އިންސާނީ ކަރާމަތާއި ޙައްޤުތައް ރައްކާތެރިކުރުމަކީ އދގެ 76 ވަނަ އާއްމު މަޖިލީހުގެ މައިގަނޑު އަސާސަށް ހައްދަވާނެކަމަށް، އާއްމު މަޖިލީޙުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އދގެ 76 ހަވަނަ އާންމު މަޖިލީހުގެ ފަޚުރުވެރި ރިޔާސަތާއި ރޭގައި ހަވާލުވެވަޑައިގެންނެވުމަށްފަހު ޝާހިދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ 76 ވަނަ ސެޝަން ފަށާއިރު، އިންސާނީ ކަރާމަތާއި އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަކީ މި ސެޝަންގެ ކޮންމެ ހިސާބެއްގައިވެސް މައިގަނޑު އަސާސް ކަމުގައިވާނެކަމަށެވެ. އަދި މިންތީގެ ހަމަހަމަކަށްޓަކައި ޖެންޑާ އެޑްވައިޒަރީ ބޯޑު އަލުން އެކުލަވައިލުމަށް ގަސްދުކުރައްވާކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މިންތީގެ ހަމަހަމަ ޕެނަލެއްގައި ނޫނީ އެމަނިކުފާނު ބައިވެރިވެވަޑައި ނުގަންނަވާނެކަމަށެވެ. އަދި އެމަނިކުފާނުގެ ދަށުން މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަކީ މިންތީގެ ހަމަހަމަކަމާއި، ޖިންސީ ފުރައްސާރައިން ސަލާމަތްވުމާއި ގުޅޭ ޓްރެއިންނިންގ ކޯހެއް ފުރިހަމަކޮށްފައިވާ ބޭފުޅުންކަމުގައިވުން ލާޒިމްވާނެކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

"ތީގެ ތެރެއިން ކޯސް ފުރިހަމަކޮށްފައި ނުވާ ބޭފުޅުން، އެކަން ފުރިހަމަކުރުމަށް އަޅުގަނޑު ގޮވާލަން. ކޮންމެ ބޭފުޅެއްވެސް އަމިއްލަ ވިސްނުމުގެ ތެރެއިން ޖެންޑާ ޗެމްޕިއަނުންނަށް ވަމާތޯ. މިކަމުގައި އަޅުގަނޑާއެކު ބައިވެރިވެލައްވާ!" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މުހިންމު ނިންމުންތައް ނިންމުމުގައި ޒުވާނުން ބައިވެރިކުރުވުމަކީ އިސްކަންދޭނެ ކަމެއްކަމަށެވެ. އަދި އެމަނިކުފާނު އިފްތިތާޙުކުރަން ނިންމާފައިވާ "ޕްރެޒިޑެންޓް އޮފް ޖެނެރަލް އެސެމްބްލީ ޔޫތު ފެލޯޝިޕް ޕްރޮގްރާމް" ވެގެންދާނީ ޒުވާނުން ބާރުވެރިކުރުވުމަށް އެޅޭ ފާހަގަ ކޮށްލެވޭ ފިޔަވަޅަކަށްކަމަށް ޝާހިދު ވިދާޅުވިއެވެ.

"އަންޑަރރެޕްރެޒެންޓެޑް ޤައުމުތަކުގެ ޒުވާން ޑިޕްލޮމޭޓުންނާއި ސިވިލް ސާވަންޓުންނަށް ފުރުސަތު ދިނުމުން ހުރިހާ ޤައުމުތަކެއް ގުޅިގެން މަސައްކަތްކުރުމަށް އިތުރު ބާރަކަށް ވެގެންދާނެ. ޒުވާނުންނަށް އަޅުގަނޑުމެން ފުރުސަތުތައް ހޯދައިދޭނަން. ޔޫތު ފެލޯޝިޕް ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދީފައިވާ މެންބަރު ޤައުމުތަކަށް އަޅުގަނޑު ޝުކުރުދަންނަވަން. އަދި އަޅުގަނޑުމެންގެ މުސްތަޤުބަލަށް އިންވެސްޓުކުރުމަށް އެހެން މެންބަރު ޤައުމުތަކަށްވެސް ވެސް ދަޢުވަތު އަރުވަން." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އދ. ކުރިއަރުވައި އާރާސްތުކުރުމަށް، އަނެއްކާވެސް އދ. އަކީ އެންމެންގެ ފޯރަމަކަށް ހަދަންޖެހޭކަމަށެވެ. "ވީ ދަ ޕީޕަލްސް" ގެ ފޯރަމަކަށް ހަދަންޖެހޭ!" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އެކަން ޙާޞިލްކުރުމަށްޓަކައި ސިވިލް ސޮސައިޓީ އޯގަނައިޒޭޝަންތަކުގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތްކުރައްވާނެކަމަށެވެ. އެގޮތުން ސިވިލް ސޮސައިޓީ އާއި ޒުވާނުންނާއެކު ޤަވާއިދުން މުޢާމަލާތްކުރައްވާނެކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން