އެ މަޝްރޫއު ހުއްޓުވަން އަމިއްލަ ފަރާތަކުން ސިވިލް ކޯޓަށް މައްސަލައެއް ހުށައަޅައިފިއެވެ.

ސިވިލް ކޯޓަށް އެ މައްސަލަ ހުށައެޅީ ތިމާވެށި ހިމާޔަތް ކުރަން ވަކާލާތު ކުރާ ސޭވް މޯލްޑިވްސް ކެމްޕެއިންގެ އިސް ވޮލެންޓިއަރެއް ކަމަށްވާ ހުމެއިދާ އަބްދުލްޣަފޫރެވެ. ޕްލޭނިން މިނިސްޓްރީ އާއި، އީޕީއޭ އަދި އެންވަޔަރަމެންޓް މިނިސްޓްރީގެ މައްޗަށް އޭނާ ދައުވާކުރީ އަމިއްލަ ހައިސިއްޔަތުންނެވެ.

މި މަހުގެ ދެ ވަނަ ދުވަހު ހުށަހެޅި އެ މައްސަލަ ސިވިލް ކޯޓުން މިހާރު ވަނީ ބަލައިގެންފައެެވެ. މާދަމާއަށް އެމައްސަލައިގެ ޑިސްޕިއުޓް ރިޒޮލޫޝަން މަރުހަލާގެ އަޑުއެހުމެއް މިހާރު ވަނީ ތާވަލުކޮށްފައެެވެ. އެ މައްސަލައިގައި ހުމެއިދާގެ ފަރާތުން ވަކާލާތު ކުރައްވަނީ ގާނޫނީ ވަކީލު ހަސަން ޒަކީ އެެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ތިމާވެށި ހިމާޔަތް ކުރަން ވަކާލާތު ކުރާ ސޭވް މޯލްޑިވްސް ކެމްޕެއިންގެ އިސް ވޮލެންޓިއަރެއް ކަމަށްވާ ހުމެއިދާ އަބްދުލްޣަފޫރު ވިދާޅުވީ ގުޅީފަޅު ހިއްކުމުގެ މަޝްރޫއަކީ ތިމާވެށީގެ ގޮތުންނާއި، އިޖްތިމާއީ ގޮތުންނާއި، އިގްތިސާދީ ގޮތުންނާއި އަދި އެހެނިހެން ގޮތްގޮތުން ވެސް ދިވެހިރައްޔިތުންނަށާއި ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ މަޝްރޫއެއް ކަމަށެވެ. އަދި އެ މަޝްރޫއަކީ ވަގުތާއި ހާލަތާއި ގެއްލުމާއި ފައިދާ އެކަށީގެންވާ މިންވަރަށް މިނެކިރުމެއް ނެތި ކުރަމުންގެންދާ، ރާއްޖޭގެ ގާނޫނުތަކާ ހިލާފު މަޝްރޫއެއް ކަމަށް ވެސް ހުމެއިދާ ވިދާޅުވިއެވެ.

މަޝްރޫއުގެ ސަބަބުން ގުޅިފަޅު ފަރުގައި 1995 އިން ފެށިގެން ހިމާޔަތްކޮށްފައިވާ ކަނޑުއަޑީގެ ދިރުންތަކުގެ މުއްސަނދި ސަރަހައްދެއް ކަމަށްވާ "ހާންސްހާސް ޕްލޭސް" ނުވަތަ "ކިކި ރީފް" ނެތިގެންދާނެކަން މަޝްރޫއުގެ އީއައިއޭ ރިޕޯޓުން ވެސް ސާފުވާ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.



ގުޅީފަޅު ހިއްކުމަށްޓަކައި މާލެ އަތޮޅުގެ އުތުރުން 13 އަކަ ކިލޯމީޓަރަށްވުރެ ބޮޑު ސަރަހައްދަކުން 30 މިލިއަން ޓަނުގެ ވެލި ނަގައިގެން އެ ފަޅު ހިއްކާ އިރު ވެލި ނަގާ ސަރަހައްދަށް ވެސް ބޮޑެތި ގެއްލުންތަކެއް ވާނެކަން ހުމެއިދާ ހުށައެޅުއްވި މައްސަލައިގައި ފާހަގަކޮށްފައިވެއެވެ. އަދި ފައިސާއިން އަގުނުކުރެވޭ ގުދުރަތީ މުއްސަނދިކަން ސަރުކާރުން ތަރައްގީގެ ނަމުގައި ފަނާ ކުރުމަކީ އެކަމުގެ ނޭދެވޭ އަސަރުތައް ޖީލުތަކަކަށް ތަހައްމަލު ކުރަން ޖެހޭ ފަދަ އިހުމާލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އީއައިއޭ ހަދަން ސްޓޭކް ހޯލްޑަރުންނާ ބައްދަލު ކުރި ވެލި ނަގާ ސަރަހައްދުން ވެލި ނެގުމުން އެ ސަރަހައްދުން އެން ލިބުން ދަތިވާނެކަމުގެ ކަންބޮޑުވުން މަސްވެރިން ފާޅު ކުރި އިރު، ނަގިލި އަޅަން ދަތިވާނެ ކަމުގެ ކަންބޮޑުވުން ޝިޕް އޮޕަރޭޓަރުން ކުރި ކަމަށް ހުމޭ ވިދާޅުވިއެވެ.

ގުޅީފަޅު މަޝްރޫއުގެ އީއައިއޭ ރިޕޯޓުގައިވާ ގޮތުން އެ މަޝްރޫއާ ގުޅޭ ގިނަ އަދަދެއްގެ ސްޓޭކްހޯލްޑަރުން އެ މަޝްރޫއާ މެދު ކަންބޮޑުވުންތައް މީގެ ކުރިން ވެސް ވަނީ ފާޅު ކޮށްފައެވެ. އެގޮތުން، ސަރަހައްދުގެ ކަނޑުއަޑީގެ ރީތިކަން ގެއްލިދާނެތީ ކ. އަތޮޅުގެ ޑައިވް ސެންޓަރުތަކާއި ބައެއް ރިޒޯޓުތަކުން ވެސް އެކަމާ މެދު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ގުޅީފަޅު ހިއްކަން ފެށުމުން ކައިރީގައި އޮންނަ ވިލިމާލޭ ފަރަށް ބޮޑެތި ގެއްލުންތަކެއްވާ ކަމަށް ބުނެ ބައެއް ޖަމިއްޔާތަކުން ވެސް ވަނީ އަޑުއުފުލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން