ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީއަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީއެވެ. އެމްޑީޕީ އުފެދުނީ 2005 ވަނަ އަހަރުގެ ޖޫން މަހު 25 ވަނަ ދުވަހު ސްރީލަންކާގައެވެ. ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ، ގިނަ ޕާޓީ އެކުލެވޭ ގޮތަށް ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރީ އެމްޑީޕީންނެވެ. އެއީ ރާއްޖޭގެ އޭރުގެ އެހެން އިދިކޮޅު ފަރާތްތަކާއި ގުޅި ކޯލިޝަނެއް ހަދައިގެން ކަމަށް ވިޔަސް އެ ކޯލިޝަންގެ މައި ޕާޓީއަކީ އެމްޑީޕީއެވެ.

އެމްޑީޕީ އުފެދި ފާއިތުވެދިޔަ 16 އަހަރުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން އެޕާޓީގެ ކެންޑިޑޭޓުން ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްފައިވެއެވެ. 2018 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި މިހާރުގެ ރައީސުލްޖުމުހޫރިއްޔާ، ރައީސް، އިބްރާހިމް މުހަންމަދު ސޯލިހަކީ އެމްޑީޕީގެ ކެންޑިޑޭޓެކެެވެ. މިފަހަރުވެސް ސަރުކާރު ނިސްބަތްވަނީ ބޮޑު ކޯލިޝަނަކަށް ކަމަށްވިޔަސް ކޯލިޝަންގެ މައި ޕާޓީއަކީ އެމްޑީޕީއެވެ. ގާނޫނު އަސާސީ ދަންނަ ރައީސުލްޖުމްހޫރިއްޔާއަކީ އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅެކެވެ.

ރައީސް އިބްރާހިމް މުހަންމަދު ސޯލިހަކީ އެމްޑީޕީގެ އިސް ތަނބެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެެވެ. އެއީ ސަބަބެއް ނެތިއެެއް ނޫނެވެ. އެމްޑީޕީ އުފެއްދުމުގައި ދެވަނައަށް ސޮއިކުރެއްވި ބޭފުޅަކީ އެމަނިކުފާނެވެ. މި ހަގީގަތަށް ފަސްއަޅާ ފޮރުވާލަން ބަޔަކު މަސައްކަތް ކުރިއެއް ކަމަކު އެކަން ބަދަލުކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެއީ އެމްޑީޕީގެ ވެސް އަދި މި ގައުމުގެ ތާރީޚުގައި އޮތް ގޮތެވެ. ރައީސް ސޯލިހުގެ އިތުރުން އެމްޑީޕީ އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަޑައިގެންނެވި ޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސައާއި އިބްރާހިމް އިސްމާއިލް (އިބްރާ)ގެ އިތުރުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް، ނުވަތަ އައްޑޫ ޝަރީފާއި ފުރަހަނި ޝުއައިބުމެން ފަދަ ބޭފުޅުންނަށް އެމްޑީޕީ އުފެއްދުމުގެ "ކްރެޑިޓް" ނުލިބިއެއް ނުދާނެއެެވެ.

އެމްޑީޕީގެ ރޫޙާނީ ލީޑަރު ކަމަށް ދައުވާ ކުރައްވާ ކަމަށް ގިނަ ބަޔަކު ބުނަމުންގެންދާ، ރައީސް މުހަންމަދު މުހައްމަދު ނަޝީދަށް މިދެންނެވި ލިސްޓުން ޖާގަ ލިބެނީ 13 ވަނަ އަށެވެ. ރައީސް ސޯލިހަށް ވުރެ ރައީސް ނަޝީދު ފަހުން ސޮއިކުރެއްވި ނަމަވެސް އެމަނިކުފާނަކީ އެމްޑީޕީ އުފެއްދުމަށް ވަރަށް އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ރާއްޖެއަށް ޑިކޮމްރަސީ ގެނައުމަށާއި ޕާޓީ އުފެއްދުމަށް ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އެތައް އަނިޔާތަކެއް ލިބިވަޑައިގެން އެތަށް ދުވަހަކު ޖަލުގައި ވެސް އޮންނަވަން އެމަަނިކުފާނަށް ޖެހިވަޑައިގަތެވެ. މިއީ ވެސް ރާއްޖޭގެ ތާރީޚު ދައްކާ ހަގީގަތްތަކެވެ.

ކޮންމެއަކަސް އެމްޑީޕީ އުފެއްދުމަށް ސޮއިކުރެއްވި ހުރިހާ ބޭފުޅުންނަކީ ވެސް ޕާޓީގެ ތަނބުތަކެވެ. ތަފާތު އެކި ފިއްތުންތަކާއި ޕްރެޝަރާ އަދި ކޮންމެވެސް ފަރާތެއްގެ ނޭއްގާނި ކަމާއި ގުޅިގެން ވިޔަސް މިއަދު އެބޭފުޅުން ޕާޓީން ދުރަށް ވަޑައިގެން ތިއްބެވި ނަމަވެސް އެކަން އޮތީ ހަމައެގޮތަށެވެ. ނަމަވެސް ހަގީގަތަށް ބުރަވާނަމަ ނޫނީ އެބޭފުޅުންގެ ބަހުން ދަންނަވާނަމަ އޭގެ ތެރެއިން ގިނަ ބޭފުޅުން އެމްޑީޕީގެ ލީޑަރޝިޕުން ބޭރުކުރީ ޕާޓީގައި އުފެދުނު ބާރަކުންނެވެ. އެއްގޮތަކަށްވެސް އަމިއްލަފުޅަކަށް ނޫނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރުމުން އެޕާޓީން ރީކޯ މޫސައަށް ދިން އަދަބަކީ ޕާޓީން ވަކިކުރުމެވެ. މިދަތުރު ޖެހުނު މީހުންގެ ތެރޭގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކުގެ އިތުރުން ޕާޓީގެ ނާއިބް ރައީސް އަލްހާން ފަހުމީ ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. މީގެއިތުރުން ޕާޓީގެ ފުރަތަމަ ރައީސް، އިބްރާހީމް އިސްމާއީލް، އިބުރާ މަގާމުން ބޭރުކޮށް އެކަހެރި ކޮށްލި ގޮތާއި، އިބްރާހީމް ދީދީ، ނުވަތަ ޑރ. ޑީޑީއާއި މުނައްވަރު ފަދަ ބޭބޭފުޅުން އެކަހެރިވެވަޑައިގަންނަވާން ޖެހިވަޑައިގެންނެވި ސަބަބު ތަކާއި ފިއްތުން ތަކަކީ ވަރަށް ބާވާހަކަތަކަކަށްވާތީ މިއަދު އެވާހަކަ ދައްކާކަށް ނެތީމެވެ.

ޕާޓީ އުފެއްދި ބޭފުޅުން މިއަދު ޕާޓީ އޮތް ހާލަތަށް ކެތްނުވެގެން އެއްޗެއް ވިދާޅުވުމުން އިއްޔެއާއި މިއަދު އެމްޑީޕީއަށް ސޮއިކުރި މީހުންނާއި އެމްޑީޕީ އުފެދުނު ގޮތާއި އެމްޑީޕީގެ އަސްލު ލީޑަރޝިޕް ނުދަންނަ "ކުޑަ ކުދިބަޔަކަށް" ނުވަތަ ސިޔާސީ ގޮތުންވެސް އަދި ޅަ ކުދިން ކޮޅަކަށް އެކަން "ހަޖަމު" ކުރެވޭ ކަމަކަށް ނުވެއެވެ. މިދެންނެވި ބޭބޭފުޅުންނަށް ޕާޓީގެ ކަންކަމަށް ގޮތް ނުކިޔޭނެ ކަމަށް ރައީސް، މުހަންމަދު ނަޝީދަށް ލޯޔަލް ފަރާތްތަކުން ވިދާޅުވި ނަމަވެސް ހަގީގަތުގައި އެމްޑީޕީ މިއަދު އޮތް ހާލަތާމެދު އެއްޗެއް ވިދާޅުވެ ޕާޓީ ހަމަމަގަށް އެޅުވުމަށް މަގު ދެއްކުމަކީ އެބޭފުޅުންގެ ޒިންމާއެކެެވެ. އެމްޑީޕީއަކީ އެބޭފުޅުންގެ ދަރިއަކަށް ވާތީއެވެ. އެބޭފުޅުން ކާންދީ ބޯންދީ ބަނޑުދަށުލައިގެން ބަލާބޮޑުކޮށް މިހާތަނަށް ގެނައި ދަރިއަކަށް ވާތީއެވެ. އެހެންވީމާ ޕާޓީއާއިމެދު ބަސްބުނުމަށް އެއަށްވުރެ އައުލާކަންބޮޑު އެއަށްވުރެ އެހައްގު ލިބިގެންވާ އެހެން ބަޔަކު ތިިބިކަމަކަށް ގަބޫލެއް ނުކުރެވެއެވެ.

އަމިއްލައަށް އުފެއްދި ޕާޓީ ރޫޅި ހަލާކުވެ ދާކަށް އެބޭފުޅުން ބޭނުމެެއް ނުވާނެއެެވެ. ކުރިން ދެންނެވި މަޖުބޫރީ ހާލަތާއި ގުޅިގެން ކިތަންމެ ދުރުގައި މިއަދު ތިއްބަސް ހިތާ ހިތުމުގެ ގުޅުމެއް ނުކެނޑޭނެއެވެ. ބަނޑުއަޅައި ވިހެއި ދަރިން މައިންބަފައިންނާ ވަކިނުކުރެވޭ ބީދައިންނެވެ. އެމްޑީޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅުންނަށް ޕާޓީއާމެދު އޮތް "ކުލުނު" ހަމަ އެގޮތުގައި ދެމިއޮންނާނެއެވެެ. ސަބަބަކީ އެބޭފުޅުން އެތައް ގުރުބާނީއަކާއި އެތައް ބުރަ މަސައްކަތުން އުފެއްދި ޕާޓީއަކަށް ވާތީއެވެ.

އިސްވެ މި ދެންނެވި ތަރުތީބަށް ބަލާއިރު އެމްޑީޕީއަށް ރައީސް ނަޝީދަށްވުރެ ރައީސް ސޯލިހު ދޮށްޓެވެ. މިއަދު ކިތަންމެ ބޭނުން ނުވިޔަސް އެ ހަގީގަތް ގަބޫލުކުރައްވާށެވެ! އެހެން ނަމަވެސް މިއަދު ވަކި ބަޔަކަށް އެމްޑީޕީއަށްވުރެ ބޮޑުކޮށް ފެންނަނީ ވަކީ މީހެކެވެ. އެމީހުންނަށް ބޮޑީ ޕާޓީއެއް ނޫނެވެ. އަދި އެޕާޓީ އެހާހިސާބަށް ގެނައި މީހުންނެއްވެސް ނޫނެވެ. އެމީހުންނަށް ޕާޓީއަށްވުރެ ވެސް އަދި މުޅި ގައުމަށްވުރެވެސް "ބޮޑީ" އެމީހުން ގަބޫލުކުރާ އެމީހުންގެ "ރޫހާނީ ލީޑަރ" ކަން މިއީ ފެންނާން އޮތް ހަގީގަތެވެ.

މިކަމުގެ ނަތީޖާ މިއަދު މިފެންނަނީ ވަރަށް ވެސް ހިތިކޮށެވެ. މިއަދު ގައުމުގެ އެންމެ އިސް ވެރިއަކަށް ހުރީ އެމްޑީޕީގެ ވަރުގަދަ ތަނބެކެވެ. އެޕާޓީއާއެކު ހުރިހާ ކަނޑެއްގައި ދަތުރުކޮށް ކިތަންމެ ގަދަ ވިޔަސް އޮޑިން ފުންމާ ނުލާ އަމާން އައްސޭރިއަކަށް ދާން މަސައްކަތްކުރި، ހިތްވަރު ގަދަ ޕާޓީގެ ތަނބެކެވެ. އެމްޑީޕީ ދެކެ ވަރަށް ލޯބިވާ ވަރުގަދަ ސަހުސިއްޔަތެކެވެ. އެކަމަކު މިއަދު މިދެންނެވި ރޫހާނީ ލީޑަރު އެކަނި ގަބޫލުކުރާ އެމްޑީޕީގެ ބަޔަކު ރޫހާނީ ލީޑަރާއެކު ނުކުމެ އެތިބީ އެމްޑީޕީގެ މިދެންނެވި ވަރުގަދަ ތަނބު ވައްޓާލުމަށެވެ. އެމީހުންގެ ރޫހާނީ ލީޑަރާއެކު ނުކުމެ އެތިބީ އެޕާޓީގެ ރައީސް މަގާމުން ދުރުކޮށް އެމީހުންގެ ރޫހާނީ ލީޑަރަށް ވެރިކަން ހޯދައިދޭން ވެގެންނޯލައެވެ. މިއަދު އެމްޑީޕީގެ ނަންބޯޑު ހިފައިގެން ތިބި ބަޔަކު ނުކުމެ އެމްޑީޕީގެ ރައީސާއި ދިމާކޮށް އެ ރައީސްގެ ސަރުކާރު ބަލިކޮށްލާން ގުރުބާންވަނީ ހަމަ އެންމެ ސަބަބަކާ ހުރެއެވެ. އެއީ އެމީހުންގެ ރޫހާނީ ލީޑަރު ވިދާޅުވާ ބޮޑު މަންޒަރު އެމީހުންނަށް ފެންނާތީއެވެ. އެމްޑީޕީގެ މިހާރުގެ ރައީސް ބަލިކޮށްލައި ސަރުކާރު ވައްޓާލުމުން އެމީހުންގެ ރޫހާނީ ލީޑަރަށް ވެރިކަން ލިބޭނެ ކަމަށް ގަބޫލުކޮށްގެންނެވެ.

ނަމަވެސް ތަގުދޫރު ކުރަހާފައިވާ ޕްލޭނުން ނޫނީ ހަމަ އެއްކަމެއް ވެސް ނުހިނގާނެކަން ގަބޫލުކުރައްވާށެވެ. ރޫހާނީ ލީޑަރާއި ލީޑަރު ވަށައިގެން އެނބުރޭ މިދެންނެވި މީހުން ކިތަންމެ ބޭނުމަށް ތަގުދީރު ކުރަހާފައިވާ ޕްލޭންގައި ނެތް ކަމެއް ނުވާނެއެވެ. ކިތަންމެ ބާރަށް ގުންފައި ޖަހާފައި ނުކުމެ، ކިތަންމެ ވަރަކަށް އަޑުގަދަ ކުރިޔަސް އެކަމެއް ނުވާނެއެވެ. ވެރިކަމަކީ މާތްﷲ ދެއްވާ އެއްޗެކެވެ. މާތް ﷲގެ ރަހުމަތްފުޅާއި ރައްޔިތުންގެ ލޯތްބާއި ރުހުމާއި ނުލައި ވެރިކަމެއް ނުލިބޭނެއެވެ. ގަދަބާރުން، މަޖިލީހުގެ ސުޕަ މެޖޯރިޓީ ބޭނުން ކޮށްގެން ނިޒާމުވެސް ބަދަލު ކުރެވިދާނެއެވެ. އެކަމަކުވެސް ރައްޔިތުންގެ ތާއީދާއެކު ތަގުދީރު ކުރެހި ޕްލޭނުގައި ނެތް ގޮތަކަށް އެއްވެސް ކަމެއް ނުވާނެއެވެ.

މިހާރު މިވެގެން އުޅޭ ގޮތަކީ ވަކި މީހަކު ވެރިކަން ބޭނުންވިލެއް ބޮޑުކަމުން އެމްޑީޕީ އުފެއްދި މަގުސަދު ހަނދާންނެތި އެޕާޓީއަކީ ވަކި މީހެއްގެ ފަހަތުން އެނބުރޭ "ކަލްޓް" ގްރޫޕެއް ޕާޓީގެ ތެރެއިން އުފެދުނީއެވެ. އެކަން ޕާޓީއަށް ޓަކައި އެތަށް ގުރުބާނީއެއްވި ކުރީގެ އިސް ބޭފުޅުންގެ ވާހަކަތަކާއި ސިޔާސީ މަޝްރަހުން ފެންނަމުންމިދާ މަންޒަރުތަކުން ކަށަވަރުވެ ޔަގީންވެއެވެ. އެމްޑީޕީގެ މިދެންނެވި ރޫހާނީ ލީޑަރާއި ދެކޮޅަށް ބަސްބުނާ ކޮންމެ މީހަކު ޖެހެނީ ޕާޓީއާއި "ފެއަށް" ޖެހޭށެވެ. ރީކޯ މޫސައާއި އިބްރާހިމް އިސްމާއީލާއި ޑރ. ޑީޑީގެ އިތުރުން އަލްހާނާއި ފުރަހަނި ޝުއައިބާއި އައްޑޫ ޝަރީފުމެން ފަދަ ބޭފުޅުންނަކީ މީގެ ދިރިހުރި މިސާލަށް، ހެއްކަކަށް ފުދޭނެއެވެ.

އެހެން ނަމަވެސް މިއަދުގެ ހަގީގަތް ބައްލަވާށެވެ. ކުރިން ދެންނެވިހެން އެމްޑީޕީ ތަމްސީލް ކުރާ ވެރިކަމެެއްގައި ރައީސުލްޖުމުހޫރިއްޔާއާއި ދެކޮޅަށް ނުކުމެ އެހުންނެވީ ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. އެމްޑީޕީގެ އުސޫލުތަކާއި ޚިލާފަށް ރައީސް މުހަންމަދު ނަޝީދު އަމަލު ކުރައްވާއިރު އެކަމުގައި އެޅޭނެ ފިޔަވަޅެއް، ހެދޭނެ ގޮތެއް ނެތެވެ. އެއްކަލަ އެމްޑީޕީގެ އިންސާފުގެ ތިލަފަތުގެ އެއްކޮޅަށް މިއަދު އެވަނީ ބަރުވެފައެވެ. ރައީސް ނަޝީދާއި ދެކޮޅަށް ނުކުތުމުން ފިޔަވަޅު އަޅަން ކުއްލިއަކަށް ފަސްވަނަ ގިއަރުގައި ހަރަކާތްތެރިވި ކޮމެޓީތައް މިއަދު ވަނީ "ވާގި"ނެތިފައެވެ. އަމިއްލަ ޕާޓީގެ ރައީސްގެ އިސްތިއުފާއަށް ގޮވަނީ ޕާޓީގެ މަޖިލިސް މެމްބަރުންނެވެ. އަމިއްލަ ޕާޓީގެ ރައީސްގެ އިސްތިއުފާއަށް ގޮވުމުން އެމެންބަރަށް ނިސްބަތްކޮށް ނަސޭހަތުގެ ބަހެއް ބުނެލުން ފިޔަވައި އެޅުނު ފިޔަވަޅެއް ނެތެވެ.

ޕާޓީގެ ރައީސަށް ލޯޔަލް ފަރާތްތަކުން ކުރާ އެފަދަ ކަންކަމަށް ފަސްއަޅައި ފޮރުވާލަނީއެވެ. ނުވިތާކަށް ޕާޓީގެ ރައީސުލްޖުމުހޫރިއްޔާ އާއި ދެކޮޅަށް އެންމެ ފަހުން ޕާޓީގެ ގޮފިތަކުން "ހަނގުރާމަ" އިއުލާންކޮށްފިއެވެ. އެހެން ނަމަވެސް މިފަދަ މައްސަލަތައް ބައެއްގެ ބާރާއި ނުފޫޒުން ބެލުމަށް އެވަނީ ހުރަސް އަޅާފައެވެ. އެންމެ ފަހުން ޕާޓީން ފިޔަވަޅު އަޅާ ބޭރުކުރި އެއް ބޭފުޅަކީ ޕާޓީގެ ފިޔަވަޅުއަޅާ ކޮމިޓީގެ ނައިބު މުގައްރިރު، ފުރަހަނި ޝުޢައިބެވެ. އޭނާއާމެދު ފިޔަވަޅު އެޅީ ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާ ދެކޮޅަށް ބަސް ވިދާޅުވުމުންނެވެ. އޭނާ އެކަން ކުރީ ޕާޓީގެ ސިޔާސަތުތައް ހަނދާންކޮށްދީ ޕާޓީގެ ވަޢުދުތައް ފުއްދުމަށް ބާރުއެޅުމަށެވެ. އެކަމަކު މިއަދު ޕާޓީ މެންބަރަކު ގައުމުގެ ރައީސް ކަމުގައި ހުއްޓާ އެ "ރައީސް މީހާ" ދުރުކުރަން ޕާޓީގެ މެންބަރަކު ނުކުމެ ހަނގުރާމަ އިޢުލާންކޮށް ހަތިޔާރު ހިފައިގެން ނުކުމެ އެމީހާއާއި ތޮޅި އެމީހާ ޝަހީދުކޮށްލާއިރުވެސް ޕާޓީގެ މިދެންނެވި ފިޔަވަޅުއަޅާ ކޮމިޓީ އެއޮތީ ނިދާ ހަރުދަނޑި ވެފައެވެ. ދެން އެ ކޮމިޓީ ހޭލާނީ ވެރިކަން ވެއްޓުނީމާ ތޯއްޗެކެވެ. މިއީ އެމީހުންގެ ރޫހާނޫ ލީޑަރު ބޭނުންވާ ގޮތް ކަމަށްވާތީ އެމީހުން އެތިބީ އެކަން ކުރާން ނުކުމެއެވެ. ހަލުވާލައި ބަލިކޮށް ވައްޓާލީމާ އަލުން ނަގާ ކޮޅަށް ނުޖެހުނަސް އެމީހުންނަށް ހަމަ ހެވެވެ. އެމީހުން ހީކުރަނީ ވެރިކަމަކީ އެމީހުންގެ ރޫހާނީ ލީޑަރު ބުނާގޮތަށް ހަދައިގެން އަމިއްލަ ވެރިކަން ވައްޓާލައިގެން ވެސް ލިބޭނެ އެއްޗެއް ކަމަށެވެ. ހިތަކަށް ލިބިފައި އޮތް އަމިއްލަ ވެރިކަމާ ތޮޅެ އެވެރިކަން ވައްޓާލީމާ ވެސް ރައްޔިތުން ނުކުމެ ވޯޓު ދީގެން ޕާޓީއަށް ތިންވަނަ ފަހަރަށް ވެސް ފުރުސަތު ދޭނެކަމަށް އެމީހުން ގަބޫލުކުރަނީއެވެ. ހަމަ "ޖާހިލީ" އެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ޙަސަންމުހައްމަދު

26-Jul-2021

އެމް ޑީ ޕީންވެސް ނަޝީދުއަށް ތާއީދުކުރަނީ 😂 ފަސްބާއިކުޅަ އެއްބާ 😂 އަޅުގަޑު ތާއީދު ކުރާނަމަ ހަތަރުބާއި ކުޅަ އެއްބާއި މީހުން ތާއީދު ކުރާނެ 😂 އަޅުގަޑު ނަޝީދުއަކަށް ހަމްދަރުދީއެއްނުވާނަން 😂 އަޅުގަޑު ދަންނަ ޑިމޮކުރެސީއެއްނުން ލަންޑަނު ކިބަޅި ފަރާތުން ގެނައީ 😂



ޓްރެންޑިން