މާޝާ މިދުހަތު   6 ސެޕްޓެމްބަރު 2021 - 14:54
ދެކުނު ކޮރެއާގެ މަޝްހޫރު ކޭޕޮޕް ބޭންޑް ބީޓީއެސް ދުނިޔޭގެ ރިކޯޑް ފޮތަށް އަރައިފިއެވެ.

2013 ވަނަ އަހަރު ވުޖޫދަށް އައި މި ބޭންޑަށް މުޅި ދުނިޔޭގެ ސަމާލުކަން މިހާރު ލިބިފައިވާއިރު، ބީޓީއެސް އިން ދަނީ މުނިފޫހިފިލުވުމުގެ ދާއިރާއިން އެތައް އެވަރޑަކާއިއެކު އެތައް ކާމިޔާބީއެއް ހޯދަމުންނެވެ. މިކާމިޔާބީތަކާއެކު 23 ރެކޯޑަކާއެކު ބީޓީއެސް މިހާރު މިވަނީ ދުނިޔޭގެ ރިކޯޑް ފޮތަށްވެސް އަރައިފައެވެ.

މީގެތެރޭގައި، ސްޕޮޓިފައި މެދުވެރިކޮށް އެންމެ ގިނަބަޔަކު އަޑުއެހި މިއުޒިކް ގްރޫޕް، އިންސްޓަގްރާމްގައި އެންމެ ގިނަބަޔަކު ފޮލޯ ކުރާ މިއުޒިކް ގްރޫޕް އަދި ޓްވިޓަރގައި އެންމެ ގިނަ ރީޓްވީޓް ލިބިގެންގޮސްފައިވާ މިއުޒިކް ގްރޫޕްގެ ގޮތުގައި ގިނިސް ވޯލްޑް ރިކޯޑް ފޮތުގައި ބީޓީއެސް ހިމެނިގެން ގޮސްފައިވެއެވެ. މީގެ އިތުރުން، ބީޓީއެސް އިން ރިލީޒްކޮށްފައިވާ "ބަޓަރ" އަދި "ޑައިނަމައިޓް" މިދެލަވަ ވެސް ވަނީ ގިނިސް ވޯލްޑް ރިކޯޑް ފޮތުގައި ހިމެނިގެން ގޮސްފައެވެ.

24 ގަޑިއިރުގެ ތެރޭގައި ޔޫޓިއުބުން އެންމެ ގިނަބަޔަކު ބެލި ލަވަޔާއި، ޓިކްޓޮކްގައި އެންމެ އަވަހަށް މިލިއަން ފޮލޯވަރުން ލިބުނު މިއުޒިކް ގްރޫޕް، އަދި ލައިވްސްޓްރީމް ކޮންސަރޓަކުން އެންމެ ގިނަ ޓިކެޓު ވިއްކި މިއުޒިކް ގްރޫޕްގެ ގޮތުގައިވެސް ގިނިސް ވޯލްޑް ރިކޯޑް ފޮތުގައި ބީޓީއެސް ހިމެނިގެން ގޮސްފައިވެއެވެ.



7 ޒުވާނުން ހިމެނޭ ކޭޕޮޕް ބޭންޑް ބީޓީއެސް އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކި އުމުރުފުރާގެ މީހުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބެމުންދާ މިއުޒިކް ގްރޫޕެކެވެ. ހާއްސަގޮތެއްގައި ބީޓީއެސް އިން ރިލީޒް ކުރާ ލަވަތަކުގެ އިތުރުން އަމިއްލަ ނަފްސުދެކެ ލޯބިވުމަށް ބާރު އަޅައި، ނަފްސާނީ ދުޅަހެޔޮކަން އިސްކުރުމާބެހޭގޮތުން ބީޓީއެސްއިން ދޭ މެސެޖަކީ ގިނަ ބަޔަކު ފާހަގަ ކުރާ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން