ލީޑަރޝިޕް ހުނަރު އިތުރަށް ތަރައްޤީ ކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެ މަޤްޞަދުގައި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ މުވައްޒަފުންނަށް ހިންގި "ވީކެންޑް ވިތު އެމްއެންޑީއެފް" ޕްރޮގްރާމް ނިންމާލައިފިއެވެ.

ސެޕްޓެންބަރު މަހުގެ 16 އިން 18 އަށް ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ސެޕްޓެންބަރު 18 ވީ ހޮނިހިރު ދުވަހު ހަވީރު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރ ލެފްޓިނަންޓް ކާނަލް އިބްރާހީމް އަޝްރަފެވެ.

މި ޕްރޮގްރާމްގެ ތެރެއިން ކުރިއަށްދިޔަ އެކިއެކި ހަރަކާތްތަކުގައި އެންމެ މޯޓިވޭޓް ފިރިހެން އަދި އަންހެން ބައިވެރިން ހޮވައި އެ ފަރާތްތަކަށް ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.

އެމްޓީސީސީ 60 މުވައްޒަފުން ބައިވެރިވި މި ޕްރޮގްރާމްގެ، ލެކްޗަރާއިންނަށާއި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ އެމްއެންޑީއެފްގެ އެކި ދާއިރާތަކުގައި މަސައްކަތްކުރައްވާ ސިފައިންނެވެ. އެމްއެންޑީއެފުން ވަނީ މީގެ ކުރިންވެސް ރައްޔިތުން ޙިއްސާވާ ބައެއް ކުންފުނިތަކާއި، މިނިވަން މުވައްސަސާތަކާއި، ސަރުކާރުގެ ބައެއް ވުޒާރާތަކަށް އަމާޒުކޮށްގެން "ވީކެންޑް ވިތު އެމްއެންޑީއެފް" ޕްރޮގްރާމް ހިންގާފައެވެ.

އެމްޓީސީސީގެ މުވައްޒަފުންނަށް ހިންގި "ވީކެންޑް ވިތު އެމްއެންޑީއެފް" ޕްރޮގްރާމްގެ ނިންމުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ބައެއް އޮފިސަރުންނާއި އެމްޓީސީސީގެ އިސް ބޭފުޅުންނާއި ޕްރޮގްރާމްގެ މުދައްރިބުންނާއި ބައިވެރިން ބައިވެރިވެލެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން