ޢަލީ އަރުޙަމް މުޙައްމަދު-
ޢަލީ އަރުޙަމް މުޙައްމަދު-
ތ. ތިމަރަފުށީގައި އޮޕަރޭޓްކުރަމުންދިޔަ، އައިސިސް ޖަމާޢަތަށް ތާއީދުކުރާ ހަރުކަށި ފިކުރުގެ ސެލްއަކުން ދިވެހިރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއް ދޭން ރޭވިކަމަށް ތުހުމަތުކުރެވުނު މައްސަލާގައި ދަޢުވާލިބުނު މީހުންގެ ތެރެއިން ޢަލީ އަރުޙަމް މުޙައްމަދު ފިޔަވައި އެހެން އެންމެން ބަންދުން މިނިވަންވެއްޖެއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ، ކްރިމިނަލް ކޯޓުން މި މައްސަލައިގެ ޙުކުމް އިއްވާފައިވަނީ މިއަދު ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ކަމަށެވެ.

މި މައްސަލާގައި ދަޢުލަތުން 7 ބާވަތެއްގެ ދަޢުވާއެއް ކޯޓަށް ހުށަހަޅާފައިވާއިރު، ސާބިތުވާކަމަށް ކޯޓުން ކަނޑައަޅާފައިވަނީ އޭގެ ތެރެއިން 3 ދަޢުވާއެކެވެ. އެއީ:

ޓެރަރިސްޓު ޖަމާޢަތަކަށް ތާއީދުކުރުން: ޢަބްދުﷲ ޢިމާދުގެ މައްޗަށް 3 އަހަރުގެ ޖަލު ޙުކުމެއް، އަދި ޢަލީ މުނީޒުގެ މައްޗަށް 1 އަހަރާއި 9 މަހާއި 1 ދުވަހުގެ ޖަލު ޙުކުމެއް ވަނީ އިއްވާފައެވެ. ނަމަވެސް، މި ދެ މީހުން ޝަރީޢަތް ނިމެންދެން ބަންދުގައި ހޭދަކުރި މުއްދަތު ޙުކުމުން އުނިކުރުމުން، ތަންފީޛުކުރަންޖެހޭ އަދަބެއް ނެތްކަމަށް ކޯޓުން ވަނީ ނިންމާފައެވެ. މި ދަޢުވާ ސާބިތުވި ޢަލީ އަރުޙަމް މުޙައްމަދުގެ މައްޗަށް އިއްވީ 3 އަހަރުގެ ޖަލު ޙުކުމެކެވެ.

ހަނގުރާމައަށް ދާން އުޅުން: މި ދަޢުވާ ސާބިތުވެފައިވަނީ ހަމައެކަނި ޢަލީ އަރުޙަމް މުޙައްމަދުގެ މައްޗަށެވެ. އެ ކުށަށް އޭނާގެ މައްޗަށް 5 އަހަރުގެ ޖަލު ޙުކުމެއް ވަނީ އިއްވާފައެވެ.

ޢަދުލުއިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުން: މި ދަޢުވާ ޢަބްދުﷲ ޢިމާދު އަދި އިބްރާހީމް ލޫތުގެ މައްޗަށް ސާބިތުވެ، ކޮންމެ މީހަކަށް 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ޙުކުމެއް އިއްވި ނަމަވެސް، ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އެ މީހުން ވެސް ތަންފީޛު ކުރަންޖެހޭ އިތުރު އަދަބެއް ނެތެވެ.

މި މައްސަލާގައި ހިމެނޭ ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުމާއި، ޓެރަރިސްޓް ޖަމާޢަތެއްގެ މެންބަރަކަށްވުމާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ އިތުރުން ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދަޢުވާތައް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމަވާފައެވެ. ކޯޓުން މި ދަޢުވާތައް ސާބިތުނުވާ ކަމަށް ނިންމި މައިގަނޑު ސަބަބަކީ، މައްސަލާގައި ހުށަހެޅިފައިވާ މޮބައިލް ފޯނަކުން ނެގި ޑާޓާގެ ނަޒާހާތްތެރިކަމާމެދު ސުވާލު އުފެދިފައިވާތީ ކަމަށް ބަޔާންކޮށްފައެވެ.

ޕީޖީ އޮފީހުން ބުނީ، ސާބިތު ނުވާކަމަށް ކޯޓުން ނިންމި ދަޢުވާތައް އިސްތިއުނާފުކުރުމާމެދު ގޮތެއް ނިންމާނީ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ލިބުމުން ކަމަށެވެ. މި ނިންމުމާއެކު، ޢަލީ އަރުޙަމް މުޙައްމަދު ފިޔަވައި މި މައްސަލާގައި ދަޢުވާލިބުނު އެހެން އެންމެން ވަނީ ބަންދުން މިނިވަންވެފައެވެ.

މި މައްސަލައަކީ 8 ފެބްރުވަރީ 2021 ގައި ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ. މައްސަލައިގެ ހެކިބަސް ނަގައި ނިމިފައިވަނީ ޖަނަވަރީ މަހުގެ ތެރޭގައެވެ. އަދި އެޕްރީލް މަހު ޚުލާޞާ ބަޔާން ހުށަހަޅައި، ޝަރީޢަތުގެ އަޑުއެހުންތައް ވަނީ އެއްކޮށް ނިންމާލާފައެވެ.

މި މައްސަލާގައި އެކި ދަޢުވާތައް އުފުލާފައިވަނީ ޢަބްދުﷲ ޢިމާދު، އިބްރާހީމް ލޫޠު، ޢަލީ މުނީޒު، މުޙައްމަދު އާޞިރު، ޢަބްދުﷲ ޝަރީފް، ޝަމާޚު ޝަރީފް، އަޙުސަން މުޙައްމަދު އަދި ޢަލީ އަރުޙަމް މުޙައްމަދުގެ މައްޗަށެވެ.



ކިޔުންތެރިންގެ ހިޔާލު