ދެ ދަރިން ޖާމިނުކޮށް ކަފާލާތުގެ ދަށުން ގޭބަންދަށް ދޫކޮށްދިނުމަށް ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ ކޯޓުގައި އެދިއްޖެއެވެ.

ނުހަދާ ފްލެޓް ވިއްކާފައި މަކަރާ ހީލަތުން އޮޅުވާލައިގެން އެތައް ބައެއްގެ އަތުން ފައިސާ އަތުލި މައްސަލައިގައި ހޯދަމުންދިޔަ އަހުމަދު މޫސާ ފިލައިގެން އުޅެނިކޮށް ހައްޔަރުކުރުމަށްފަހު ރާއްޖެ ގެނައީ މިއަހަރުގެ މާޗުމަހުގެ 24 ވަނަ ދުވަހުއެވެ. އަދި ފުލުހުންގެ ބަންދުގައި ހުއްޓާ އޭނާ ދޫކޮށްލަން ދަށު ކޯޓުން ނިންމި ނިންމުން ބާތިލުކުރުމަށްފަހު އޭނާ ހުރީ ޝަރީއަތް ނިމެންދެން ފުލުހުންގެ ބަންދުގައެވެ.

މިއަދު އޮތް ބަންދުގެ މުއްދަތު ރިވިއު ކުރުމުގެ އަޑުއެހުމުގައި ވެސް ގާޒީ ނިންމެވީ ބަންދުން ދޫކޮށްލަންޖެހޭ ސަބަބެއް ނެތުމުން ބަންދު ދެމެހެއްޓުމަށެވެ. މި ނިންމުމާއެކު އަންމަޓީ ވަނީ އޭނާގެ ދެ ދަރިން ޖާމިނުކޮށް ކަފާލާތުގެ ދަށުން ގޭބަންދަށް ދޫކޮށްދިނުމަށް ނުވަތަ ޝަރުތުކޮށްފައި ނަމަވެސް ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދިފައިވާނޭކަމަށް ބުނެފައެވެ.

ނަމަވެސް ގާޒީ ވިދާޅުވީ އަންމަޓީގެ މައްޗަށް ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ މަސްލަހަތު ގެއްލި، ކުށް ކުރުމަށް ހިތްވަރު ލިބޭނެ ކަމަށެވެ. ނަމަވެސް، 30 ދުވަސް ފަހުން އަނެއްކާވެސް ބަންދު ރިވިއު ކުރާއިރު ހާލަތު ބަދަލުވެފައިވާނަމަ އެކަމަށް ރިއާޔަތް ކުރައްވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

ފްލެޓްއަޅައި، ވިއްކާފައި މަކަރާ ހީލަތުން އޮޅުވާލައިގެން އެތައް ބައެއްގެ އަތުން ފައިސާ އަތުލި މައްސަލައިގައި އަޙްމަދު މޫސާގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ޚިޔާނާތުގެ 42 ދައުވާއެއް އުފުލާފައެވެ. މި މައްސަލަތައް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން