ކަސްޓަމްސް އޮފިސަރުންގެ މަސައްކަތުން މިފަހަކަށް އައިސް އަތުލައިގަނެވިފައިވާ މަސްތުވާތަކެތި އިތުރުވެފައިވާކަމަށް މިނިސްޓަރ އޮފް ޑިފެންސް މާރިއާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިއާ މިހެން ވިދާޅުވީ ކަސްޓަމްސް ނޯތު ރީޖަނަލް ހެޑް އޮފީސް ރަސްމީކޮށް ހުޅުއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

ކަސްޓަމްސް ނޯތު ރީޖަނަލް ހެޑް އޮފީސް އިމާރާތް ރަސްމީކޮށް ހުޅުއްވައިދެއްވީ ކަސްޓަމްސްގެ ބެލެނިވެރި މިނިސްޓަރ، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.

މި ރަސްމިއްޔާތުގައި، ކަސްޓަމްސްގެ މިނިސްޓަރ، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީގެ އިތުރުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް، ކުޅުދުއްފުށީ ސިޓީގެ މޭޔަރގެ އިތުރުން ކައުންސިލްގެ މެމްބަރުންނާއި އެމް.އެން.ޑީ.އެފް އަދި ކަސްޓަމްސްގެ އިސްވެރިންނާއި އޮފިސަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ދެއްކެވި ވާހަކައިގައި، ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން މިއަދު ކުޅުދުއްފުށި ސިޓީގައި ޤާއިމްކުރެވުނު ނޯތް ރީޖަނަލް އޮފީހުގެ ސަބަބުން ސަރަހައްދީ ބަނދަރުތަކުން މުދާ ކްލިއަރކުރުމަށް ހޭދަވާ ވަގުތު ކުޑަވެ، ވިޔަފާރީގެ ޚަރަދު ކުޑަވުމުގެ އިތުރުން، ރައްޔިތުމީހާއަށް ހެޔޮއަގުގައި ތަކެތި ގަންނަންލިބުމަށް މަގުފަހިވެގެންދާނެކަމަށް ވިދާޅުވިއެވެ. އަދި ކަސްޓަމުން ކުރާ މަސައްކަތަކީ ދިވެހިރާއްޖޭގެ ސަލާމަތާ ރައްކާތެރިކަމާ ގުޅިލާމެހިފައިވާ ބުރަ މަސައްކަތެއްކަން ފާހަގަކުރައްވާ ކަސްޓަމްސް އޮފިސަރުންގެ މަސައްކަތުން މިފަހަކަށް އައިސް އަތުލައިގަނެވިފައިވާ މަސްތުވާތަކެތި އިތުރުވެފައިވާކަން ފާހަގަކުރެއްވިއެވެ. މިނިސްޓަރގެ ވާހަކައިގައި، މަސްތުވާތަކެތި އެތެރެވިޔަނުދިނުމަށް ކުރެވޭ މަސައްކަތުގައި ކަސްޓަމްސްގެ މުވައްޒަފުންގެ ހުނަރުވެރިކަމާ ކުޅަދާނަކަން ފާހަގަކޮށް މި މުހިއްމު ޤައުމީ ޚިދުމަތް ދިނުމަށްޓަކައި ހީވާގިކަމާއެކު ކަސްޓަމްސް އޮފިސަރުން ކޮށްދެއްވާ އަގުހުރި މަސައްކަތަށް ޝުކުރުއަދާކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ދެއްކެވި ވާހަކައިގައި އަލަށް މި ޤާއިމް ކުރެވުނު އިމާރާތަކީ ރާއްޖޭގެ އުތުރުގައި އިޤްތިސާދީ ސިނާއަތްތައް ތަރައްޤީކޮށް ފުޅާކުރުމަށް އެޅުނު މުހިންމު ބިނާއަކަށް ވެގެންދާނެކަމަށް ވިދާޅުވިއެވެ. އަދި އެންމެފަހުން އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް ގެނެވުނު ބަދަލާއިއެކު ރަސްމީ ސަރަހައްދީ ބަނދަރުތަކުން އެތެރެކުރާ މުދަލުން 50 އިންސައްތަ ޑިއުޓީ މަޢާފްކުރުމަށް ހަމަޖެހުމާއެކު މި ސަރަހައްދުން ޚިދުމަތް ހޯއްދަވާ ފަރާތްތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި މި އޮފީސް އިމާރާތުގެ ސަބަބުން ރީޖަނަލް ކަސްޓަމްސްގެ ޚިދުމަތްތައް ހަރުދަނާވެ، ވިޔަފާރިވެރިންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިމުގެ އިތުރުން މާލޭ ކޮމާޝަލް ބަނދަރުގެ ޓްރެފިކަށް ލުއެއް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

ކަސްޓަމްސް ނޯތު ރީޖަނަލް ހެޑް އޮފީސް އިމާރާތުގެ މަސައްކަތް 2017 ގައި އެސް.ޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ފެށިފައިވާއިރު، މި އިމާރާތް ޤާއިމްކުރުމަށް 16.9 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުކުރެވިފައިވެއެވެ. 3 ބުރީގެ މިއިމާރާތުގައި އޮފީސް އޭރިޔާއަކާއި، ރީޖަނަލް ޓްރެއިނިންގް ސެންޓަރެއްގެ އިތުރުން ސްޓާފް އެކަމަޑޭޝަންބައެއް ޤާއިމް ކުރެވިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން