ޒަހީނުއްދީން ސަޢީދު   15 ސެޕްޓެމްބަރު 2021 - 13:16
ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، އދގެ ޢާންމު މަޖިލީހުގެ ރައީސްކަމުގެ ހުވާކުރައްވައި އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތާއި ރޭ ރަސްމީކޮށް ހަވާލުވެވަޑައިގެންފިއެވެ.

އެމެރިކާގެ ނިއުޔޯކުގައި ހުންނަ އެކުވެރިދައުލަތްތައް (އދ)ގެ މައި ޢިދާރާގައި އާންމު މަޖިލީހުގެ 75ވަނަ ސެޝަން ނިމުމާއެކު 76ވަނަ ސެޝަން ފަށައި އަބްދުﷲ ޝާހިދު ވަނީ މަޤާމުގެ ހުވާކުރައްވާފައެވެ. އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ދެއްވި ތަޤުރީރުގައި ދިވެހި ބަހުން މުޚާތަބަކުރައްވަމުން އަބްދުﷲ ޝާހިދު ވިދާޅުވީ، ރާއްޖެއަށް މިއަދު ލިބިގެން މިދާ ކުރިއެރުންތަކަކީ ރައީސް ޞާލިޙުގެ ޚާރިޖީ ސިޔާސަތު ދުނިޔެ ބަލައިގެންފައިވާ ކަމުގެ ހެއްކެއްކަމަށެވެ. މިއީ ދިވެހި ރާއްޖެއާއި ބޭރުދުނިޔެއާ މިއަދު އޮތް ބަދަހި ގާތް ގުޅުމުގެ ދަލީލެއްކަން ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ.

ދިވެހި ގައުމުގެ ފަހުރުވެރި އަބްތާލުންގެ މަތިވެރި ޖިހާދާއި ދިވެހި ރައްޔިތުންގެ ހިތްވަރުގަދަ ގުރުބާނީގެ ސަބަބުން މިއަދު ދިވެހި ދައުލަތުގެ ނަން ވިދަމުން ދަނީ ބައިނަލްއަގްވާމީ އުދަރެހުގެ އެންމެ އުހުގައި ކަމަށް ޝާހިދު ވިދާޅުވިއެެވެ. އަބުދު ﷲ ޝާހިދު ދެއްވި ތަގުރީރުގައި އެމަނިކުފާނުގެ ރިޔާސަތުގެ ދަށުން އެންމެ އިސްކަންދެއްވާނެ ކަންކަމާއި ކުރިއަރުވާނެ އެކިއެކި ދާއިރާތަކާއި ބެހޮގޮތުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މިގޮތުން ކޯވިޑުން އަރައިގަތުމަށް ޤައުމުތައް އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރުމުގެ މުހިއްމުކަމާއި، މިންތީގެ ހަމަހަމަކަން ކަށަވަރުކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް ޝާހިދު ވިދާޅުވިއެވެެ. ޝާހިދު ވިދާޅުވީ އދ. ގެ އާއްމު މަޖިލީހުން ރޭ ފެށި 76 ވަނަ ސެޝަނުގެ މައިގަނޑު އަސާސަކަށް ވާނީ އިންސާނީ ހައްގުތައް ރައްކާތެރިކުރުން ކަމަށެެވެ. ތަގުދީރުގެ އަތްމައްޗަށް އަދި އދ. ގެ ނިޒާމުގެ މައްޗަށް ބަރޯސާ ކޮށްގެން ތިބުމުގެ ބަދަލުގައި ކުރިއެރުމުގެ އާ ސަފުހާއެއް ލިޔެވިދާނެ ކަަމަށް ވެސް ޝާހިދުގެ ތަގުރީރުގައި ވިދާޅުވިއެވެެ.

ޝާހިދުގެ "އުއްމީދުގެ ރިޔާސަތު" ގެނެސްދޭނެ ފަސް ދޯއްޖާއި ބެހޭގޮތުން ވެސް ރޭގެ ތަގުރީރުގައި ވަނީ އަލިއަޅުއްވާލައްވާފައެެވެ. ޝާހިދު ވިދާޅުވީ އޭގެ ފުރަތަމަ ކަމަކީ ދުނިޔޭގެ އެންމެންނަށް ކޮވިޑް ވެކްސިން ފުރިހަމަކޮށްދިނުން ކަމަށެވެ. ދެވަނަ ކަމަކީ ކޮވިޑަށް ފަހު ދެމެހެއްޓެނިވި ގޮތެއްގައި ދުނިޔެ ބިނާކުރުމާއި މުހިއްމު ނިންމުންތަކުގައި ޒުވާނުން ބައިވެރިކުރުމާއި ގައުމުތަކުގެ ބައިވެެރިވުން އިތުރުކުރުން އަދި މިންތީގެ ހަމަހަމަކަމަށް މަސައްކަތް ކުރުމާއި މޫސުމަށް އަންނަަ ބަދަލުތަކުގެ ގެއްލުން ކުޑަކުރަން މަސައްކަތް ކުރުމެވެ.



ވެކްސިން ލިބުން ދަތިވާ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ގައުމުތަކުގެ ލީޑަރުންނާއި ކަމާ ބެހޭ މާހިރުންނާ އެކު މަތީ ފެންވަރުގެ ބައްދަލުވުމެއް ބޭއްވުމަށް ވެސް ޝާހިދު ވަނީ ނިއްމަވާފައެވެ. ޝާހިދު ވިދާޅުވީ އދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލާއި އިންޓަނޭޝަނަލް ފައިނޭންޝަލް އިންސްޓިޓިއުޝަންތަކާ ގުޅިގެން، އިޖުތިމާއީ އަދި އިގުތިސާދީ ކުރިއެރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެގޮތުން ހާއްސަ ހާލަތުތައް މެދުވެރިވެފައިވާ ގައުމުތަކަށް އެހީވުން ވަރަށް މުހިއްމު ކަމަށް ވެސް ޝާހިދުގެ ތަގުރީރުގައި ފާހަގަކުރެެއްވިއެވެެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުންތައް ކުޑަކުރުމަށްޓަކައި ކުރައްވާ މަސައްކަތެއްގެ ގޮތުގައި އެ މައްސަލަ އަށް މަޝްވަރާކުރަން މަތީ ފެންވަރުގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ. އެ ކަމަށްޓަކައި ބާއްވާ ހާއްސަ އިވެންޓް، ދުނިޔޭގެ ކްލައިމެޓް ސަމިޓް، "ކޮޕް 26 ގެ ކުރިން ބޭއްވުމަށް ޝާހިދު ވަނީ ނިންމަވާފައެވެ. މީގެ އިތުރުން މުހިއްމު ނިންމުންތައް ނިންމުމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރައްވާނެ އެއްކަމަކީ "ޕްރެޒިޑެންޓް އޮފް ޖެނެރަލް އެސެމްބްލީ ޔޫތު ފެލޯޝިޕް ޕްރޮގްރާމް" ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް ހިންގުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

އާ ހުވަފެންތަކެއް ކެރިގެން ދުށުމަށްޓަކައި ކެރިގެން އާ އުންމީދުތަކެއް ހާސިލު ކުރުމަށްޓަކައި، "ޕްރެޒިޑެންސީ އޮފް ހޯޕް" ބަލައިގަނެ އޭގައި ހިފެހެއްޓުމަށް ޝާހިދު ވަނީ ގޮވާލައްވާފައެެވެ.

"މިއަދު ފެންނަނީ މި އިއްޒަތްތެރި ބިމުގައި ދިވެހިންގެ މުބާރިކު ފެހި ދަނޑުގައި ދިވެހިންގެ މުރާލިކަމާ އެކުގައި ރުވަމުން ދިޔަ ގަސްތައް އާރޯކަމާއެކު ހެދި ފޯދެމުންދާ ނަލަ ރީތި މަންޒަރު." ޝާހިދުގެ ތަގުރީރުގައި ވިދާޅުވިއެވެެ.

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، އދ.ގެ ޢާންމު މަޖިލީހުގެ ރައީސްކަމުގެ ހުވާކުރައްވާ މަގާމާއި ހަވާލުވެވަޑައިގަތުމާއި ގުޅިގެން ރައީސް ސާލިހު ވެސް ވަނީ އެކަމަށް މަރުހަބާ ވިދާޅުވެފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން