ދިވެހިރާއްޖެއަށް ދެމިނޯވެވުނު ދުނިޔެއަކު އެހެން ޤައުމަކަށް ވަކި ދެމި އޮވެވޭނެކަމުގެ ޔަޤީންކަމެއް ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ތަޤުރީރުކުރައްވަމުން ރައީސް ސާލިހު ވިދާޅުވީ މޫސުމަށް އަންނަ ބަދަލާއި ތިމާވެއްޓަށް ލިބޭގެއްލުމުގެ އަގު އިންސާނިއްޔަތަށް ކިހާބޮޑުކަން ދިރާސާތަކާއި ޢިލްމީ ސައިންޓިފިކް ރައުޔު ހެކިދޭކަމަށެވެ. އެގޮތުން އައި.ޕީ.ސީ.ސީން ދާދިފަހުން އެކުލަވާލި ރިޕޯޓްގައިވެސް ގިނަގުނަ ކަންބޮޑުވުންތަކާއި އިންޒާރުތަކުގެ ހިމަނާފައިހުރިކަން ރައީސް ފާހަގަކުރެއްވިއެވެ. ނަމަވެސް އެއްވެސް ފެންވަރެއްގައި ދޭންވީ އަހަންމިއްޔަތާއި ސަމާލުކަން ނުދެވި، އެއީ އިވޭ ހުސް އަޑުތަކެއްގެ ގޮތުގާ ދޫކޮށްލެވުނުކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

"މިދިޔަ 5 އަހަރަކީ 19 ވަނަ ޤަރުނުގެ މެދުތެރެއިން ފެށިގެން މިހާތަނަށް ދުނިޔެ ތަހައްމަލުކުރި އެންމެ ހޫނުގަދަ 5 އަހަރު. އަދި 1901 ން 1970 އާ ދެމެދަށް އަޅާބަލާއިރު ކަނޑުގެ ލޮނުގަނޑު އުފުލޭ ނިސްބަތް 3 ގުނަ އިތުރުވެއްޖެ. އަދި ދުނިޔޭގެ ހޫނުމިނުން 1.1 ޑިގްރީ ސެލްސިއަސް އުފުލިއްޖެ އެ ރިޕޯޓްގާ ފާހަގަކޮށްފައިވާ ކަންކަމުގެ ތެރެއިން ކަންބޮޑުވާންޖެހޭ އެއީ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަން ހައްލު ކުރުމަށް އިންސާނުންނަށް ވަގުތު ކުޑަތަންވެފައިވާކަމުގެ އިންޒާރު." ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ މޫސުމާއި ގުޅޭގޮތުން ކުރަން ޖެހުނު ކަންކަން ނުކޮށް ތިބުމުގެ ސަބަބުން އެއްވެސް ކަމެއް ދެން އިތުރަށް މާދަމާއަށް ލަސްކުރެވެން ނެތްކަމަށެވެ. އަދި ކުދި ޖަޒީރާތައް ނެތި ދަނީ މިއަދު ކުރިމަތިވާ ތިމާވެށީގެ ސަބަބަކުން ކަމުގައިވާނަމަ ބޮޑެތި ޤައުމުތަކަށްވެސް މުސްތަޤްބަލުގައި އެމައްސަލަތައް ކުރިމަތިވާނޭކަމަށެވެ.

"ދިވެއްސަކަށް ދިރިނޫޅެވި - ދިވެހިރާއްޖެއަށް ދެމިނޯވެވުނު ދުނިޔެއަކު އެހެން ޤައުމަކަށް ވަކި އޮވެވޭނެ ކަމުގެ ޔަޤީންކަމެއް ނޯންނާނެ. މިހަގީގަތްތައް ކިޔައިދީފައިވާ މާސާފު ސާދާ މަޢުސޫމް ކަރުދާސް ތަކެއް އަޅުގަނޑުގެ އަތުގައި އެބަހުރި، މިއީ މިވާހަކަތަކުގެ ކަންބޮޑުވުމައިގެން ދިވެހި ތުއްތު ކުދިން އަޅުގަނޑަށް ލިޔެފާހުރި ސިޓީ. އެކުދިންވެސް ހެދި ބޮޑުވެ ހަޔާތުގެ އުންމީދުތައް ފުރިހަމަ ކުރަން އެދޭ ޤައުމުގެ ނާޒުކު ތިމާވެއްޓާ ގުޅޭ ގޮތުން މިމަޖިލީހަށް ހުށަހަޅައިދިނުން އެދި އަޅުގަނޑަށް ލިޔެފާހުރި ސިޓީ. މިއީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގެ އަންނަންއޮތް ޖީލުގެ ނިދާ އަޅުގަނޑުމެން އެންމެންވެސް މިއަދު މިއަޑު އަހަންޖެހޭ." ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ ސަލާމަތުގެ އައްސޭރިއަށް ވާސިލުވުމުގެ އުންމީދު މުޅިން ގެއްލިގެން ނުދާކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ޢަމަލު ކުރަމުން އަންނަ ދުވަސްވީ ސިޔާސަތުތަކަށް އިންގިލާބީ ބަދަލެއް ގެނައުން ވަރަށް މުހިންމުކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތިމާވެށީގެ މައްސަލަތަކުން އަރައިގަތުމަށް ޤާބިލްކަމާއި މާލީ ތަނަވަސްކަން ނެތް ޤައުމުތަކަށް، ތަނަވަސް ޤައުމުތަކުން ކުރާ ހޭދައާއި ދޭ އެހީ އިތުރުވާންޖެހޭކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން