ހަރުކަށި ފިކުރުން ދީން މާނަކުރުމުގެ ނުރައްކަލަށް ބަލަހައްޓައިގެން ތިބެވޭކަށް ނެތް ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހަންމަދު ސާލިޙު މިރޭ ވިދާޅުވެެއްޖެއެެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އދ. އާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގައި މިރޭ ދެއްވި ތަގުރީރުގައި ވާހަކަފުޅު ދައްކަވަމުންނެވެެ. ރައީސް ސާލިޙު ވިދާޅުވީ ދުނިޔެއަށް ދިމާވެފައިވާ އެންމެ ބޮޑެތި ނުރައްކާތަކާ ގޮންޖެހުމުގެ ވާހަކަތަކުން ފަށާނަމަ ލިސްޓުގެ ކުރި ހޯދާނީ ޓެރަރިޒަމް ކަމަށެވެ.

ރާއްޖެއަކީ ފެށުނީއްސުރެ މެދު މިނުގެ ދީނީ އަގީދާ ގަބޫލުކުރާ ގައުމެއް ކަމަށާ ނަމަވެސް ހަރުކަށި ފިކުރުން ކުޑަކުޑަ ރާއްޖެވެސް ސަލާމަތް ނުވި ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މެއި ހަވަނަ ދުވަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަކީ ދިވެހި ބިމުގައި ދެވުނު ބޮޑު، ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއް ކަމަށެވެ. އަދި ހަރުކަށި ފިކުރުން ދީން މާނަކުރުމުގެ ނުރައްކަލަށް ބަލައިގެން ތިބެވެން ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިފަދަ ޙަމަލާ ދޭތަން ބަލަން، އަދި ޅަކުދިންގެ ސިކުނޑިތަކުގައި ހަރުކަށި ފިކުރު އަށަގަންނުވާތަން ދެކެން އަޅުގަނޑުމެންނެއް ނުތިބޭނަން." ދިވެހި ބަހުން އދ ގައި ދެއްވި ތަގުރީރުގައި ރައީސް ސާލިހު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިހު ވިދާޅުވީ ހުރިހާ މާނައެއްގައި އަދި ހުރިހާ ސިފައެއްގައި ރާއްޖެ ޓެރަރިޒަމް ކުށްވެރިކުރާނެ ކަމަށެވެ. އަދި ބައިނަލްއަޤްވާމީ މުޖުތަމަޢާއެކު ފުރިހަމައަށް އެއްބާރުލުންދީގެން އެ މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން