ބަނގުރާ ބުއިކަމަށް އެއްވެސް މީހަކު އިއުތިރާފުވާނަމަ، އެމައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ފުލުހުންނަށް ގޮވާލައްވައިފިއެވެ.

އަލްހާން ފަހުމީ މިކަމަށް ގޮވާލައްވާފައި މިވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަކީ އިސްލާމްދީނުގައި ހަރާން ކުރައްވާފައިވާ ބަނގުރާ ހިއްޕަވާ ބޭފުޅެއް ކަމަށް ދޭހަވާފަދަ ލިޔުމެއް ހާމަވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ޑޮކްޓަރެއް ލިޔުއްވާފައިވާ ކަމަށްބުނާ މި ލިޔުން އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވީވެސް ރައީސް ނަޝީދު އަމިއްލަފުޅަށެވެ. ނަމަވެސް އެމަނިކުފާނު ފަހުން ވަނީ އެ ލިޔުން ޑިލީޓްކުރައްވާފައެވެ.

އަލްހާން ފަހުމީ ވިދާޅުވީ ބަނގުރާ ބުއިކަމަށް އެއްވެސް މީހަކު އިއުތިރާފުވާނަމަ އެމައްސަލަ ބަލާ ޝަތީޢަތްކުރަން ޖެހޭނެކަމަށެވެ. އަދި ޤާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަވާނެކަމަށާއި، އަދި އެންމެންގެ މައްޗަށް ވެސް ޤާނޫނު ހިނގަންޖެހޭކަމަށްވެސް އަލްހާން ވިދާޅުވިއެވެ.





ލީކުވެގެން އުޅޭ ލިއުމަކީ ރައީސް މުޙައްމަދު ނަޝީދުގެ ނަފުސާނީ ޙާލަތު ވަޒަންކޮށް ސައިކޮލޮޖިސްޓަކު ދީފައިވާ ލިޔުމެކެވެ. ޑޮކްޓަރު ދީފައިވާ ލިޔުމުގައިވާގޮތުން ބޮމުގެ ހަމަލާއަށްފަހު ރައީސް ނަޝީދަށް ޕޯސްޓް ޓްރޮމެޓިކް ސްޓްރެސް ޑިސްއޯޑާ ނުވަތަ ޕީޓީއެސްޑީ ހުރިތޯ ބެލުމަށް ހެދި އިވެލުއޭޝަނަށްފަހު އެފަދަ މައްސަލައެއް ނެތްކަން ޑޮކްޓަރު ވަނީ ފާހަގަކޮށްފައެވެ. އަދި ރައީސް ނަޝީދު ވަނީ އަމިއްލަފުޅަށް ބަނގުރާ ބެއްލެވުން ހުއްޓަވާލައްވާފައިވާ ކަމަށާއި، އެކަމާއި ގުޅިގެން މިހާރު އަވަހާރަފުޅު ލައްޕަވަން ފަސޭހަފުޅުވާނެ ކަމަށްވެސް އެ ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

މިކަމާއި ގުޅޭގޮތުން ރައީސް ނަޝީދުވެސް، އަދި އެމްޑީޕީންވެސް ރަސްމީކޮށް ވާހަކަ ދައްކާފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު