ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
ކޮވިޑް-19 ގެ ވެކްސިންގެ ދެޑޯޒް ފުރިހަމަކުރުމަށް ފަހު ދެ ހަފުތާވެފައިވާ ފަތުރުވެރިންނަށް ރަށްރަށުގެ ގެސްޓްހައުސްތައް ހުޅުވާލަން ނިންމައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިރޭ ނެރުނު އިއުލާނެއްގައި ބުނީ، މިމަހުގެ 26 ވަނަ ދުވަހުގެ ފަހުން 72 ގަޑިއިރު ނުވާ ޕީސީއާރު ނަތީޖާއަކާއެކު ރާއްޖެ އެތެރެވާ ވެކްސިންގެ ޑޯޒް ފުރިހަމަކޮށްފައިވާ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްތަކުގައި ހުންނަ ގެސްޓްހައުސްތަކަށް ދެެވޭނެ ކަމަށެވެ.

އެގޮތުން ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށްފައިވާ ފަތުރުވެރިންނާއެކު ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުދިންނަށްވެސް މީހުން ދިރިއުޅޭ ރަށްތަކުގައި ހުންނަ ގެސްޓްހައުސްތަކުގައި ތިބެވޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެެވެ. ވެކްސިން ފުރިހަމަ ކޮށްފައި ވިޔަސް ރާއްޖެއަށް އެތެރެވާއިރު 72 (ހަތްދިހަ ދޭއް) ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ނަތީޖާއެއް އޮންނަން ޖެހޭނެ ކަމަށާއި، މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓްހައުސްތަކުން ފަތުރުވެރިން ޗެކް-އައުޓް ވާއިރު ވެސް ނެގެޓިވް ޕީސީއާރު ނަތީޖާއެއް އޮންނަން ޖެހޭނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

އެޗްޕީއޭ އިން ބުނީ، ރަށުގައި ދިރިއުޅޭ އާބާދީގެ 60 އިންސައްތައަށް ވެކްސިން ޑޯޒްތައް ފުރިހަމަވެފައިވާނަމަ ވެކްސިން ފުރިހަމަ ނުވާ ފަތުރުވެރިންނަށް ވެސް އެރަށްރަށުގެ ގެސްޓްހައުސްތަކަށް އާދެވޭނެ ކަމަށެވެ. ނަމަވެސް ރަށުގައި ފަތުރުވެރިންނަށް ޚިދުމަތްދިނުމުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތައް ހިމެނޭގޮތަށް 95 އިންސައްތަ މީހުންނަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަވެފައި ހުންނަން ޖެހޭނެއެވެ. އަދި ރަށުގައި ދިރިއުޅޭ 65 އަހަރުން މަތީގެ އާބާދީގެ 90 އިންސައްތަ މީހުން ވެކްސިން ޑޯޒްތައް ފުރިހަމަ ކޮށްފައި ހުންނަން ޖެހެއެވެ.

އެޗްޕީއޭގެ އުސޫލުގައި ބުނެފައިވަނީ، ވެކްސިން ޑޯޒް ފުރިހަމަ ވެފައި ކަމަށް ބަލާނީ ވެކްސިން ޖަހަންޖެހޭ ޑޯޒްތައް ފުރިހަމަ ވުމަށްފަހު 14 ދުވަސް ވުމުން ކަމަށާއި، ފަތުރުވެރިން ރާއްޖެއަށް ދަތުރުކުރާ ގައުމުތަކުގައި ބަލީގެ ހާލަތު އޮތްގޮތަށް ބަލައި މިހާރު ދޭން ނިންމާފައިވާ ލުއިތަކަށް ބަދަލުތައް ގެންނާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން