އުނަގަނޑުގެ މައްސަލަ ހުންނާތީ ގިނައިރު ގޮނޑީގައި އިންނަވަން ދަތިފުޅުކަމަށް ވިދާޅުވެ، ޝަރީއަތުގެ ވަގުތު ކުޑަކޮށްދެއްވުމަށް ރައީސް ޔާމީން ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފި އެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް އަޑުއެހުންތައް ސުޕްރީމް ކޯޓުގައި މިހާރު ވަނީ ފަށާފައެވެ. އަދި ރައީސް ޔާމީންގެ ފަރާތްޕުޅުން ގިނަ ނުކުތާތަކެއް ވަނީ ޝަރީއަތުގައި ފާހަގަކުރައްވާފައެވެ. އަދި އެ ނުކުތާތައް ހުށަހެޅުމަށް ގިނަ ވަގުތުތަކެއް މިހާރުވެސް ވަނީ ފާއިތުވެފައެވެ.

މިއަދުގެ އަޑު އެހުމުގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަކީ އުނަގަނޑުގެ މައްސަލަ ވަރަށް ބޮޑަށް ހުންނަ ބޭފުޅެއް ކަމަށާއި ގިނައިރު ގޮނޑީގައި އިންނަވަން ވަރަށް ދަތިފުޅުކަމަށެވެ. އަދި ވަރަށް ގިނަ އިރުތަކެއް ވަންދެން ޝަރީއަތް ކުރިއަށްދާގޮތަށް ޝެޑިއުލްކޮށްފައިވާއިރު، ކޮންމެވެސް ގޮތަކަށް އެކަމަށް ރިއާޔަތް ކޮށްދެއްވުމަކީ ވަރަށް އެދިވަޑައިގަންނަވާ ކަމެއްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މައްސަލަ ބައްލަވާ ބެންޗުގެ އިސް ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަނީ އެކަމުގައި ރައީސް ޔާމީން އެދިވަޑައިގަންނަވާ ގޮތް ސާފުކުރައްވާފައެވެ.

ރައީސް ޔާމީން ވަނީ ދުވާލަކު އެއް ސެޝަން ބާއްވައި، ސެޝަނެއް ތިން ގަޑިއިރަށް ވުރެ ދިގު ނުކުރުމަށް އެދިވަޑައިގެންފައެވެ.

ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ މިހާތަނަށް މި މައްސަލައިގައި ހަ ގަޑިއިރުގެ ޝަރީއަތް ބޭއްވިފައިވާއިރު، މައްސަލަ ކުރިއަށްދަނީ އެންމެ ރަނގަޅު ބާރުމިނުގައި ކަމަށް ގަބޫލުނުކުރައްވާކަމަށެވެ. އެހެންވެގެން އިސްތިއުނާފީ ނުކުތާތައް ހުށަހަޅުއްވައި ދިނުމުގައި ވީހާ ވެސް ވަގުތު ބޭކާރު ނުވާނެ ގޮތަށް ކުރިއަށް ގެންދަވަން އެދިވަޑައިގަންނަވާ ކަމަށް ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ޖުމްލަ 22 އިސްތިއުނާފީ ނުކުތާއެއް ހުށަހަޅުއްވާފައެވެ. ނަމަވެސް އޭގެތެރެއިން މިހާތަނަށް ޝަރީއަތަށް ހުށަހެޅުނީ ދެބައިކުޅަ އެއްބައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން