ރާއްޖޭގައި މިވަގުތު އެންމެ ގަދައަށް ދެކެވެމުން އަންނަ ވާހަކައަކީ ބަރުލަމާނީ ނިޒާމުގެ ވާހަކައެވެ. މިވެރިކަމުގައި ދޭތެރެދޭތެރެއިން ބަރުލަމާނީ ނިޒާމުގެ ވާހަކައިގެ އަޑު އިވެއެވެ. ނަމަވެސް މިފަހުން ބަރުލަމާނީގެ ވާހަކަތަކުގެ އަޑު މާބޮޑަށް ގަދަވެފައި މިވަނީ، ބަރުލަމާނީ ނިޒާމަށް ރައްޔިތުންގެ ތާއީދު އޮތް މިންވަރެއް ބެލުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ފެށި ޕެޓިޝަންގެ މަސައްކަތާއެކުއެވެ. ރައީސް ނަޝީދު ވަނީ މި ޕެޓިޝަންގައި ވީހާވެސް ގިނަ ބަޔަކު ސޮއިކުރުމަށް ގޮވާލައްވާފައެވެ. އަދި އިންތިހާބުތަކުގައި ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން ރައީސް ނަޝީދު ތާއީދުކުރައްވާނީ ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ ކެނޑިޑޭޓުންނަށްކަމަށް ރައީސް ނަޝީދު ވަނީ އިޢުލާން ކުރަށްވާފައެވެ.

ވެރިކަމުގެ ނިޒާމް ބަދަލުކުރުމުގެ ވާހަކައަކީ ނުދެއްކޭނެ ވާހަކައެއް ނޫނެވެ. ނަމަވެސް އެކަންކަމަށް ވަގުތާއި ހާލަތްތައް އޮވެއެވެ. ޑިމޮކްރަސީގެ ސިފަތައް ލިބިގެންވާ ގާނޫނުއަސާސީއެއް ފާސްކުރުމަށް ކުރެވުނު މަސައްކަތުގައި ރާއްޖޭގައި 2007 ވަނަ އަހަރު ވެރިކަމުގެ ނިޒާމް ކަނޑައެޅުމަށް ރައްޔިތުންގެ މެދުގައި ވޯޓެއް ނެގިއެވެ. އެއީ އެފަދަ ކަމެއް ކުރުމަށް އެންމެ އެކަށީގެންވާ ހާލަތާއި ވަގުތެވެ. އެކަމުގައި ރައްޔިތުން ގޮތް ނިންމުމުން، ގާނޫނުއަސާސީ އެއޮތީ، ރިޔާސީ ނިޒާމަކަށް ފެތޭނެހެން އެކުލަވާލާ ފާސްކޮށަފައެވެ.


ރާއްޖޭގައި އަނެއްކާވެސް ވެރިކަމުގެ ނިޒާމް ބަދަލުކުރުމާއި ގުޅޭގޮތުން ވާހަކަދައްކާއިރު، ގައުމު އޮތީ ބަލިމަޑުކަމެއްގެ ތެރޭގައެވެ. އިގްތިސާދު އޮތީ ނާޒުކުރު ފައްތަރެއްގައެވެ. ވިޔަފާރިވެރިންނާއި އާއްމު ރައްޔިތުން ތިބީ ފާޑަކަށް އިނދަޖެހިފައެވެ. ގައުމަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް ބަޔަކު ރެޔާއި ދުވާލު ދަނީ ވަރުބަލިކަމެއް ނެތި މަސައްކަތް ކުރަމުންނެވެ. އެހެންކަމުން މިއީ ގައުމުގެ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ނިކުންނަން ވީ ވަގުތުތޯ މިއީ ކޮށްލަން ރަނގަޅު ސުވާލެކެވެ. އަދި އެކަމުން ރަައްޔިތުންނަށް ލިބެނީ ކޮން ފައިދާއެއްތޯވެސް ސުވާލު ކޮށްލުންވެސް ބުއްދިވެރިއެވެ. އަދި މިކަމުން ރައްޔިތުންނަށާއި ގައުމަށް ލިބޭނެ ގެއްލުމަކާއި މެދުވެސް ވިސްނާލުމަކީ އެހާމެ މުހިއްމު ކަމެކެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމުގެ ވާހަކަ މިފަހުން ރައީސް ނަޝީދު ދައްކަވަން ފެއްޓެވީ ސަރުކާރުގެ ތެރޭގައި އެމަނިކުފާނުގެ ބާރު ގަދަކުރަން ކުރި މަސައްކަތް ނާކާމިޔާބުވުމުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެކަން ވަނީ ސީދާ ރައީސް ނަޝީދުވެސް ހާމަކުރަށްވާފައެވެ. މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް ނަމަވެސް މަޖިލީހުގެ ކޮންްރޯލްވެސް އެމަނިކުފާނަށް ނެތްކަން މިހާރު ވަނީ ހާމަވެފައެވެ. އަދި އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަން އުފެދި ރައީސް ނަޝީދާ ދެކޮޅަށް އެމްޑީޕީގެ ބައެއް މެމްބަރުން ފާޅުގައި ވާހަކަދައްކަވަމުންދާ މަންޒަރުވެސް އެދަނީ ފެންނަމުންނެވެ. ރިޔާސީ އިންތިހާބެއް ބާއްވައިފިނަމަ ރައީސް ނަޝީދަށް އެ އިންތިހާބު ކާމިޔާބު ކުރެއްވޭނެ ގޮތެއް ނެތްކަމަށް ސިޔާސި ތަޖުރިބާކާރުން ބުނެއެވެ. އެހެންކަމުން ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަންނަވަން އޮތް ހަމައެކަނި މަގަކީ ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ފަސޭހަ މަގަކުން ބޮޑުވަޒީރުކަމުގެ މަގާމު ހޯއްދެވުންކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ރިޔާސީ ނިޒާމެއްގައި ގައުމުގެ އިސްވެރިޔާ ކަނޑައަޅަނީ ހުރިހާ ރައްޔިތުންގެ ވޯޓުންނެވެ. މިއާ ޚިލާފަށް ބަރުލަމާނީ ނިޒާމެއްގައި ބޮޑުވަޒީރުކަން މަދު އާބާދީއެއްގެ ވޯޓަކޮޅަކުން މަޖިލީހަށް ހޮވޭއިރު، ސަރުކާރުގެ ވެރިޔާގެ ގޮތުގައި ކަނޑައަޅާ ބޮޑު ވަޒީރު ހޮވާނީ މަޖިލީހުގެ މެމްބަރުންގެ ތެރެއިން، އަޣުލަބިއްޔަތު ލިބޭ ގޮތަކަށެވެ. އަދި ވުޒާރާތައް ހިންގަން މިނިސްޓަރުންގެ ގޮތުގައިވެސް ތިބޭނީ ހަމަ އެ މެމްބަރުންނެވެ. މީގެކުރިންވެސް ބައެއް ވޯޓުތަކުގައި މެމްބަރުން ވޯޓް ވިއްކާފައި ހުރިއިރު، ރަނގަޅު އިންވެސްޓަރެއް ލިބިއްޖެނަމަ ބޮޑުވަޒީރުކަމުގެ މަގާމު ހޯދުމަކީ ވަރަށް ފަސޭހަކަމެއްކަމަށް ކަމުގެ ތަޖުރުބާކާރުން ބުނެއެވެ. މިގޮތުން ރައްޔިތުންގެ ތާއީދު އެމީހަކަށް ނެތް ނަމަވެސް ބަރުލަމާނީ ނިޒާމުގައި މަޖިލީހުގެ މެންބަރުން ބޭނުންވާ މީހަކަށް މުޅި ގައުމުގެ ވެރިކަން ކުރެވެއެވެ. މާނައަކީ އެންމެ ހަތަރު ފަސް ސަތޭކަ ވޯޓުން މަޖިލީހަށް ހޮވޭ ބޭފުޅަކަށް ވެސް ގައުމުގެ ވެރިކަމަށް ވަޑައިގެންނެވިދާނެއެވެ.

ރައީސް ނަޝީދު ވެރިކަމުގެ ނިޒާމު ބަދަލު ކުރަށްވަން މަސައްކަތް ކުރަށްވަނީ އެމަނިކުފާނު ގައުމުގެ އެނެމް އިސް ވެރިޔާ ނުވަތަ ބަރުލަމާ ނިޒާމުން ގައުމުގައި ގައުމުގެ ވެރިކަން ކުރާ ބޮޑު ވަޒީރުގެ މަގާމަށް ވަޑައިގެންނެވުމުގެ ޝައުގުވެރިކަމުގައެވެ. އެމަނިކުފާނު ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް އެކަން ހުށައަޅުއްވާފައި ވަނީ ވެސް އެ ބޭނުންފުޅުގައެވެ. ރައީސް ނަޝީދުގެ އެ މަސައްކަތްޕުޅު އެއްގިޔަރު ކުރިއަށް ޖައްސާލައްވައި ޗާޓުން ބޭރުން އެ މަސައްކަތް ފެއްޓެވީ އެމަނިކުފާނުގެ ހުށައެޅުމަށް ރައީސް ޞާލިހުގެ ރުހުން ލިބިވަޑައި ނުގެންނެވުމުންނެވެ. ރައީސް ނަޝީދުގެ އެ ހުށައެޅުއްވުމަށް ރައީސް ޞާލިޙު ދެއްވީ ވަރަށް ސާދާ ސީދާ ޖަވާބެކެވެ. އެމަނިކުފާނުގެ ޖަވާބަކީވެސް އަދި ފަހު ބަސްފުޅަކީވެސް، ރާއްޖޭގެ ވެރިކަމުގެ ނިޒާމު އޮތީ ރައްޔިތުން ކަނޑައަޅާ ނިންމާފައެވެ. ދެންވެސް ނިޒާމު ކަނޑައަޅާނީ ރައްޔިތުންނެވެ. އެކަމަކު މިވަގުތަކީ ނިޒާމީ ވޯޓަކަށް ވަގުތާއި ހާލަތު ތަންދޭ ކަމެއް ނޫންކަން އެމަނިކުފާނު އެވިދާޅުވަނީ ވަރަށް ގިނަ ވިސްނުންފުޅުތަކަކަށް ފަހުގައެވެ. އެމަނިކުފާނުގެ ހުރިހާވެސް ހަކަތައަކާއި ވިސްނުންފުޅަކާއި ފިކުރުފުޅެއްގެ ފޯކަސް ނުވަތަ މިސްރާބު ހުރީ މިހާރު ގައުމު އޮތް ހާލަތުން އެހެން ހާލަތަކަށް ބަދަލު ކުރެއްވުމުގެ މަސައްކަތް ޕުޅަށެވެ. ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދެވުމުގެ ބުރަ މަސައްކަތްޕުޅަށެވެ.

ރާއްޖެ މިވަގުތު އޮތް ހާލަތަށް ބަލާއިރު ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ މަސައްކަތަކީ ގައުމީ މަސްލަހަތު އޮތް ކަމެއް ނޫނޭ ބުނެވިދާނެއެވެ. އަދި އެކަން ކުރަން އުޅޭ ބަޔަކު، އެކަން އެކުރަނީ އަމިއްލަ މަސްލަހަތަށޭ ބުނުމަކީވެސް ދޮގަކަށް ނުވާނެއެވެ. ފެންނަ މަންޒަރުތަކާއި އިވޭ އަޑުތައް ހެކި ދެނީ އެގޮތަށެވެ.

ވެރިކަމުގެ ނިޒާމް ބަދަލުކުރާ ވާހަކައިގެ ތެރެއިން އިވެނީ އެންމެ އަޑެއެކެެވެ. އެންމެ ނަމަކެވެ. އެންމެ ބޭނުމެކެވެ. އެއީ ބަރުލަމާނީ ނިޒާމުގެ އަޑެވެ. ރައީސް ނަޝީދުގެ ނަމެވެ. އަދި ބޮޑުވަޒީރުކަމުގެ ބޭނުމެވެ. ރިޔާސީ ނިޒާމުގެ ވާހަކައެއް، ރައްޔިތުންނަށް ކުރާނެ ފައިދާއެއް، ލިބޭނެ އެއްޗެއްގެ ވާހަކައެއް، އަޑެއް އެއްގޮތަކަށްވެސް ނީވެއެވެ. ރައްޔިތުންގެ ސަމާލުކަން މިކަމަށް ނުލިބި، ވަކި މީހެއްގެ ވަށައިގެން އުޅޭ މަދު ބަޔަކު އެކަނި އެކަމުގައި އުޅެނީވެސް އެ ސަބަބާއި ހުރެކަމަށް ގިނަ މީހުން ބުނެއެވެ.

ކޮންމެއަކަސް ބަރުލަމާނީ ނިޒާމު ގެންނަން ރައީސް ނަޝީދު މިއަދު ކުރަށްވާ މަސައްކަތަކީ ރައްޔިތުން ފަސް އަހަރުގެ ދައުރަކަށް ވެރިކަން ހަވާލު ކުރުމުން ހެއްދެވި ގޯސްތަކާއި އެޅުއްވި ޅަ އެއްޗެހީގެ ސަބަބުން މިހާރު އޮތް ނިޒާމުގެ ތެރެއިން ވެރިކަން ނުކުރެއްވިގެން އަމިއްލަފުޅަށް އިސްތިއުފާ ދެއްވައި ވެރިކަމުން ފައިބައި ވަޑައިގެންނެވުމަށްފަހު ވެރިކަމުގެ ހަގީގީ ފޮނިމީރުކަމާއި ލައްޒަތު ވިސްނިވަޑައިގެން އަލުން ވެރިކަމަށް ވަޑައިގަތުމުގެ ދަހިވެތިކަމާއި އެދުންވެރިކަން ބޮޑުވެ އެކަމުގެ މުހުތާދު ބޮޑުވެ ކޮޅުންލައިގެން ކަމަށް ބުނާ މީހުން މަދެއް ނޫނެވެ. މިއަދު އެކުރަށްވާ މަސައްކަތްޕުޅަކީ ޕާޓީ ކުދިންކޮޅު ލައްވާ އެކަމަށް ކޮށްޓަވާ މަގެއްކަމަށް ބުނާ ރައްޔިތުންގެ އަދަދު މަދުނުވާނޭކަން ވަރަށް ޔަގީނެވެ.

ރައީސް ނަޝީދުގެ ވެރިކަން ނިމިގެން ދިޔައީ ބަޔަކު ބަޣާވާތެއް ކޮށްގެން ކަމަށް ބަޔަކު ކިތަންމެ އަޑަށް ބާރުލާފައި ބުނި ނަމަވެސް މިއަދު ވެރިކަމުގައި އަމިއްލަ ޕާޓީ އޮތީ އެބުނާ ބާޣީންގެ އެހީތެރިކަމާއި އެކުގައިކަން އަމިއްލައަށް ގަބޫލުފުޅު ކުރަށްވާއިރު އަމިއްލަ ވެރިކަން ވައްޓާލަން ބަޣާވާތްކުރި އެންމެން ފަހަތުލައިގެން އެމީހުންގެ އަތުގައި ހިއްޕަވައިގެން އަލުން ވެރިކަން ހޯދަން މަސައްކަތްކުރަށްވައި ވެރިކަން ހޯއްދަވައިގެން އަދި މިހާރުވެސް އެމީހުން ގޮވައިގެން ސަރުކާރުގައި ދެމި ހުންނެވުމަކީ ބަހާއި އަމަލު ދިމާނުވާ ކަމަކަށް ވާތީ އެވާހަކަ ގިނަ ބަޔަކަށް ގަބޫލުކުރަން ހަމަ ދަތީއެވެ. ނޫނީ ގަބޫލު ނުކުރެވެނީއެވެ.

އެހެންނޫނަސް މިއަދު އަމިއްލަ ވެރިކަމާ "ތޮޅެއް" ނުކުންނެވިއިރު ގައުމުގެ ވެރިކަމުގައި ހުންނެވީ އެންމެ ގާތް އެކުވާރިއާއެވެ. ނަމެއްގައި ކޯލިޝަން ސަރުކާރު ކިޔެއް ކަމަކު މުޅި އޮޑީގައި ހަސަނުގެ ދެފައިހެން، މުޅި ސަރުކާރުގައި ވެސް އޮތީ ޕާޓީގެ ބާރެވެ. ގާނޫނު ތަންފީޒު ކުރާ ހުރިހާ މުއައްސަސާއެއްގައި ޕާޓީގެ ބާރެވެ. ގާނޫނު ހަދާ މަޖިލިސް ނުވަތަ ރައްޔިތުންގެ މަޖިލީހުގައި ވެރިކަން ކުރަށްވަނީ ރައީސް ނަޝީދާއި ކޮއްކޯފުޅެވެ. ޖުޑިޝަރީ ހިންގުމުގައި ވެސް ރައީސް ނަޝީދާއި ޕާޓީގެ އެންމެ އަރިސް އެކުވެރިންނެވެ. މިނިވަން މުއައްސަސާތަކާއި ކޮމިޝަން ތަކުގައި ވެސް އަމިއްލަފުޅު ޕާޓީގެ އިތުބާރު ކުރެވޭ މެންބަރުންނެވެ. ސަރުކާރުގެ ސިޔާސީ މަގާމުތަކާއި ކުންފުނި ތަކުގެ މަގާމުތަކުގައި ވެސް ގިނައީ ޕާޓީގެ މެންބަރުންނެވެ. އެހެންވީމާ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ކުރަށްވާ މަސައްކަތްޕުޅުގެ ފަހަތުގައިވާ ހަމައެކަނި ބޭނުންފުޅަކީ ވެރިކަމަށް ވަޑައިގެންނެވުމުގެ އަމިއްލަ އެދުން ނޫން އެހެން ބޭނުމެކޭ ދެންނެވޭން ނެތީއެވެ.

ކިޔުންތެރިންގެ ހިޔާލު