އާސަންދަ ކުންފުނީގެ އެމްޑީ މަރިޔަމް ޝަފީގު
އާސަންދަ ކުންފުނީގެ އެމްޑީ މަރިޔަމް ޝަފީގު
މީގެފަހުން ކޮންމެ ބޭސް ސިޓީއަކަށް އާސަންދަ ލިބޭނީ އެއްފަހަރު ކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.

އާސަންދަ ކުންފުނިން މިއަދު ނެރެފައިވާ ބަޔާނެއްގައި ވަނީ، ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ ފުރަބަންދުކޮށް، އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ހޯދުމުގައި ޢާއްމު ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރުމުގެ ގޮތުން، އާސަންދައިން ދީފައިވާ އިރުޝާދުތަކަށް ބައެއް ބަދަލުތައް ގެނެސްފައިވާ ކަމަށެވެ.

އެގޮތުން، ކޮވިޑް-19 އާއި ގުޅިގެން ދިގު މުއްދަތަކަށް ބޭސް ކާންޖެހޭ ފަރާތްތަކަށް ދޫކުރާ ކޮންމެ ބޭސް ސިޓީއަކަށް ދެ ފަހަރަށް ބޭސް ނެގޭ ގޮތަށް ކަނޑައެޅި އުސޫލު ބާތިލުކުރުމަށް ވަނީ ނިންމާފައެވެ.

"1 އޮކްޓޯބަރު 2021 އިން ފެށިގެން މިފަދަ ބޭސްސިޓީތަކަށް ބޭސް ދޫކުރާނީ އެންމެ ފަހަރަކުއެވެ. ދެވަނަ ފަހަރަށް ބޭސް ނެގޭނީ އަނެއްކާވެސް ޑޮކްޓަރު އާ ބޭސްސިޓީއެއް ލިޔެދެއްވެމުންނެވެ." އާސަންދަ ކުންފުނީގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން، ކޮވިޑް-19 އާއި ގުޅިގެން، 1 ޖެނުއަރީ 2020 އިން ފެށިގެން އުފަންވެފައިވާ ހުރިހާ ކުދިންނަށް 28 ދުވަސް ވުމަށް ފަހުވެސް މަންމަގެ އައިޑީކާޑުން ޚިދުމަތް ދެމުން ގެންދިޔަ ނަމަވެސް، 1 ނޮވެމްބަރު 2021 އިން ފެށިގެން، ކުރިންވެސް އޮތް އުސޫލާ އެއްގޮތަށް، ކުއްޖާއަށް 28 ދުވަސް ވުމަށް ފަހު އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ލިބޭނީ ކުއްޖާއަށް ވަކި އައިޑީ ކާޑެއް ހައްދައިގެން ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

މިވަގުތު އައިޑީކާޑު، ޕާސްޕޯޓް އަދި ޑްރައިވިން ލައިސަންސުގެ އަސްލު، ކޮޕީ އަދި ފޮޓޯއަށް އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ދިން ނަމަވެސް އާސަންދައިގެ އުސޫލަކީ އައިޑީ ނުވަތަ ޕާސްޕޯޓް ކާޑުގެ އަސްލަށް ޚިދުމަތް ދިނުންކަމުގައި ވާތީ، ހުރިހާ ފަރާތްތަކުންވެސް އައިޑީކާޑު ހެއްދުމަށާއި އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ހޯދާއިރު ކާޑުގެ އަސްލު ދެއްކުމަށް އެކުންފުނިން ވަނީ ހަނދާންކޮށްދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން