އައްޑޫ ސިޓީގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ފުލުހަކު ހައްޔަރުކޮށްފި އެވެ.

ފުލުސް މީހާ ހައްޔަރުކޮށްފައިވަނީ 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައެވެ. ފުލުހުންގެ އިދާރާ އިން ބުނީ 16 އަހަރުގެ ކުޑަ އަންހެންކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ރޭ 11:09 ގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ އުމުރުން 34 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތާއި ގުޅިގެން ރޭ އައްޑޫގައި ވަނީ މުޒާހަރާވެސް ކޮށްފައެވެ. އަދި އަންހެންކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ ފުލުސް މީހާއަށް ހިމާޔަތް ދީގެން ގެންގުޅޭ ކަމަށް މުޒާހަރާގެ ބައިވެރިން ވަނީ ތުހުމަތުކޮށްފައެެވެ. ފުލުސް މީހާ ދިރިއުޅޭ ގެކައިރިއަށް ގިނަ ބަޔަކު އެއްވެ މުޒާހަރާ ކުރި މީހުން ހުއްޓުވަން ފުލުހުން ވަނީ ބާރުގެ ބޭނުންވެސް ކޮށްފައެވެ.

ފުލުހުން ބާރުގެ ބޭނުންކުރުމުން ބައެއް މީހުންނަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ވެސް ދޭން ޖެހުނެެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީގައި ކުރި އިހުތިޖާޖުގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅަން މަސައްކަތްކުރުމާ ގުޅިގެން ބާރުގެ ބޭނުންކޮށްފައިވާ ކަމަަށެވެ. އެގޮތުން އެތަނުގައި އެއްވެ ތިބި މީހުން ދުރަށް ޖެއްސުމުގެ ގޮތުން ފުލުހުން ޕެޕަރ ސްޕްރޭ ބޭނުންކޮށްފައިވާ ކަމަަށް ފުލުހުން ވަނީ ބުނެފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން