ޒަހީނުއްދީން ސަޢީދު   22 ސެޕްޓެމްބަރު 2021 - 0:2
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ލިސްޓްގައި ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ)ގެ އެއްވެސް ބޭފުޅަކު ނެތް ކަމަށް އެހަރަކާތުގައި އިސްކޮށް މަސައްކަތް ކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެެވެ.

ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ) ގައި އިސްކޮށް މަސައްކަތް ކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ، ކުރީގެ ރައީސް އަބުދު ﷲ ޔާމިންގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ލިސްޓްގައި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކާއި އަލަށް އުފައްދަން ހުށައަޅާފައިވާ ޕާޓީތަކުގެ އިސްބޭފުޅުން ހިމެނިފައިވާ ކަމަށެވެ. އެހެން ނަމަވެސް ޑީއެންއޭގެ އެއްވެސް ބޭފުޅަކު އެ ލިސްޓްގައި ނެތުމަކީ "ހުދުވާ" ހުދުކޮށް ދަމަހައްޓާކަން ސާބިތުވި ކަމެއް ކަމަށް އުމަރު ވިދާޅުވިއެެވެ.

"ހުދުވާ އިތުރަށް ހުދުވި ކަމެއް، އިރާދަކުރެއްވިޔާ އަޅުގަނޑުމެންގެ ވެރިކަމެއް ވެސް ވެގެންދާނީ ނަޒާހަތްތެރި ސާފު ސީދާ ވެރިކަމަކަށް." އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވައި ކެމްޕޭން ފައްޓަވާފައިވާ އުމަރު ވިދާޅުވިއެވެެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގައި ލިސްޓްގައި ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހިމެނޭ ހުރިހާ ޕާޓީތަކެއްގެ މީހުން ހިމެނޭ ކަމަށް ޕީޖީ ޝަމީމް ވެސް ވަނީ ވިދާޅުވެފައެވެ. ބޮޑު ޚިޔާނާތުގެ ލިސްޓު ކަމަށް ބުނެ އެޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބުނާ ލިސްޓެއް މަޖިލީހުން ވަނީ އާންމުކޮށްފައެވެ. އެހެން ނަމަވެސް އެ ލިސްޓްގެ ސައްހަ ކަމާއި މެދު ގިނަ ފަރާތްތަކުން ގެންދަނީ ސުވާލު އުފައްދަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން