ޑްރަގުގެ ވަބާގައި ޖެހިފައިވާ 8 އަހަރުގެ ކުދިންވެސް ރާއްޖޭގައި އެބަތިބިކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓަރ އަހުމަދު ނަސީމް މިހެން ވިދާޅުވީ ރާއްޖޭގައި ޑްރަގުގެ ވަބާ އޮތް މިންވަރާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި ޕްރެޒެންޓޭޝަންގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިނިސްޓަރ ނަސީމް ވިދާޅުވީ ރާއްޖޭގެ ޑްރަގުގެ ހާލަތު މިހާރު އޮތީ ވަރަށް ނާޒުކު ހާލެއްގައި ކަމަށާއި، ޑްރަގުގެ ވަބާގައި 8 އަހަރުގެ ކުދިންވެސް ޖެހިފައިވާކަމަށެވެ. ނަމަވެސް ޑްރަގްގެ ވަބާއިން ސަލާމަތްވުމަށް މިހާތަނަށް އެކަށީގެންވާވަރާއި ގާތަށްވެސް މަސައްކަތް ކުރެވިފައި ނުވާކަމަށް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ ސަރުކާރުން ނެޝަނަލް ޑްރަގް އެޖެންސީ ދަށުން މިހާރު ފަށާފައިވާ މަސައްކަތުން މައްސަލަތައް ދެނެގަނެވި، މިހާރު ރާއްޖޭގައި ޑްރަގުގެ ނުރައްކާ އޮތް މިންވަރާއި، ހާލަތު ދެނެގަނެވިފައިވާކަމަށެވެ. އަދި ރާއްޖޭގައި ޑްރަގުގެ ވަބާ އޮތް މިންވަރުން ހާލަތު ބަދަލު ކުރުމަށް ކުރެވޭ މަސައްކަތުން ޖަލުތަކުގައާއި، އަތޮޅުތެރޭގެ ރަށްތަކުގައިވެސް ޚާއްސަ ޕްރޮގުރާމުތަކެއް ހިންގުމަށް ހަމަޖެހިފައިވާކަމަށް ނަސީމް ވިދާޅުވިއެވެ.

ހެލްތު މިނިސްޓްރީން ބުނީ ރާއްޖޭގައި ޑްރަގުގެ ވަބާގައި ޖެހެމުންދާ މީހުންގެ އުމުރު ފުރާއާއި، ޑްރަގް އެތެރެކުރާ މިންވަރާއި، ގޮތްތަކަށްވެސް ބަދަލު އަންނަމުންދާކަމަށެވެ. އެގޮތުން ކުރިން 22 އާއި 37 އަހަރާއި ދެމެދުގެ މީހުންގެ މެދުގައި މަސްތުގެ ވަބާ އޮތްނަމަވެސް މިހާރު މިއުމުރު ފުރާ އުޅޭނީ 17 އަަހަރާއި 68 އަހަރާއި ދެމެދުގައިކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ރާއްޖެއަށް ޑްރަގް އެތެރެ ކުރުމުގައި ޒަމާނީ އުކުޅުތަކާއިއެކު މެއިލް މެދުވެރިކޮށްވެސް ޑްރަގު އެތެރެކުރަމުންދާކަމަށާއި ރާއްޖެއަށް ޑްރަގު އެތެރެކުރުމުގައި މައިގަނޑު ގޮތެއްގައި ހަރަކަތްތެރިވަނީ ދިވެހިން ކަމަށްވެސް މަޖިލީހަށް ހުށަހެޅި ޕްރެޒެންޓޭޝަންގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން