ހއ. އުލިގަމު ކަސްޓަމްސް އޮފީސް އިމާރާތް ރަސްމީކޮށް ހުޅުއްވައިފިއެވެ.

މި އިމާރާތް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކައިގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވަނީ، ކަސްޓަމުން އިސްނަގައިގެން އުލިގަމަށް ބަނދަރުކުރާ ޔޮޓްފަހަރުތަކުން ނެގޭ ފީތައް ކުޑަކުރުމުގެ ނަތީޖާއެއްގެ ގޮތުން އުލިގަމަށް ވަންނަ ޔޮޓްތައް އިތުރުވެ ރަށަށް އެކިގޮތްގޮތުން ފައިދާއާއި މަންފާ ކުރާކަން ފާހަގަކުރައްވާފައެވެ. އަދި އުލިގަމު ބަނދަރު ފުޅާ ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިސްކަން ދެއްވާކަން ފާހަގަކުރަށްވައި މި ސަރުކާރުގެ ތަސައްވުރަކީ އެއްވެސް ތަފާތު ކުރުމެއްނެތި ރާއްޖޭގެ ހުރިހާ ރަށްތަކަށް ޕްރޮފެޝަނަލްކަމާއެކު ރައްޔިތުންނާ ވީހާވެސް ގާތުން އަވަސް ޚިދުމަތެއް ފޯރުކޮށްދެއްވުންކަމަށް ވިދާޅުވިއެވެ. އަދި ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ތެދުވެރިކަމާ އިޚްލާސްތެރިކަމާއެކީ ކަސްޓަމްސްގެ ހީވާގި އޮފިސަރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވާ، މިނިސްޓަރ ވަނީ އޮފިސަރުންނަށް ޝުކުރު އަދާކުރައްވާފައެވެ.



މި ރަސްމިއްޔާތުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ދެއްކެވި ވާހަކައިގައި، އަލަށް މިޤާއިމްކުރެވުނު އިމާރާތުގެ މަސައްކަތް މައިގަނޑުގޮތެއްގައި އަމާޒްކޮށްފައިވާނީ އުލިގަމަށް ބަނދަރުކުރާ ޔޮޓްފަހަރަށް ލުއި ފަސޭހަކަމާއެކު އެކިއެކި ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އިތުރުން، މުސްތަޤްބަލްގައި މިސަރަހައްދުގައި ބޮންޑެޑްވެއަރހައުސްގެ ޚިދުމަތް ޤާއިމްކޮށް ސަރަހައްދުގެ ރިސޯރޓްތަކަށް މި ވެއަރހައުސްތަކުގެ ޚިދުމަތްތައް ފުޅާކުރުމަށް ކަމަށް ވިދާޅުވިއެވެ. އަދި އުލިގަމު ކަސްޓަމްސް އިމާރާތް ހުޅުވުމާއެކު، އުލިގަމުގައި ސަރުކާރުން ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ޔޮޓް މެރީނާ ޤާއިމް ކުރުމަށް ކުރެވެމުންދާ މަސައްކަތް ކާމިޔާބުވުމަށް މަގުފެހިވެގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

އުލިގަމު ކަސްޓަމްސް އިމާރާތް ޤާއިމްކުރުމަށް 5.6 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުކުރައްވާފައިވާއިރު، މި އިމާރާތުގެ މަސައްކަތް ނިންމައިދީފައިވަނީ އެސް.ޖޭ ކޮންސްޓްރަކްޝަނުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން