ވެމްކޯ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ވެމްކޯ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
މާލޭ ސިޓީ ކައުންސިލުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަށް ނުދައްކާ ހުރި ބިލުގެ ޖުމްލަ ޢަދަދު 30.5 މިލިއަން ރުފިޔާއަށް އަރާ ކަމަށް ވެމްކޯ އިން ހާމަކޮށްފިއެވެ.

ވެމްކޯ އިން މިހާރު ބާއްވަމުން ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯޕަރޭޝަނުގެ ޗީފް ފައިނޭންޝިއަލް އޮފިސަރު އަބްދުލް ހަލީމް އަބްދުލްޤަފޫރު ވިދާޅުވީ، މާލޭ ސިޓީ ކައުންސިލުން ވެމްކޯއަށް ދައްކަން ހުރި ފައިސާގެ ޢަދަދު 30.5 މިލިއަން ރުފިޔާއަށް އަރާކަމަށެވެ. އޭނާ ވިދާޅުވީ، މިހާތަނަށް ވެމްކޯގައި ރަޖިސްޓްރީ ކޮށްފައިވަނީ 16،000 ގޭބިސީން ކަަމަށާއި، ނަމަވެސް ގޭބިސީތަކުން އެ ކުންފުންޏަށް ލިބެން ޖެހޭ 59 މިލިއަން ރުފިޔާ އެބަހުރި ކަމަށެވެ.

ވެމްކޯއާއި ސިޓީ ކައުންސިލާއި ދެމެދު ކުނީގެ މައްސަލައިގައި ބޮޑު މައްސަލަގަނޑެއް އުފެދިފައި މިވަނީ މާލެ ސަރަހައްދުގެ ކުނި ނަގާ އުސޫލަށް ވެމްކޯއިން އިއްޔެ ގެނައި ބަދަލާއެކުއެވެ. އެގޮތުން މަގުމައްޗަށް ކުނި ނެރުމުގެ ބަދަލުގައި، ގޭގެއަށް ވަދެ ކުނި ނެގުމުގެ މަސައްކަތް ވެމްކޯއިން ވަނީ ފަށާފައެވެ. ނަމަވެސް އިއްޔެވެސް ގިނަ ބަޔަކު ވަނީ މަގުމައްޗަށް ކުނި ނެރެފައެެވެ. އެކަމަކު ކުނިތައް މިއަދު ހެނދުނުވިއިރުވެސް ނަގާފައެއް ނުވެއެވެ.

ވެމްކޯ އިން މިއަދު ބުނީ، މިމަހުގެ 30 ގެ ނިޔަލަށް އަލުން ވެމްކޯގެ ޚިދުމަތަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ސިޓީ ކައުންސިލުން ބުނާގޮތުން މާލޭގެ މަގުތަކުގައި ހުންނަ ކުނި ނެގުމަށް ސިޓީ ކައުންސިލާއި ވެމްކޯއާދެމެދު ވަނީ އެއްބަސްވުމެއް ގާއިމްކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ސިޓީ ކައުންސިލުން ވެމްކޯއަށް އެތައް މިލިއަން ރުފިޔާއެއް ކުނި ނެގުމަށް ދޭ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ވެމްކޯއާ މާލޭ ސިޓީ ކައުންސިލާ ދެމެދު މިފަދަ ދެބަސްވުންތަކެއް ފެންމަތިވާން ފެށީ އިދިކޮޅުގެ ފުރިހަމަ އަޣުލަބިއްޔަތު އޮތް ކައުންސިލެއް ހިނގަންފެށިފަހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން