ދައުލަތާއި ކުދިން ހަވާލުކުރަން ގަވާއިދުން ވިހާ އަންހެނުން އެބަތިބި ކަމަށް މާލެސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާގެ ކައުންސިލާ އިބްރާހިމް ޝުޖާއު މިރޭ ވިދާޅުވެއްޖެއެެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލައްޓާ ހުޅުމާލޭ ފިޔަވަތީ ކުޑަކުދިން އެތަނުގައި ހަމަނުޖެހުން ހިންގައި އެތަނުގެ ތަކެއްޗަށް ގެއްލުންދީ މިއަދު ވަނީ އަލިފާންވެސް ރޯކޮށްލާފައެވެ. ފިޔަވަތީގައި ދިރިއުޅޭ ކުޑަކުދިން މިއަދު ހަވީރުން ފެށިގެން އެތަނުގެ ފުރާޅު މައްޗާއި ފާރު މައްޗަށް އަރައިގެންވެސް އުޅެ ހަދާފައި ވެއެވެ. ފިޔަވަތީގެ ކޮންޓްރޯލް ޖެންޑަރ މިނިސްޓްރީއަށް ގެެއްލި އެތަނުގެ ކަންކަން މިހާރު ވަނީ ބޮއްސުންލާފައި ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެެ.

ފިޔަވަތީގެ ހާލަތު ބައްލަވާލެއްވުމަށް އެ ސަރަހައްދަށް ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ދައުލަތާއި ކުދިން ހަވާލުކުރަން ގަވާއިދުން ވިހާ ހަދާ އަންހެނުން އެބަތިބި ކަމަށާއި، އެއީ ވަރަށް ބޮޑަށް ކަންބޮޑުުވެ ވަޑައިގަންނަވާ ކަމެއް ކަމަށެވެ. ފިޔަވަތި ބަލަހައްޓަން މިވަގުތު ތިބީ ޖެންޑަރ މިނިސްޓްރީގެ އެންމެ ތިން މުވައްޒަފުން ކަމަށް ޝުޖާއު ވިދާޅުވިއެވެ. ޝުޖާއު ވިދާޅުވީ މިއަދަކީ ރާއްޖޭގެ ޖެންޑަރ މިނިސްޓަރު ދެވަނަ ފަހަރަށް އިސްތިއުފާ ދެއްވަން ޖެހޭ ދުވަހެއް ކަމަށެވެ. އެކަމަނާ ހުރީ ބޮޑުތަނުން ފެއިލްވެފައި ކަމަށް ޝުޖާއު ވިދާޅުވިއެވެ. ފިޔަވައްޗާއި ކުދިން ހަވާލު ކުރަން ބަރާބަރަށް ވިހާ އަންހެނުންނަށް މިހާރަށްވުރެ ހަރުކަށި ފިޔަވަޅު އަޅަންޖެހޭ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

"މިތަނަށް ކުދިން ގެނައުމުގައި އުނދަގޫ މަރުހަލާ އެއް ކަޑައްތު ކުރަން މިޖެހެނީ. އެހެން ނަމަވެސް މިކުދިން އަނބުރާ މުޖުތަމައަށް ގެނައުމަށް މިއޮންނަ ފުރުސަތުތައް ވަރަށް ހަނިގޮތަކަށް މި އޮންނަނީ. އެހެންވީމާ މި ވާގޮތަކީ ތޮއްޖެހެމުން ގޮސް މިތަން ފުރެމުންމިދަނީ. މިތަން ބަލަހައްޓާ ސުޕަވައިޒަރުން މި ވިދާޅުވަނީ އެބައުޅެއޭ ބައެއް އަންހެނުން ތިމަންނަ މެން އެމީހުންނަށް ފާރަލާން ޖެހޭ މީހުން. އެމީހުން އެބަ ބަރާބަރަށް ވިހަމުން ގެންދެއޭ ވިހާފައި މިތަނާއި ހަވާލުކުރަން." ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ފިޔަވަތި ނުބެލެހެއްޓުމުގެ ޒިންމާވާ އިހުމާލުވާ ބަޔަކު އެބަތިބި ކަމަށާއި އެތަނާއި ނުކަތާ ވަރަށް ކުދިން ތިބުމަކީ ވަރަށް ބޮޑު އިހުމާލެއް ކަމަށެވެ. އެހެން ނަމަވެސް އެކަން ހައްލު ކުރުމަށް ސަރުކާރުން ކުރާ މަސައްކަތެއް ނުފެންނަ ކަމަށް ޝުޖާއު ވިދާޅުވިއެެވެ.

"އަޅުގަނޑު މެންނަށް މި އެގެނީ ތަންކޮޅެއް ހައިކޮށް އުޅޭ ބައެއް ކުދިންގެ ސަބަބުން އުފެދޭ ކަންތައްތަކުން ހާލަތު ބަދަލުވާ ހާލަތަށް އަންނަކަން މި ފާހަގަކުރެވެނީ، އެކަހަލަ ދެތިން ކުއްޖަކު ފިޔަވަތީގައި އެބައުޅޭ. މިއީ އެއްބަޔަކު މިކަމުގައި ތިބެގެން ހައްލު ކުރެވޭ ވަރަށް ވުރެ ބޮޑު ގައުމީ މައްސަލައެއް." ޝުޖާއު ވިދާޅުވިއެވެެ.

އިތުރަށް ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ ފިޔަވަތީގެ މައްސަލަ ހައްލު ކުރުމަށް މުޅި މުޖުތަމައުގެ އެެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި ފިޔަވަތީގައި އުޅޭ ކުދިން ސުކޫލުތަކަށް ފޮނުވުމުން ފިޔަވަތީގައި އުޅޭ ކުއްޖެއްތޯ ސުވާލުކޮށް ހަދާ އެކަހެރިކޮށް ހަދާ ކަމަށް ޝުޖާއު ވިދާޅުވިއެެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ހަމަ ޚިޔާލެއް

19-Sep-2021

​ޙިމާޔަތާއި ރައްކާތެރިކަން ނުލިބި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެފަދަ ވަޒީފާއެއް ވެސް ލިބޭނެމަގު ފަހިވެފައި ނެތުމުން މަގުމަތި ވެފައި ތިބި ނިކަމެތި އަންހެނުންގެ ޙާލަތު ރަނގަޅު ނުވެ، މިފަދަ ހިޔާތަކަށް ކުދިން އިތުރުވުން ނިމުމަކަށް ގެނައުން ދަތިވާނެ ކަމަށް ފެނޭ!


1

ޙިމާޔަތާއި ރައްކާތެރިކަން ބޭނުންވާ ކަނބަލެއް

19-Sep-2021

ސުންނަތަކަށް ވާތީ 4 އަނބިން ހަމަކުރަން ބޭނުންވާ މަހުޖަނު ފިރިހެނުން ޝުޖާއު އެބުނާ ކަހަލަ އަންހެނުންނާ ކާވެނިކޮށް އެ އަންހެނުންނަށް ޙިމާޔަތާ ރައްކާތެރިކަން ދިނުން އެއީ އެ މައްސަލައިގެ އަޞްލު 'ރޫޓް ކޯޒް' އަށް ވާސިލު ވެވޭނެ އެއްގޮތް. ޝުޖާއު ފުރަތަމަ މި އިނީޝިއޭޓިވް ނެންގެވުން ރަނގަޅު ކަމަށް ފެނޭ!



ޓްރެންޑިން