އއ. މަތިވެރި ރައްޔިތުންނަކީ ޓެރަރިސްޓުންކަމަށް ސިފަވާ ގޮތަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ދެއްކެވި ވާހަކަތައް މަޖިލީހުން ބަލައިދިނުމަށް މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ގޮވާލައްވައިފިއެވެ.

ޖާބިރު އިއްޔެ މަތިވެރިއަށް ވަަޑައިގަތުުން އެރަށު ރައްޔިތުންގެ ތެރެއިން ބަޔަކު ޖާބިރާއި ދެކޮޅަށް އަޑުއުފުލައި، އޭނާއަށް ހަމަލާ ދިންކަމަށް ބުނެ ޖާބިރު ވަނީ އެއީ ޓެރަރިސްޓުންގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި މަތިވެރިން އޭނާއަށް ހަމަލާދޭން މަސައްކަތްކުރީ އައި.އެސް ޖަމާއަތަށް ތާއީދުކުރާ މީހުންކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

ޖާބިރުގެ ވާހަކަތަކާއި ގުޅިގެން މަޖިލީހުގައި މިއަދު ވާހަކަދައްކަވަމުން މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވީ މަތިވެރީގެ އެންމެ މުހިއްމު ސަރަހައްދުން ބިން ކުއްޔަށް ނަގައިގެން އެބިމަށް ފައިސާ ނުދައްކާ އޮތުމުން ރައްޔިތުންވެސް ކަންބޮޑުވާކަމަށެވެ. އަދި ރައްޔިތުން އެކަމާއި ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރުމުން، އެ ރައްޔިތުންނަކީ ޓެރަރިސްޓުންކަމަށް ސިފަކުރުން ކުށްވެރިކުރާކަމަށް ޒަރީރު ވިދާޅުވިއެވެ.

"މަތިވެރީގެ ރައްޔިތުންނާއި ދިމާލަށް ޓެރަރިސްޓުންނޭ ބުނެ އެބޭފުޅުން ބަދުނާމުކޮށް އެ ދެއްކެވި ވާހަކަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން. މަތިވެރީގެ ރައްޔިތުން މިކަން ތަހައްމަލުކުރާތާ ދުވަސްތަކެއްވެއްޖެ. މަތިވެރީގެ އެންމެ ޕްރައިމް ލޮކޭޝަން ބަޔަކަށް ކުއްޔަށް ދިނީވެސް އެކަމުގެ ނަފާ ރައްޔިތުންނަށް ހޯދަން. އެހެންކަމުން ސުލްހަވެރިކަމާއެކު މިމައްސަލަ ހައްލުކުރުމަށް ގޮވާލަން." ޒަރީރު ވިދާޅުވިއެވެ.

ރަސް އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަތިވެރީ ރައްޔިތުންގެ ތެރެއިން ބަޔަކު ރޭ ޖާބިރާއި ދެކޮޅަށް އަޑުއުފުލަން ނިކުތީ އޭނާ ގެސްޓްހައުސްއެއް ހަދާފައިވާ އެރަށުގެ ބިމަށް ކުލި ނުދައްކާ ކަމަށް ބުނެއެވެ. އެގޮތުން އެެރަށު ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ އެބިމުގެ ކުލީގެ ގޮތުގައި ޖާބިރު 4.7 މިލިއަން ރުފިޔާ ދައްކަން އެބައޮތް ކަމަށާއި، އަދި 2017 ވަނަ އަހަރުން ފެށިގެން އެބިމަށް ކުލި ނުދައްކާކަމަށްވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން