މާލެ ސިޓީ ކައުންސިލާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއާ ދެމެދު ކުނީގެ ހަނގުރާމައެއް ފެށިއްޖެއެވެ.

ވެމްކޯއާއި ސިޓީ ކައުންސިލާއި ދެމެދު ކުނީގެ މައްސަލައިގައި ބޮޑު މައްސަލަގަނޑެއް އުފެދިފައި މިވަނީ މާލެ ސަރަހައްދުގެ ކުނި ނަގާ އުސޫލަށް ވެމްކޯއިން އިއްޔެ ގެނައި ބަދަލާއެކުއެވެ. އެގޮތުން މަގުމައްޗަށް ކުނި ނެރުމުގެ ބަދަލުގައި، ގޭގެއަށް ވަދެ ކުނި ނެގުމުގެ މަސައްކަތް ވެމްކޯއިން ވަނީ ފަށާފައެވެ. ނަމަވެސް އިއްޔެވެސް ގިނަ ބަޔަކު ވަނީ މަގުމައްޗަށް ކުނި ނެރެފައެެވެ. އެކަމަކު ކުނިތައް މިއަދު ހެނދުނުވިއިރުވެސް ނަގާފައެއް ނުވެއެވެ.

މިކަމާއި ގުޅިގެން މާލެ ސިޓީގެ މޭޔަރ ޑރ. މުއިއްޒު ވަނީ ވަރަށް ބޮޑަށް ވެމްކޯއަށް ފާޑު ވިދާޅުވެފައެވެ. އަދި ޖެއްސުންކުރުމުގެ ފުރުސަތު ވެމްކޯއަށް ނުދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒުގެ ވާހަކަތަކަށް ފަހު ދެން ފެނިގެންދިޔައީ މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ނިކުމެ ކުނި ނަގަންފެށި މަންޒަރެވެ. ނަމަވެސް މިކަމުގައި އެންމެ އާދަޔާ ހިލާފު ކަމަކަށްވީ ނެގި ކުނިތަކަށް ހެދި ގޮތެވެ.

ސިޓީ ކައުންސިލުން ނެގި ކުނިތައް ބޮޑެތި ލޮރީތަކުގައި ގެންގޮސް އަޅާލީ މާލޭގައި ހުންނަ ވެމްކޯގެ ވޭސްޓް ކަލެކްޝަން ސެންޓަރުގެ ދޮރުމައްޗަށެވެ.



ސިޓީ ކައުންސިލުގެ މި އަމަލަކީ ޖެއްސުންކުރުމުގެ ފުރުސަތު ވެމްކޯއަށް ނުދެއްވާނެކަމަށް މޭޔަރ ވިދާޅުވުމަށްފަހު ފެނިގެންދިޔަ ތަފާތު މަންޒަރެކެވެ.



"‏މަގުމަތި ސާފުކޮށް ބޭއްވުމަށް ވެމްކޯއަށް ފައިސާ ދީގެން ސިޓީ ކައުންސިލުން ކުރުވާ މަސައްކަތް ވެމްކޯއިން ނުކޮށް ރައްޔިތުންނަށާއި ސިޓީ ކައުންސިލަށް ޖެއްސުންކުރާކަށް ފުރުސަތު ނުދޭނަން. އެ ކަމަށް ސިޓީ ކައުންސިލުން އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅަން ފަސްނުޖެހޭނެ ވާހަކަ ދަންނަވަން." މުއިއްޒު ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން ބުނާގޮތުން މާލޭގެ މަގުތަކުގައި ހުންނަ ކުނި ނެގުމަށް ސިޓީ ކައުންސިލާއި ވެމްކޯއާދެމެދު ވަނީ އެއްބަސްވުމެއް ގާއިމްކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ސިޓީ ކައުންސިލުން ވެމްކޯއަށް އެތައް މިލިއަން ރުފިޔާއެއް ކުނި ނެގުމަށް ދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން