ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ފޮރުޅާލުމަކީ އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދުގެ ވަރަށް ބޮޑު ހުވަފެންފުޅެކެވެ. ރައްޔިތުންގެ ވޯޓަކުން ނިންމާފައިވާ ވެރިކަމުގެ ނިޒާމް ފޮރުޅާލުމުގެ ފަހަތުގައި އޮތީ ރައީސް މުހަންމަދު ނަޝީދު ކުރުމަގަކުން ބޮޑުވަޒީރު ކަމަށް ވަޑައިގަތުމަށް މަގު ކޮށްޓެވުމެވެ. ވެރިކަމުގެ ނިޒާމް ފޮރުޅާލައި ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލުކުރަން ރައީސް ސާލިޙަށްވެސް ރައީސް ނަޝީދު ހުށައެޅުއްވިއެވެ. އެހެން ނަމަވެސް ރައީސް ސާލިޙު އެކަމަށް "އާބަސް" ވިދާޅުނުވުމުން އެކަން ކާމިޔާބުވާގޮތް ނުވީއެވެ.

އެކަމުގައި ރައީސް ނަޝީދާއި ބައިއަތު ހިފާނެ ސިޔާސީ ލީޑަރަކު ވެސް ހަމަ ހިލާ ނުވިއެެވެ. އެހެން ނަމަވެސް ރައީސް ނަޝީދަކީ އެހާ ފަސޭހައިން ހަތިޔާރު ބަހައްޓަވައި ގޮތް ދޫކުރަށްވާ ކަހަލަ ބޭފުޅެއް ނޫނެެވެ. ރައީސް ނަޝީދަށް މިހާތަނަށް ލިބިވަޑައިގެންފައިވާ ކާމިޔާބެއްވެސް އަދި ނާކާމިޔާބެއްވެސް ލިބިވަޑައިގެންފައިވަނީ އެސަބަބާ ހެދި ކަމަށް ގިނަ ބައަކު ގަބޫލުކުރެއެވެ. ފަސް އަހަރުގެ ދައުރެއް ފުރިހަމަ ނުކުރަށްވައި ވެރިކަމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގެންނެވި އެންމެ ބޮޑު ސަބަބަކީ ވެސް އެމަނިކުފާނުގެ މި ގޮތްދޫނުކުރެއްވުން ކަމަށް އެޕާޓީގެ ބައެއް އިސް ބޭފުޅުން ވިދާޅުވެފައި ވެއެވެ.

އެގޮތުން ބަރުލަމާނީ ނިޒާމުގެ ކަންތަކުގައި ވެސް އެމަނިކުފާނު ހުންނެވީ އެއްގޮތް ނެތިއްޔާ އަނެއްގޮތަކުން، އެއްމަގެއް ބެދިއްޖެއްޔާ އަނެއް މަގެއް ކޮށްޓަވައި ސާފުކޮށްގެން ވެސް އެކަން ހާސިލްކުރެއްވުމަށް އަދި ކޮންމެ ހާލެއްގައި ވެސް އެކަން ކުރައްވަން ތައްޔާރަށެވެ. އެކަން ރައީސް ނަޝީދުގެ އަމަލުފުޅުތަކާއި ބަސްފުޅުތަކުން އެވަނީ ސާބިތުކޮށްދެއްވާފައެވެ.

ރައީސް ޢަބްދުﷲ ޔާމިންގެ ވެރިކަން ވައްޓާލުމަށް، އެމަނިކުފާނު ކަތިލަންވެސް ތައްޔާރަށް ތިބިކަމަށް ތުހުމަތުކުރަށްވާ ބޮޑެތި ބިޔަ ބާޣީންނާ ގުޅިވަވަޑައިގެން މަސައްކަތް ކުރެއްވި ބީދައިން ވެރިކަމުގެ ނިޒާމް ފޮރޮޅާލުމަށް ރައީސް އަބުދު ﷲ ޔާމީނާއި އަދި އިދިކޮޅު ޕީޕިއެމާއި ގުޅިވަޑައިގެންނެވުމަށްވެސް ހަމަ ހޭވައްލާ ތައްޔާރެވެ. ކޯލިޝަންހަދައި ގުޅެންޖެހޭ ކޮންމެ ބަޔަކާއި ގުޅިގެން ނަމަވެސް ނިޒާމް ފޮރޮޅާލަން "ޑީލް" ހައްދަވަދަން ރައީސް ހުންނެވީ ފޫގަޅުއްވައިގެން ނިކަން ސާބިތުކަމާއެކު ނުކުމެވަޑައިގެންނެވެ. އެމަނިކުފާނު ވިދާޅުވާ ބީދައިން އެފޫގެޅުއްވި އެއްޗަކުން އޮރިޔާންކޮޅު ނިވާނުވެ ފެންނަ އެއްޗެއް ފެނި ބަރަހަނާވިޔަސް އެއްވެސް ފަރުވާލެއް ނެތެވެ.

ކޮންމެއަކަސް އެމަނިކުފާނު މިފަހަރު ފޫގުޅުއްވާން އެގެންގުޅުއްވާ ފޮތިކޮޅަކުން ހަގީގަތުގައި ވެސް އަދި ރަނގަޅަށް ނިވާވާގޮތެއް ނުވެއެވެ. ރައީސް ޔާމީންވެސް އަދި އިދިކޮޅު ކޯލިޝަން ވެސް ބަރުލަމާނީ ދަލުގައި އަދި ހަމަ ޖެހޭ ގޮތެއް ނުވެއެވެ. ނުވިތާކަށް އަމިއްލަ ޕާޓީގެ ކުދިންކޮޅުވެސް ދުވަނީ އެއާއި ދުރަށެވެ. އެންމެ ފަހުން ޝޯޝަލް މީޑިޔާގެ އެކި ޕްލެޓްފޯމް ތަކުގައި ބައެއް އެކްޓިވިސްޓުން ހިންގި ބަރުލަމާނީ ކެމްޕޭންވެސް ވައިގައި ހިފާގޮތެއް ނުވިއެެވެ.

އެ ހުރިހާ މަސައްކަތަކުން އަލިމަގެއް ނުފެނުމުން އެންމެ ފަހުން ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ފޮރޮޅާލުމަށް ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް އެމްޑީޕީގެ މެމްބަރުންތަކެއް ނެރެގެން ފަށްޓައިފިއެވެ. އެހަރަކާތް ހިންގެވުމުގެ އިސް މޭސްތިރިއަކީ ނުވަތަ އާރުކާޓީ އަކީ އެމްޑީޕީގެ ރައީސް ރައީސް މުހަންމަދު ނަޝީދެވެ. އެ ހަރާކާތާއެކު ކުރިއަށް އޮތް އެމްޑީޕީގެ އިންތިޚާބުގައި އެމަނިކުފާނު ތާއިދުކުރާނީ ބަރުލަމާނީ ނިޒާމަށް ތާއިދުކުރާ ކެންޑިޑޭޓުންނަށް ކަމަށް އިއުލާންކުރެއްވިއެވެ. އެވަރުން އަދި ނިމުނީއެއް ނޫނެވެ. ވީހާ ވެސް ގިނަ ބަޔަކު އެ ޕެޓިޝަންގައި ސޮއިކުރުމަށް ޕާޓީގެ ރޫޙާނީ ލީޑަރު ރައީސް ނަޝީދު އެގެންދަވަނީ ތަކުރާރުކޮށް ގޮވާލައްވަމުންނެވެ.

އެމްޑީޕީގެ ހަރުގެ އެ ހަރާކާތް ހިންގުމަށާއި ކެމްޕޭން ކުރުމަށް ދޫކުރިއެެވެ. އެމްޑީޕީގެ ގުނަވަންތަކުގެ ރަސްމީ ޓުވީޓާއެކައުންޓް ތަކުގައި ބަރުލަމާނީ ކެމްޕޭން ހުއްޓުމެއް ނެތި ކުރަމުންދަނީއެވެ. އެހުރިހާ މަސައްކަތަކާއެކު ވެސް ރައީސް ސާލިހަށް ހުށައަޅާ ބަރުލަމާނީ ޕެޓިޝަނަށް އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ތާއިދުވެސް ވަރަށް ފިންޏެވެ. ރައީސް ނަޝީދު ބަރުލަމާނީ ހޯއްދަވަން ގެންގުޅުއްވާ ފޮތިކޮޅުން ފޫގެޅީމާ އެމަނިކުފާނު ވިދާޅުވެފައިވާ ތަންކޮޅު ފެންނާތީކަން ވެސް ނޭނގެއެވެ.

އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުގެ 65 މެމްބަރުންގެ ތެރެއިން ބަރުލަމާނީ ޕެޓިޝަނުގައި ސޮއިކުރީ 13 މެމްބަރުން ކަމަށް ވެއެވެ. އެމްޑީޕީގެ ރައީސް މުހަންމަދު ނަޝީދުގެ ތާއިދާއި ނުފޫޒު އިންތިހާ އަށް ބޭނުންކުރުމުން ވެސް އެކަމުގައި އެމަނިކުފާނަށް އަދި ހަމަ އެބުނާ ހަކުޅިން އެއްކުޅިއެއްވެސް ކުރިއަށް ކުޅުއްވޭ ގޮތެއް ނުވެއެވެ. އެންމެ ފަހުން ގަތްލަދަކުން އެޕެޓިޝަނަކާ ހަވާލުވާކަށް އެމްޑީޕީއަކަށްވެސް ހަމަ ހިލާ ނުކެރުނެެވެ. އެންމެފަހުން ހަތަރެސް ފައިން ހޯހޯ ގޮވަމުން އެމްޑީޕީއަށްވެސް މިޖެހުނީ އެކަމުގެ ބަރީއަވެ ބަރުލަމާނީ ޕެޓިޝަން ރަށްމެދަށް ދޫކޮށްލާށެވެ. ޗެއާޕާސަން ވެސް މިވީ ވަރަކީ އެދަރިއާއި ހަވާލުވާނެ "ގަޓް" ނެތިގެން އެހެން ބައެއްގެ ބޮލަށް ކަނޑާލާށެވެ. އެހެންވީމާ ރައީސް ނަޝީދުގެ ބަރުލަމާނީ މިހާރު މިވީ ހަވާލުވާނެ ބަފައެއް ނެތް، އިނގިރޭސިން ކައިވެނިން ބޭރުން ހޯދާކަހަލަ ދަރިއަކަށެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފްވެސް އެއާއި ވައިއެޅޭން ކެރިވަޑައި ނުގެން އެންމެފަހުން ވިދާޅުވީ، ރާއްޖޭގެ ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ބާރު އެޅުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅާ ޕެޓިޝަނުގައި ސޮއިކުރަނީ އެމްޑީޕީއަކުން ނޫން ކަމަށެވެ. އެކަމުގައި އުޅެނީ އަމިއްލަ ޖަމާއަތަކާއި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންތަކެއް ކަމަށެވެ. ފުރަހަނި ޝުޢައިބު ވިދާޅުވާހެން އެއާއި ހަވާލުވާން ހުރީ ބޮންޑާ އެކަންޏެވެ. ފަހުވަގުތުގައި ފޫޅުމާ ފޯމު ހިފައިގެން ސޮއިކުރުވާން އައުމުން އޭނާ ހަދާނެ ގޮތެއްވެސް އަދި ނޭނގެއެވެ.

އެމްޑީޕީން އެއާއި ހަވާލުނުވާކަން ހަސަން ލަތީފި ވިދާޅުވުމަކީ ބަރުލަމާނީ ޕެޓިޝަނަށް އޭގެ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމެކެވެ. އެމްޑީޕީގެ ގިނަ މެމްބަރުން ބަރުލަމާނީ ނިޒާމަށް ތާއިދުކުރާނެ ކަަމަށް ޕާޓީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވި ނަމަވެސް ފެންނަމުންއެދަނީ މުޅިން އެހެން މަންޒަރެކެވެ. އަބަދުވެސް ހަ ކުޅި ކުރިއަށް ކުޅުއްވާ ރައީސް މުހަންމަދު ނަޝީދަށް މިކަމުގައި ކުޅިފަސް ލިބޭތަނެއް އަދި ނުފެނެއެވެ. ހަވާލުވާނެ، މަތިވާނެ ޔާރެެއް އިޔާރެއް ނެތް ބަރުލަމާނީ ޕެޓިޝަން ދާތަން މިފެންނަނީ ހަމަ "ޗޮކުންނެވެ." އަދި ހަމަ އެގޮލާއާއި ހަވާލުވާނެ ބަފަޔަކުވެސް އަމަޔަކުވެސް ބޮޑުދައިތައަކުވެސް ނެތެވެ.


ކިޔުންތެރިންގެ ހިޔާލު


-8

ކަފަ

03-Sep-2021

ވަރަށް ފުރިހަމަ



ޓްރެންޑިން