ރައީސް ޔާމިންގެ މައްޗަށް ހުކުމްކުރި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ލީކުވި ކަމަށް ބުނާ އޯޑިއޯތަކުގެ މައްސަލައިގައި އިދިކޮޅުން ޕްރޮސެކިއުޓަރ ޖެނެރަލާ މިއަދު ބައްދަލުކޮށްފިއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމާއެކު ބޭއްވި ބައްދަލުވުން އޮތީ މިއަދު ޕީޖީ އޮފީހުގައެވެ. މިބައްދަލުވުމުގައި އިދިކޮޅުގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ، އަދުރޭގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފާއި ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫނު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ބައިވެރިވެވަޑައިގަތެވެ.

މިބައްދަލުވުމުގައި އިދިކޮޅު ފަރާތްތަކުން ވަނީ ލީކުވި އޯޑިއޯތަކުގެ މައްސަލައިގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކޮށްފައެވެ. އަދި އެކަމުގައި ޔަގީންކުރަންޖެހޭ ކަންކަން ޔަގީންވާނީ، ރަނގަޅު ތަހުގީގެއް ހިންގުމުން ކަމަށް ވާތީ، އެކަން ބަލައިދިނުމަށް އިދިކޮޅުން ޕީޖީ އަރިހުގައި އެދުނެވެ.



އިދިކޮޅުން ބުނީ އޯޑިއޯތަކުގެ ފޮރެންސިކް ތަހުގީގު ކުރިއަށް ގެންދާ ގޮތް ގާތުން ބައްލަވައިދެއްވާނެކަމަށް ޕީޖީ ޝަމީމް ވިދާޅުވި ކަމަށެވެ.

ފަނޑިޔާރުންގެ އޯޑިއޯތަކުގެ މައްސަލަ ޖޭއެސްސީންވެސް ދަނީ ބަލަމުންނެވެ. ނަމަވެސް އެއީ ސައްހަ އޯޑިއޯތަކެއް ނޫންކަމަށް އެ ފަނޑިޔާރުން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މިމައްސަލަ ފުލުހުންނަށް ހުށަހަޅައިގެން ފްރޮންސިކް ތަހުގީގެއް ދަނީ ހިންގަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން