ކޯވިޑްގެ އާލަމީ ވަބާގެ ސަބަބުން ހިންދީ ސިނަމާތައް ބަންދުކޮށްފައި އޮންނަތާ ގިނަ ދުވަސް ތަކަކަށްފަހު ސިނަމާ ތަކުގެ ބޮޑު ސްކްރީންގައި މިއަދު ރިލީޒްކުރި އަކްޝޭ ކްމާރުގެ ފިލްމް "ބެލް ބަޓަން" އަށް ފުރަތަމަ ދުވަހުވެސް 3 ކްރޯޑް އިންޑިއަން ރުޕީސް ލިބޭނެ ކަމަށް އިންޑިއާގެ މީޑިއާ ތަކުން ބުނެފިއެވެ.

ކޯވިޑްގެ ހާލަތާއެކު ވެސް އަކްޝޭގެ ބެލް ބަޓަން އިންޑިއާގެ 1500 ސިނަމާގައި މިއަދު ރިލީޒް ކުރިއެވެ. އަދި އެ ސިނަމާތަކުގައި 4500 އަށްވުރެ ގިނަ ޝޯ ދެއްކުމަށް ވަނީ ތާވަލު ކޮށްފައެވެ. ކޯވިޑްގެ އުސޫލުތަކާ އެއްގޮތަށް ސިނަމާތައް ހުޅުވާފައިވާތީ ސިނަމާ ތަކުގައި ބޭނުން ކުރެވެނީ ޖާގައިގެ 50 އިންސައްތައެވެ. އަދި ގިނަ ސްޓޭޓް ތަކުގައި، އާންމުކޮށް އޮންނަ ރޭގަނޑުގެ ޝޯތަކެއް ވެސް ނުބާއްވައެވެ.

ބޮކްސް އޮފީހުގެ މައުލޫމާތު ތަކަށް ބިނާކޮށް ހާމަކޮށްފައިވާ އަންދާޒާ މައުލޫމާތުތައް ބުނާ ގޮތުގައި ފިލްމް ރިލީޒް ކުރި ފުރަތަމަ ދުވަހުވެސް 2.75 ކްރޯޑާއި 3.25 ކްރޯޑް ރުޕީސްއާއި ދެމެދުގެ އަދަދަކަށް އާމްދަނީ ލިބޭނެއެވެ.

އަންދާޒާ ތަކުން ދައްކާ ގޮތުގައި މާޗް 2021 ގައި ރިލީޒް ކުރި ޖާންވީ ކަޕޫރާއި ރާޖްކުމާރު ރާއޯގެ ރޫހީއަށް ފުރަތަމަ ދުވަހު ލިބުނު އާމްދަނީއާއި އަދި ޖޯން އަބްރަހަމާއި އިމްރާން ހާޝިމީގެ މުމްބާއީ ސާގާގެ ފުރަތަމަ ދުވަހުގެ އާމްދަނީ އަށްވުރެ އަކްޝޭގެ ބެލް ބަޓަންގެ ފުރަތަމަ ދުވަހުގެ އާމްދަނީ ދަށްވާނެ ކަމަކަށް ނުބެލެވެއެވެ.

ބެލް ބަޓަން އަކީ އިންޑިއާގައި ކޯވިޑްގެ ދެވަނަ ރާޅަށްފަހު ސިނަމާ ތަކުގައި އަޅުވާ ފުރަތަމަ ފިލްމެވެ. މި ފިލްމާއެކު ހިންދީ ފިލްމީ ސިނަމާ ތަކުގެ ބޮޑު ސްކްރީން އަލުން ހިނގައިގަންނާނެ ކަމުގެ އުއްމީދު ވަނީ އާވެފައެވެ.

ބެލް ބަޓަން ރިލީޒް ކުރުމުގެ ކުރިން ފުރަތަމަ ދުވަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައި ވަނީ 5 ކްރޯޑާއި 6 ކްރޯޑާއި ދެމެދުގެ އަދަދެކެވެ. ނަމަވެސް ފުރަތަމަ ދުވަހުގެ އާމްދަނީ އެ އަންދާޒާއަށްވުރެ ދަށްވި ނަމަވެސް ހަތަރު ދުވަހަށް ދެމިގެންދާ މި ހަފުތާ ބަންދުގައި ޖުމްލަ 15 ކްރޯޑް ރުޕީސް ފިލްމަށް ލިބުމަކީ ރަނގަޅު ފާލެއް ކަމުގައި ބެލެވެއެވެ.

އަކްޝޭގެ އިތުރުން ލާރާ ދައްތާއާއި ވާނީ ކަޕޫރް ފެނިގެންދާ މި ފިލްމް ޑައިރެކްޓްކޮށްފައިވަނީ ރަންޖިޓް ޓެވާރީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން