އިންޓަނެޓަކީ އަޅުގަނޑުމެންގެ މުޖުތަމައުއަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނުވި އެއްޗެކެވެ. އިންޓަނެޓުގެ ޒަރީއާއިން ވިޔަފާރިވެރިންނާ ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ގުޅުން ބަދަހިވެ ވިޔަފާރިކުރުމާއި ހިދުމަތްތައް ހޯދުމައް އައު ގޮތްތަކެއް ތައާރަފްވެގެން ގޮސްފިއެވެ. ނަމަވެސް އިންޓަނެޓް އަދި ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކުވެސް ދިވެހި ރާއްޖޭގައި ވިޔަފާރިވެރިންނަށް މިފަދަ ޓެކްނޮލޮޖީގެ ޒަރީއާއިން ފޯރުކޮއްދެވޭ ހިދުމަތްތައް ފޯރުކުރުމުގައި ގޮންޖެހުން ތަކެއް އެބަހުއްޓެވެ. މިފަދަ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ބޭނުންވާ އުމްރާނީ އޮނިގަނޑު ގާއިމު ކުރުމަކީ މިހާރު ހައުސިން ޑިވެލޮޕްމަންޓް ކޯޕޮރޭޝަން (އެޗް.ޑީ.ސީ)ގެ މައި މަގުސަދެވެ.

އެޗް.ޑީ.ސީއިން ވިދާޅުވާ ގޮތުގައި އެޗް.ޑީ.ސީ ގެ އަމާޒަކީ މި ހިދުމަތްތައް ދިނުމުގެ ބަދަލުގައި ހިދުމަތްދޭ ފަރާތްތަކަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ގާއިމުކުރުމެވެ. މި ވަސީލަތްތައް ގާއިމްކުރުމުން އިންޓަނެޓްގެ ހިދުމަތްދޭ ފަރާތްތަކަށްވެސް ވަކި ފަރުދުންނަށް ހިދުމަތް ދިނުމުގައި ލުއި ގޮތްތަކެއް މަގުފަހިވާނެއެވެ. އެޗް.ޑީ.ސީގެ މި މަޝްރޫއު ނިމުމުން އިންޓަނެޓްގެ ހިދުމަތްދޭ ފަރާތްތަކަށް އަމިއްލައަށް އިންފްރާސްޓްރަކްޗަރގެ މަސައްކަތް ކުރާކަށް ނުޖެހޭނެއެވެ. އަދި ގޭގެޔަށާއި އޮފީސްތަކަށް ބޭނުންވާ އިންޓަރނެޓްގެ ހިދުމަތް ދިނުމަށްޓަކައި ކޮންމެ ފަހަރަކު މަގު ކޮނެ ފައިބަރ ކޭބަލް ވަޅުލާކަށް ނުޖެހޭނެއެވެ. ސްމާޓް ސިޓީ އިންފްރާސްޓްރަކްޗަރ މަޝްރޫއު ކާމިޔާބު ކަމާއެކު ނިމުމުން މިފަދަ އިންޓަނެޓް އަދި ޓެކްނޮލޮޖިކަލް އެޑްވާންސްތަކާއެކު ތައާރަފުވާ ވަސީލަތްތައް ބޭނުންކުރުމަކީ ފަސޭހަކަމަކަށް ވާނެއެވެ.

މިފާއިތުވި އަހަރުގެ ބަލިމަޑުކަމުގެ ތެރެއިންވެސް އަޅުގަނޑުމެން ދިވެހިން ޓެކްނޮލޮޖީއަށް ބަރޯސާވާވަރު އިތުރު ވެއްޖެއެވެ. އަދި ތަރައްގީވެފައިވާ އެހެން ގައުމުތަކުގައި އަމިއްލަ ދިރިއުޅުމާއި ވިޔަފާރީގެ ދުނިޔޭގައި ޓެކްނޮލޮޖީގެ ބޭނުންކުރުން އޮތީ އެތައްގުނައެއް ކުރީގައެވެ. ’އިންޓަރނެޓް އޮފް ތިންގްސް‘ އަކީ އިންޓަނެޓްގެ ޒަރީއާއިން ގުޅާލެވޭ އެކިވަސީލަތްތަކާއި އެވަސީލަތްތަކުގެ މެދުގައި ޑޭޓާ ފޮނުވާ ބަދަލުކުރާ ކުރުމެވެ. ވޭތުވެދިޔަ 5 އަހަރުތެރޭގައި މިފަދަ ވަސީލަތްތައް ބޭނުންކުރުމާ މިކަމަށް ހުރި ޝައުގުވެރިކަން ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ. ހޯދުންތަކުން ދައްކާގޮތުން 2025 ވަނަ އަހަރާ ހަމައަށް 55 ބިލިއަން ’އިންޓަނެޓް އޮފް ތިންގްސް‘ ޑިވައިސަސް ބޭނުންކުރެވޭނެއެވެ.

އެޗް.ޑީ.ސީއިން ދެކޭ ގޮތުގައި ސްމާޓް ސިޓީ އިންފްރާސްޓްރަކްޗަރ އުފެދުމާއެކު އަލަށް ފަށާ ވިޔަފާރިތަކަށް އައު ދޮރުތަކެއް ހުޅުވިގެންދާނެއެވެ. ބިޒްނަސް އިންކިއުބޭޝަން ޕްރޮގްރާމްތަކާއި، އެކްސެލަރޭޓަރ ޕްރޮގްރާމްތަކުގެ އިތުރުން ކޯވަރކިން ސްޕޭސްތައް އުފެދި ގްރޭޓަރ މާލެ ސަރަހައްދުގައި އީޖާދީ ވިޔަފާރިތައް ފުޅާވާނެއެވެ. . ބިޒްނަސް އިންކިއުބޭޓަރސް އަކީ އަލަށް ފަށާ ވިޔަފާރި އަދި ކުންފުނިތަކަށް އެހީތެރިކަން ފޯރުކޮއްދޭ ތަންތަނެވެ. ބިޒްނަސް އިންކިއުބޭޓަރސްގައި އިންވެސްޓަރސް ހޯދުމާއި އީޖާދީ އެހީ އަދި މަސައްކަތް ކުރާނެ ޖާގައާއި އެހެނިހެންވެސް އަލަށް ފަށާ ބިޒްނަސް އަކަށް ބޭނުންވާނެ ނަސޭހަތާއި އެހީ ފޯރުކޮއްދެވޭނެއެވެ.މިތަންތަނުގައި ކަމާ ގުޅުންހުރި މާހިރުންނާއި އެކަމަށް ޝައުގުވެރިވާ އެހެން ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރަން ފުރުސަތު ލިބިގެންދާނެއެވެ.

އެކްސެލަރޭޓަރ ޕްރޮގްރާމްސްއަކީ ފަށައިގެންފައިވާ ކާމިޔާބު ކުދި ވިޔަފާރި ފުޅާ ކުރުމަށް އެހީވެދޭ ޕްރޮގްރާމްތަކެވެ. މިޕްރޮގްރާމް ތަކުގެ ތެރެއިން ބޮޑެތި އިންވެސްޓަރުން ހޯދުމާއި ވިޔަފާރި ފުޅާކުރަން ބޭނުންވާ ހިދުމަތްތައް ފޯރުކޮއްދޭނެއެވެ. އިންކިއުބޭޓަރ ޕްރޮގްރާމްތަކާ ހިލާފައް އެކްސެލެރޭޓަރ ޕްރޮގްރާމްތަކުން މިހިދުމަތްތައް ދެނީ ފަށާ ވިޔަފާރީގެ ޝެއަރ އެއް ނުވަތަ ލިބޭ ފައިދާގެ އިންސައްތައެއް އެކްސެލެރޭޓަރ ޕްރޮގްރާމަށް ނަގާގޮތަށެވެ.

ކޯވަރކިން ސްޕޭސަސް އަކީ އަމިއްލަފަރާތްތަކަށް ގޮސް މަސައްކަތް ކުރަން ތިބެވޭ ގޮތައް ހަދާފަވާ ތަންތަނެވެ. މިތަންތަނުގައި ވަކި ވަކިން ނުވަތަ ގިނަ މީހުން ހިމެނޭ ޓީމުތަކަށް މަސައްކަތް ކުރަން ތިބެވޭނެ ގޮތް ހަމަޖެހިފައި އޮންނާނެއެވެ. މިފަދަ ކޯވަރކިން ސްޕޭސަސްގައި ގޭގޭއާއި އޮފީސްތަކުގައި ހުންނަ އިންޓަނެޓް ކަނެކްޝަންއައްވުރެ ފެންވަރު ރަނގަޅު އަވަސް ހިދުމަތްތައް ލިބޭނެއެވެ. އިންޓަނެޓްގެ އިތުރުން މިތަންތަނަކީ އޮފީސް ފަރުނީޗަރާއި، ޕްރިންޓް ކުރުމުގެ ހިދުމަތާއި މީޓިން ރޫމް އަދި ވަކި ވަކި އޮފީސް ހުންނަތަންތަނެވެ. ކޯވަރކިން ސްޕޭސަސްއަކީ ސްޓާޓްއަޕް ކުންފުނިތަކަށް ވަރަށް ބޭނުންތެރި ހިދުމަތެކެވެ. އަދި މިތަންތަނަކީ ފްރީލޭންސް މަސައްކަތް ކުރާ ފަރާތްތައް ނުވަތަ ކާމިޔާބު ކުދި ވިޔަފާރި ހިންގަމުންދާ ފަރާތްތަކަށްވެސް ބޭނުންހިފޭނެ ތަންތަނެވެ.

ސްމާޓް ސިޓީ އިންފްރާސްޓްރަކްޗަރ އަކީ ކުރީއްސުރެ ހިނގަމުން އަންނަ ބޮޑެތި ވިޔަފާރިތަކަށްވެސް އެދެވޭ ބަދަލު ތަކެއް އަންނާނެ ކަމެކެވެ. ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު އޮފީސްތަކުގައި ކުރަމުންއައި ބޮޑެތި އުނދަގޫ މަސައްކަތްތައް މިވަނީ ކުދި އަވަސް މަސައްކަތްތަކަށްވެސް ބަދަލުވެފައެވެ. އަދި އިންޓަނެޓް އޮފް ތިންގްސް ތައާރަފްވުމާއެކު ވިޔަފާރީގެ އެކި މަރުހަލާތައް މޮނިޓަރ ކުރުމާއި އައު އެފިޝަންޓް ގޮތްތައް ދެނެގަތުން ފަސޭހަވެ ވިޔަފާރި ފުޅާވާނެ ގިނަ ގޮތްތަކެއް މަގުފަހިވާނެއެވެ. ހުރިހާ ވަސީލަތްތަކަކީވެސް އެއް ވިއުގައަކުން ގުޅާލެވިފަވާ ވަސީލަތްތަކަކަށް ވުމުން މަސައްކަތް ކުރުމަށް ކޮންމެހެން އޮފީހައް ހާޒިރުވާކަށް ނުޖެހޭނެއެވެ. ކޮންމެ ތަނެއްގައި ހުރެވެސް މަސައްކަތް ފުރިހަމަ ކުރެވޭނެ ގޮތް މަގުފަހިވާނެއެވެ.

ކޮންމެ ވިޔަފާރިއެއްގެވެސް މަގުސަދަކީ ފައިދާ ލިބޭ މިންވަރު އިތުރުކޮށް ވިޔަފާރިއަށް ހިނގާ ހަރަދު ކުޑަކުރުމެވެ. އެހެންކަމުން މިފަދަ ޓެކްނޮލޮޖިކަލް ކުރިއެރުންތަކާއިއެކު ވިޔަފާރި ހިންގުމުގައި ހަރަދު ކުޑަ، ވިޔަފާރިއައް ފައިދާހުރި އަދި މަސައްކަތްތައް ފަސޭހަ ކުރުމަށް ބޭނުންކުރެވޭ ވަސީލަތްތައް އަދި ސޮފްޓްވެއަރ ބޭނުންކުރެވޭނެގޮތް މަގުފަހިވާނެއެވެ.

ސްމާޓް ސޮފްޓްވެއަރ ބޭނުންކުރަން ފެށުމުން ޑޭޓާ ޓްރެކްކުރެވޭ މިންވަރުއިތުރުވާނެއެވެ. މިއާއެކު ޑޭޓާ މިހާރައްވުރެން ރައްކާތެރިކަމާއެކު ބަލަހައްޓާ ބޭނުންކުރުމަށްވެސް ފުރުސަތު ހުޅުވިގެންދާނެއެވެ. ވިޔަފާރިތަކުގެ ތަފާތު އެކި ބޭނުންތަކަށް ފެތޭގޮތައް ޑޭޓާ އެއްކުރުމާ ޑޭޓާ ފޯރުކޮށްދިނުންވެސް ފަރުމާކުރެވޭނެއެވެ.

އީޖާދީ ވަސީލަތްތަކާއި ހައިސްޕީޑް އިންޓަނެޓް ގިނަ ބަޔަކު ބޭނުންކުރަން ފެށުމުން ވިޔަފާރިކުރާ ފަރާތްތަށް ނުވަތަ ހިދުމަތް ހޯދާ ފަރާތްތަކުގެ ބޭނުންތައް ވިޔަފާރިވެރިންނާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ފަސޭހައިން ދެނެގަނެވޭނެއެވެ. އަދި ކަސްޓަމަރުން ބޭނުންވާ މުދަލާއި ހިދުމަތްތައް ދެނެގަތުމަކީ ވިޔަފާރިތަކާ ހިދުމަތްތައް ކާމިޔާބު ކަމާއެކެ ފުޅާކޮށް ދެމެހެއްޓުމަށް އެންމެ މުހިންމު އެއް ކަމެވެ.

އެޗް.ޑީ.ސީ އިން ދެކޭގޮތުގައި މި ސްމާޓް ސިޓީ އިންފްރާސްޓްރަކްޗަރ މަޝްރޫއުގެ ސަބަބުން މީހުންގެ ދިރިއުޅުން ފަސޭހަވެގެންދާނެ އީޖާދީ ސޮލޫޝަންތަކެއް ތައާރަފްވެގެންދާނެއެވެ. ހުރިހާ ފަންތިއެއްގެ ހުރިހާ ބާވަތެއްގެ ވިޔަފާރިތަކަކަށްވެސް ފައިދާވާނެ އިންފްރާސްޓްރަކްޗަރއެއް ގާއިމު ކުރުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރިތަކަށާއި ވިޔަފާރި ކުރާ ފަރާތްތަކަށްވެސް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން