ބީއެމްއެލްގެ އިސްލާމިކްް ހޯމް އިމްޕްރޫވްމަންޓް ފައިނޭންސް މެދުވެރިކޮށް ނަގުދު ފައިސާ ވެސް ދޫކުރާނެކަމަށް ބޭންކުން މިއަދު ހާމަކޮށްފިއެވެ.



ބީއެމްއެލް އިސްލާމިކް ހޯމް އިމްޕްރޫވްމަންޓް ފައިނޭންސިން އަކީ ސޯޝަލް ހައުސިންގެ ދަށުން ލިބިފައިވާ ފްލެޓް ނިންމުމާއި، މަރާމާތުކުރުމުގެ އިތުރުން އެތަނަށް ބޭނުން ތަކެތި ގަތުމަށް ސޯޝަލް ހައުސިންގ ލިބިފައިވާ ފަރާތްތަަކަށް ހާއްސަކޮށް ބީއެމްއެލް އިސްލާމިކުން ރަހުނަކާ ނުލާ ދޫކުރާ ފެސިލިޓީއެކެވެ. އަދި ސޯޝަލް ހައުސިންގެ ދަށުން އަތޮޅުތެރޭގައި ދޫކޮށްފައިވާ ތަންތަނަށް ވެސް ހޯމް އިމްޕްރޫވްމަންޓް ފައިނޭންސިންއަށް އެދި ހުށަހެޅޭނެކަމަށް ބޭންކުން ހާމަކޮށްފައިވެއެވެ. 

"އިސްލާމިކް ހޯމް އިމްޕްރޫވްމަންޓް ފައިނޭންސިންގެ ދަށުން އަމިއްލަ އަށް އެއްވެސް ހަރަދެއް ކުރަން ނުޖެހި މުދަލާއި ނަގުދު ފައިސާ ވެސް ލިބޭނެ. ހަމައެއާއެކު ފްލެޓް ނުވަތަ އެޕާޓްމަންޓްގެ ވެރިފަރާތާއެކު އިތުރު ފަރާތެއް ފައިނޭންސިންގައި ބައިވެރިކުރަން ބޭނުންނަމަ އެ ފުރުސަތުވެސް ކަސްޓަމަރުންނަށް މިވަނީ ހުޅުވާލެވިފަ،" ބީއެމްއެލް އިސްލާމިކް ބޭންކިން ޑިވިޝަންގެ އިންޓެރިމް އިންޗާޖް ހަސަން ކަލާމް ވިދާޅުވިއެވެ.

ބީއެމްއެލް އިސްލާމިކް ހޯމް އިމްޕްރޫވްމަންޓް ފައިނޭންސިންގެ ދަށުން ފައިސާ ދޫކުރަނީ ޕްރޮޖެކްޓަކަށް 150،000 ރުފިޔާއާ ހަމައަށެވެ. އަދި ފައިސާ އަނބުރާ ދެއްކުމަށް ފަސް އަހަރުގެ މުއްދަތެއް ލިބޭނެއެވެ. އިސްލާމިކް ފައިނޭންސްގެ އުސޫލުތަކުގެ ދަށުން ފެސިލިޓީގެ މުއްދަތުގެ ކުރިން އަވަހަށް ފައިސާ ދައްކައި ހަލާސްކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެއެވެ. އަދި އަވަހަށް ފައިސާ ދައްކާ ހަލާސް ކުރާނަމަ ބޭންކުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް ޑިސްކައުންޓް ލިބޭނެއެވެ. 

ބީއެމްއެލުން ހާމަކޮށްފައިވާ ގޮތުގައި، އާއިލާގެ މެމްބަރުންގެ ގޮތުގައި މިފެސިލިޓީގައި ބައިވެރި ކުރެވޭނީ މަންމަ، ބައްޕަ އަދި ކައިވެނީގެ ގޮތުން ގުޅުންހުރި ފަރާތްތަކުގެ އިތުރުން އެއްބަނޑު އެއްބަފާ މީހުންނާއި ދަރިންނެވެ. އަދި މާމަ ނުވަތަ ކާފަ އަދި މާމަ ނުވަތަ ކާފަ ދަރިންނަށެވެ. 

މި ފެސިލިޓީއަށް އެދިވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން، އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރުމަށްފަހު މާލެއިންނަމަ ހުށަހަޅާނީ ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗަށެވެ. އަދި މާލެ ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދެއް ނަމަ ބީއެމްއެލްގެ ކޮންމެ ބްރާންޗަކަށް ވެސް ފޯމު ހުށަހެޅޭނެއެވެ. އަދި ކޯޓޭޝަންގެ ކުލަ ކޮޕީއާއެކު (ޕީޑީއެފް ފޯމެޓްގައި) ބީއެމްއެލްގެ އީމެއިލް މެދުވެރިކޮށްވެސް ހުށަހެޅޭނެކަމަށް ބޭންކުން ހާމަކޮށްފައިވެއެވެ. 


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން