ޢީދު ފާހަގަކުރުމުގެ ގޮތުން ސަލަފް ޖަމުޢިއްޔާއިން ކުރިއަށްގެންދިޔަ ޓޭބަލް ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން، ކުރީގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ އަދި މިހާރު އިސްލާމްދީން ކުރިއެރުވުމާއި ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތް ކުރާ އަލީ ރަމީޒް ހޯދައިފިއެވެ.

ސަލަފް ޖަމުޢިއްޔާއިން "ސަލަފް ޢީދު އުފާ ޓީޓީ ޓޯނަމެންޓް 1442" 2 ދުވަހަށް ބަހާލައިގެން ކުރިއަށްގެންދިޔައިރު، މުބާރާތުގައި 12 ކުޅުންތެރިން ވާދަކުރިއެވެ.

ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން މުބާރާތުގެ ޗެމްޕިއަންކަން އަލީ ރަމީޒް ހޯދީ، ޝައިޚް އިބްރާހިމް މުހައްމަދުގެ މައްޗަށް ފައިނަލް މެޗުގައި ސީދާ 2 ސެޓުން ކުރި ހޯދައިގެންނެވެ.

ލަވަކިޔުމުގެ ދާއިރާއިން އަލީ ރަމީޒް ފާހަގަވިނަމަވެސް، އޭނާއަކީ މިއަދު އިސްލާމްދީން ކުރިއެރުވުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތެކެވެ. އަދި އަލީ ރަމީޒަކީ ޖަމިއްޔަތުލް ސަލަފްގެ އޮޕަރޭޝަންސް މެނޭޖަރުކަންވެސް ފާހަގަކޮށްލެވެއެވެ.



ސަލަފް ޖަމިއްޔާއިން ބުނީ މިއީ މި މުބާރާތް ބޭއްވޭ ފުރަތަމަ ފަހަރު ކަމަށާއި އެހެންނަމަވެސް މާތް ﷲ ގެ އިރާދަފުޅުން ކުރިއަށް ހުރި ޢީދުތަކުގައި މިފަދަ އިވެންޓުތައް ޖަމިއްޔާގެ ފަރާތުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ.

މުބާރާތް ބޭއްވުމުގެ މައިގަނޑު ދެ މަގްސަދެއް އެބައޮތްކަމަށާއި، އެއް މަގްސަދަކީ ޖަމިއްޔާގެ މެމްބަރުންގެ އިތުރުން ޖަމިއްޔާއަށް އެކިއެކި ގޮތްގޮތުން އެހީތެރިވާ ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިކުރުންކަމަށެވެ. އަދި އަނެއް މަގްސަދަކީ ޢީދަކީ އުފާ ފާޅުކުރުމަށް ދީނުގައި ލައްވާފައިވާ މަތިވެރި ދުވަހަކަށް ވުމާއެކު އިސްލާމީ އުސޫލުތަކުގެ ތެރެއިން އެކަން ކުރެވިދާނެކަން ރައްޔިތުންނަށް ބަޔާންކޮށްދީ އެކަމުގައި ނަމޫނާ ދެއްކުންކަމަށް ސަލަފުން ބުނެއެވެ. މީގެއިތުރުން ޢީދު ފާހަގަކުރާއިރު ކޮންމެހެން އިސްލާމީ އުސޫލުތަކާއި ޚިލާފަށް، މިއުޒިކާއެކު، ދެޖިންސު މަސްހުނި ވާގޮތަށް ނޫނަސް އީދު ފާހަގަކުރެވޭނެކަމަށްވެސް ސަލަފުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން