އަހުމަދު މަސްނޫމް   12 ސެޕްޓެމްބަރު 2021 - 12:36
ރައީސް ޔާމިންގެ ވެރިކަމުގައި އިމާރާތްކުރި ހިޔާ ފްލެޓް ލިބުނު އެއްވެސް ފަރާތަކުން ފްލެޓް ކުއްޔަށް ދީފިނަމަ އެ ފްލެޓެއް އަތުލާނެކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

އަކްރަމް ކަމާލުއްދީން މިހެން ވިދާޅުވެފައި މިވަނީ، ހިޔާ ފްލެޓް ލިބުނު ބައެއް މީހުން އެ މީހުންނަށް ލިބިފައިވާ ފްލެޓް ކުއްޔަށް ދިނުމަށް އިޝްތިހާރުކުރަމުންދާކަން ހާމަވެފައި ވަނިކޮށެވެ. އެގޮތުން ބައެއް މީހުން ދަނީ 10,000 ރުފިޔާއަށް އެތަން ކުއްޔަށް ދިނުމަށް އިއުލާންކުރަމުންނެވެ.

މީޑިއާއަކަށް މައުލޫމާތު ދެއްވަމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ހިޔާ ފްލެޓަކީ ބޯހިޔާވެހިކަމެއް ނެތް އަދި ބޯހިޔާވަހިކަމަކަށް ކޮންމެހެން ބޭނުންވެފައިވާ ރައްޔިތުންނަށް ދިން ތަނެއް ކަމަށާއި އެހެންކަމުން ފްލެޓްތައް އެހެން ބަޔަކަށް ކުއްޔަށް ދިނުން އެއީ ސަރުކާރުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަކްރަމް ވިދާޅުވީ ފްލެޓްތައް ހަވާލުކުރި އިރުވެސް އެ ފްލެޓްތައް ކުއްޔަށް ނުދެވޭނެ ގޮތަށް އުސޫލެއް ކަނޑައަޅާފައިވާނެ ކަމަށެވެ. ނަމަވެސް ކުއްޔަށް ދެވޭ އުސޫލެއްވެސް އޮތްކަން އަކްރަމް ފާހަގަކުރެއްވިއެވެ. އެގޮތުން ފްލެޓް ލިބުނު މީހަކަށް ވަރަށް ބޮޑަށް ދަތިވެއްޖެނަމަ އެ ފްލެޓެއްގެ އެއްކޮޓަރި ކުއްޔަށް ދެވިދާނެ ކަމަށާއި އަދި ބަލިވެގެން ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާން ޖެހޭ މީހަކަށް އެ ފްލެޓެއް އެއް އަހަރަށް ކުއްޔަށް ދެވިދާނެ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.



އަކްރަމް ވިދާޅުވީ އުސޫލުތަކާއި ހިލާފަށް ފްލެޓް ކުއްޔަށް ދޭނަމަ އެ ފަރާތަކަށް ލިބިފައިވާ ފްލެޓް ވަކިކުރުމުގެ އުސޫލުގެ ތެރެއިން އަމަލު ކުރާނެކަމަށެވެ.

ރަސް އޮންލައިންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހިޔާ ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓް ކުއްޔަށް ދޭ ފަރާތްތަކަކީ އެތަންތަނުގެ ފިނިޝިންގ މަސައްކަތްކުރުމުގެ ގާބިލްކަން ނެތް ފަރާތްތަކެވެ.



ކިޔުންތެރިންގެ ހިޔާލު