ބޮޑު ސްކްރީނުން ފިލްމެއް ބަލާލުމަކީ ހަގީގަތުގައިވެސް ފިލްމެއް ބަލާލުމުގެ ވަރަށް ތަފާތު އިހުސާސް ތަކެއް ކުރުވާ ކަމެކެވެ. ފިލްމްގައި ދައްކުވައިދޭ ހަގީގީ ރަހަތަކާއި އަސްލު އިހުސާސްތައް ކުރެވޭނީ ފިލްމެއް ބޮޑު ސްކްރީނުން ބަލައިލީމައެވެ. ނަމަވެސް ކޯވިޑްގެ ރޯގާ ބަލިމަޑުކަމާއެކު ބޮޑު ސްކްރީނުން ފިލްމެއް ބަލައިލުން ވެފައިވަނީ ވަރަށް ތަދު ކަމަކަށެވެ. ބޮޑު ސްކްރީނުގެ އިހުސާސާއި ތަޖުރިބާ ކޮށްލަން ނުލިބޭތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސް ވީއެވެ.

ހިންދީ ސިނަމާތައް ފަޅުވެފައި އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަހަށް ފަހު އިންޑިއާގައި ދެމުން އަންނަ ލުއިތަކާއެކު ބައެއް ސަރަހައްދު ތަކުގެ ސިނަމާތައް މިހާރު ވަނީ ހުޅުވަން ފަށާފައެވެ. ކޯވިޑްގެ ސަބަބުން އަހަރަކަށްވުރެ ގިނަ ދުވަސް ވަންދެން ބަންދުކޮށްފައިވާ އިންޑިއާގެ ބޮޑު ސްކްރީން ގިނަ ސިނަމާ ތަކުގެ ގޭޓް ހުޅުވާލާ ފިލްމަކަށް ވެގެންދާނީ އަކްޝޭ ކުމާރާއި ލާރާ ދައްތާގެ ފިލްމް "ބެލް ބޮޓަމް" އެވެ. އެއާއެކު ހުކުރު ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ އަކްޝޭގެ ބެލް ބޮޓަމް ވެގެންދާނީ ހިންދުސްތާން ފިލްމީ ދުނިޔޭގެ ތާރީޚުގެ އާ ޞަފުހާއެއް ހުޅުވާލަދޭ ފިލްމަކަށެވެ.

އަކްޝޭގެ އިތުރުން ބެލް ބޮޓަމްގެ ތަފާތު ލީޑް ރޯލަކުން ފެނިގެންދާ ލާރާ ދައްތާ ވެސް ވަނީ ބޮޑު ސްކްރީންގައި ފިލްމް އަޅުވާލެވޭތީ އޭނާއަށް ކުރެވޭ އިހުސާސްތައް މީޑިއާއާއި ހިއްސާ ކޮށްފައެވެ. ކިތަންމެ މަޝްހޫރު ފުޅާ އަދި ބޮޑު އޮންލައިން ޕްލެޓް ފޯމެއްގައި ފިލްމެއް ރިލީޒް ކުރި ނަމަވެސް ބޮޑު ސްކްރީންގައި ރިލީޒް ކުރުމުން ކުރެވޭ އިހުސާސްތަކެއް ބެލުންތެރިންނަކަށް އޮންލައިން ޕްލެޓްފޯމަކުން ނުކުރެވޭނެ ކަމަށް ލާރާ ބުނެފައި ވެއެވެ. ލާރާ ބުނީ ވޭތުވެދިޔަ 16 ނުވަތަ 17 މަސް ދުވަސް ވަންދެން މުޅި ގައުމު ބަންދުކޮށްގެން ރައްޔިތުން ބަންދުގައި ތިބެން ޖެހުމުގެ ހިތްދަތި އިހުސާސްތައް ވެސް ސިނަމާތަކުގެ ގޭޓް ހުޅުވާލުމާއެކު ފިލައިގެން ގޮސް ދިރިއުޅުމުގެ އާ ހަރުފަތަކަށް ދިއުމުގެ ފޮނި އުއްމީދު އާވެގެންދާނެ ކަމަށެވެ.

ސިނަމާތައް އަލުން ހުޅުވާލި ނަމަވެސް ކޯވިޑްގެ ބަލިމަޑުކަމުގެ ބިރު ފިލައި ނުދާކަން ހަނދާންކޮށްދެމުން ލާރާ ބުނީ އަލުން ދިރިއުޅުމަށް ފަށައިގަންނަންވާނީ ބަލީގެ ނުރައްކަލާއެކު ނިއު ނޯމަލްގެ އުސޫލުތަކުގައި ހިފަހައްޓައިގެން ކަމަށެވެ. ލާރާ ވަނީ އަމިއްލަ ނަފުސާއި އެހެން މީހުންގެ ނަފުސުވެސް ރައްކާތެރި ކުރުމަށް ކަމާބެހޭ ފަރާތްތަކުން އަންގާ އުސޫލްތަކުގައި ހިފެހެއްޓުމަށް އެދިފައެވެ. ކޯވިޑާއެކު ދިރިއުޅުމަށް ހިފަހައްޓަން ޖެހޭ އުސޫލުތަކުގައި ހިފަހައްޓައިގެން އުޅެފިނަމަ ސިނަމާތަކުގެ އިތުރުން ދިރިއުޅުމުގެ އެހެން ކަންކަމުގައި ވެސް ޝާމިލުވެ އުޅެވޭނެކަން ލާރާ ހަނދާންކޮށްދީފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން