ހުޅުމާލެ ފިޔަވަތހި
ހުޅުމާލެ ފިޔަވަތހި
ހުޅުމާލޭގައި ހުންނަ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ބަލަހައްޓަމުންދާ މަރުކަޒު، ފިޔަވަތީގައި ފާއިތުވި ތިން ދުވަސްމަތިން ހިނގާފައިވާ ހާދިސާތަކާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން މުޒާހަރާ ކުރުމަށް ނިންމައިފިއެވެ.

މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވީ، ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިންނާމެދު އިހުމާލުވަމުން ދިއުމާއި ގުޅިގެން އެކަމާ ދެކޮޅަށް އިޙްތިޖާޖު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ އިޙްތިޖާޖު މާދަމާރޭ 8:30 ގައި ޕީޕީއެމްގެ އޮފީސް ކުރިމަތިން ފެށޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މުޙައްމަދު އިސްމާޢީލް ވިދާޅުވީ މިއީ ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ނޫންކަމަށާއި، ނަމަވެސް ޖެންޑަރ މިނިސްޓަރ މިހާރަށްވުރެ ބޮޑަށް ޒިންމާދާރު ކުރުވުމަށް ހިންގާ ޙަރަކާތެއް ކަމަށެވެ.

ފިޔަވަތީގައި އިއްޔެ އިރުއޮއްސުނީއްސުރެ މައްސަލަގަނޑު ބޮޑުވެ ބައެއް ކުދިން ފުރާޅުމައްޗަށް އަރައި ދޮރުތައް ހަލާކުކޮށް ހަދާފައިވާއިރު ރޭ ވަނީ އެތަނުގައި އަލިފާން ވެސް ރޯކޮށްލާފައެވެ. ފިޔަވަތީ ގައި ރޭ ރޯކުރި އަލިފާންގަނޑު ނުފެތުރެނީސް، އެތަނުގެ މުވައްޒަފުން ވަނީ އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައެވެ. މިހާދިސާގައި އެއްވެސް ކުއްޖަކަށް އަނިޔާ އެއް ލިބިފައެއް ނުވެއެވެ.

މިކަންތައްތަކާ ގުޅިގެން މަޖިލީހުގެ ޖެންޑާ ކޮމިޓީން ވަނީ ހޯމަ ދުވަހު ބާއްވާ އެ ކޮމިޓީގެ ޖަލްސާއަށް ކަމާބެހޭ އިދާރާތައް ހާޒިރުކޮށް މިކަމުގައި ކަންކަން ސާފުކުރުމަށް ނިންމާފައެވެ. މިބައްދަލުވުމަށް ޖެންޑާ މިނިސްޓްރީއާއި، އެޗްއާރުސީއެމްއާއި، ޗިލްޑްރަން އޮމްބަޑްސްޕާސަން އެ ކޮމިޓީއަށް ހާޒިރުކޮށް މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން