ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތާ އެއްގޮތަށް ސަރުކާރުގެ ގިނަ ކުންފުނިތަކުން ވެސް ރާއްޖޭގެ ތަރައްޤީއަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި، ކޯވިޑް-19 ގެ ދަތި ޙާލަތުގައިވެސް ޤައުމުގެ ތަރައްޤީއަށްޓަކައި ކުރަމުން އައި މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންގޮސްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށްޓަކައި ތާޖުއްދީން ސްކޫލުގައި މިރޭ ބޭއްވި ޙަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ، ރާއްޖޭގެ ރައީސް އެންމެ އިސްކަމެއް ދެއްވާ އެއްކަމަކީ ޒުވާނުން ބިނާކުރުންކަމަށެވެ. އަދި ދިވެހިރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް ދިވެހިންގެ ހުނަރު އިތުރުކޮށް ދިވެހިންނަކީ ދިވެހިންގެ ކަންކަން ކުރެވޭނެ ބަޔަކަށް ހެދުމަށް ކުރައްވާ މަސައްކަތަކީވެސް ރައީސުލްޖުމްހޫރިއްޔާ ދިވެހިންނަށްޓަކައި ގެންގުޅުއްވާ އެންމެ މުހިންމު އެއްކަންތައް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



މި ޙަފްލާގައި ނައިބު ރައީސް ވަނީ ސަރުކާރުން އެންމެ ބޮޑު ހޭދައެއް ކުރައްވާ އެއްދާއިރާ ކަމުގައިވާ އެކި ފަންނުތަކުން މީހުން ބިނާކުރުމުގެ ދާއިރާއަށް، އެމް.ޕީ.އެލުންވެސް މަސައްކަތްތަކެއް ކޮށްދީފައިވާތީ އެކަންފާހަގަކުރައްވާފައެވެ. އެގޮތުން މިރޭގެ ޙަފްލާގައި އެކުންފުނީގެ ފަރާތުން ސްކޮލަރޝިޕްގެ ފުރުޞަތު މުވައްޒަފުންނަށް ފޯރުކޮށްދީފައިވާތީ އެކަމަށްޓަކައި ނައިބު ރައީސް ވަނީ ޝުކުރުއަދާކުރައްވާފައެވެެ.

މީގެ އިތުރުން ރައީސުލްޖުމްހުރިއްޔާގެ ނައިބު ވަނީ ކޯވިޑް-19 ގެ ޙާލަތުގައި އެމް.ޕީ.އެލްގެ ފަރާތުން ކުރި މަސައްކަތް ފާހަގަކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ހުރިހާ ތަކެއްޗެއް ފޯރުކޮށްދިނުމަށްޓަކައި އެމް.ޕީ.އެލް.ގެ މުވައްޒަފުން ކުރި މަސައްކަތަށް ވެސް ޝުކުރުއަދާކުރައްވާފައެވެ. އަދި އެމް.ޕީ.އެލްގެ މަސައްކަތް ގުޅިގައިވަނީ ދިވެހިރާއްޖޭގެ ކޮންމެ ފަރުދަކާއި ކަމަށާއި، ދިވެހިރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިންމު އެއް މަސައްކަތް ކުރާބަޔަކީ އެމް.ޕީ.އެލްގެ މުވައްޒަފުންނާއި އެމީހުންނާއި ގުޅިގެން މަސައްކަތް ކުރާ ހުރިހާ ފަރާތްތަކެއްކަމުގައި މި ޙަފްލާގައި ނާއިބް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ޚިޔާލުތަފާތުވުންތަކެއް ހުރިނަމަވެސް އެންމެން އެއްބައިވެގެން ޤައުމަށްޓަކައި މަސައްކަތްކުރުމަށް ބާރުއަޅުއްވާފައެވެ. އަދި އެންމެން އެއްކޮށް އެއްސަފެއްގައި ތިބެގެން މަސައްކަތްކޮށްފިކަމުގައިވާނަމަ ކާމިޔާބުނުވާނެކަމެއް މާތްﷲ ގެ އިރާދަފުޅާއެކު ނޯންނާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެމް.ޕީ.އެލަށް 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވުމަށްފަހު ރިޓަޔަރކުރި ފަރާތްތަކަށް ޝަރަފުގެ އައްޑަނަ ހަވާލުކުރައްވާފައެވެ. ހަމަ އެއާއެކު އެމަނިކުފާނު ވަނީ އެމް.ޕީ.އެލްގެ ސްކޮލަރޝިޕަށް ހޮވިފައިވާ މުވައްޒަފުންނަށް ސްކޮލަރޝިޕް އެވޯޑް ހަވާލުކުރައްވާފައެވެ. މި ޙަފްލާގައި އެމް.ޕީ.އެލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބަށްވެސް ވަނީ ޚާއްޞަ ހަދިޔާއެއް އަރުވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން