ލިވަޕޫލްއަށް ކުޅެމުން އަންނަ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު
ލިވަޕޫލްއަށް ކުޅެމުން އަންނަ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު
ލިވަޕޫލާއެކު ހަދާފައިވާ އެއްބަސްވުން އާކުރަން, މިސްރުގެ ތަޖުރިބާކާރު ފޯވާޑް މުހައްމަދު ސަލާހު ބޭނުންވަނީ ބޮޑު މުސާރައަކަށް ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ލިވަޕޫލުން އުމުރުން 29 އަހަރުގެ ސަލާހު ގަތީ 2017 ވަނަ އަހަރުގެ ޖޫން މަހު ރޯމާއަށް 35 މިލިޔަން ޕައުންޑް ދެއްކުމަށްފަހުއެވެ. އޭގެ ފަހުން 2018 ވަނަ އަހަރު ލިވަޕޫލުގެ އެއްބަސްވުން އާކޮށްފައިވާއިރު، އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2023 ވަނަ އަހަރުއެވެ. އެގޮތުން މިވަގުތު ލިވަޕޫލާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން މުސާރައިގެ ގޮތުގައި ހަފުތާއަކު ދެ ލައްކަ ޕައުންޑް ސަލާހަށް ލިބެއެވެ.

ލިވަޕޫލުން ސަލާހުގެ އެއްބަސްވުން އާކުރުމުގެ މަޝްވަރާތައް ކުރިއަށްގެންދާއިރު، އައު އެއްބަސްވުމުގައި ސަލާހު ސޮއިކުރަން ބޭނުންވަނީ މުސާރަ ބޮޑުކުރުމުން ކަމަށާއި، ހަފުތާއަކު ފަސް ލައްކަ ޕައުންޑުގެ މުސާރައެއް ދޭން ސަލާހު ޑިމާންޑުކޮށްފައިވާ ކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އަދި ޑިމާންޑް ކޮށްފައިވާ މުސާރާ ދޭން ލިވަޕޫލުން އެއްބަސްވެއްޖެނަމަ، ސަލާހު ވެގެންދާނީ ލިވަޕޫލުގެ ތާރީޚުގައި އެންމެ ބޮޑު މުސާރައެއް ދޭނެ ކުޅުންތެރިޔާއަށެވެ.

ލިވަޕޫލަށް ބަދަލުވެ ގިނަ ރިކޯޑުތަކެއް މުގުރާލާފައިވާ ސަލާހު މިހާތަނަށް ލިވަޕޫލަށް ކުޅެދިން 206 މެޗުގައި ވަނީ 127 ލަނޑު ޓީމަށް ކާމިޔާބުކޮށްދީފައެވެ. އަދި ފަހުން ލިވަޕޫލުން ހޯދި ކާމިޔާބީތަކުގައި ސަލާހު ވަނީ މުހިންމު ރޯލެއް އަދާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން