ސަރުކާރުން ކަންކުރަމުން އަންނަ ގޮތަށް ބަލާއިރު ޔޫތު މިނިސްޓަރ މަހްލޫފް މަގާމުން ވަކިކުރާނެކަމަށް ބެލެވެނީ "ހަވަރަށް" ދިނުމަށްފަހުކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވެފައި މިވަނިީ ގޭގައި މަޑުކުރަން އަންގާފައިވާ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާ ގުޅޭގޮތުން ތަފާތު ވާހަކަތައް މީޑިއާގައި ފެތުރެމުންދާ ދަނޑިވަޅެއްގައެވެ. މިގޮތުން ސަރުކާރު ބޭޒާރުވާފަދަ ވާހަކަތައްވެސް މަހްލޫފް ދަނީ ދައްކަވަމުންނެވެ.

ޑރ. ޝަހީމް ވިދާޅުވީ، މަހްލޫފް މަގާމުން ވަކިކުރާނެކަމަށް ވަރަށް ބޮޑަށް ބެލެވޭކަމަށެވެ. އެއީ ސަރުކާރުން މިހާތަނަށް ވަކިކުރި ހުރިހާ ވަޒީރުން ވެސް ވަކިކުރީ، ނުވަތަ ވަކިވާން ޖެހުނީ ހަވަރަށް ދިނުމަށްފަހުކަމަށްވާތީކަމަށް ޝަހީމް ވިދާޅުވިއެވެ. އެހެންކަމުން އެކަންކަމާއި މެދު ވިސްނެވުމަށް ޝަހީމް މަހުލޫފަށް ގޮވާލެއްވިއެވެ.



އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފްގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވާފައިވާ މައްސަލަ ޝަރީއަތަށް ފޮނުވައިފިނަމަ ދަޢުލަތް "އޮރިޔާންކޮށްލާނެ" ކަމަށް ރާއްޖޭގެ މީޑިޔާއަކުން ގެެނެސްދިން އޮންލައިން ފޯރަމެއްގައި ވާހަކަ ދައްކަވަމުން މަހުލޫފް ރޭ ވަނީ ވިދާޅުވެފައެވެ.

އެގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް މަރިޔަމް ޝިއުނާއާއި ރިޔާސީ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދުގެ އިންޓަގްރިޓީ އާއިމެދު ސުވާލު އުފެދޭ ޗެޓްލޮގުތަކެއް ހުރި ކަމަށް ވެސް މަހުލޫފް ވިދާޅުވިއެެވެ.

ދައުލަތް އޮރިޔާން ކޮށްލާނެ ކަމަށް، ބޮޑު ޚިޔާނާތުގެ މައްސަލައިގައި ދައުވާ ކުރަން ފޮނުވައި މަގާމުން ސަސްޕެންޑް ކޮށްފައިވާ މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވުމާއި ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން އޭނާއަށް ވަނީ އަމާޒުވެފައެވެ. އެގޮތުން މަހުލޫފްގެ މި އަމަލަކީ ދައުލަތަށް ބިރު ދެއްކުމުގެ އަމަލެއް ކަމަށް ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު