ބާ ކައުންސިލްގެ ރައީސް އަލްއުސްތާޛު މައުމޫން ޙަމީދު
ބާ ކައުންސިލްގެ ރައީސް އަލްއުސްތާޛު މައުމޫން ޙަމީދު
ޤާނޫނީ ވަކީލުން މީސްމީޑިއާގައި ސުލޫކީ މިންގަނޑު ހިފެހެއްޓުމަށް ބާކައުންސިލުން އަންގައިފިއެވެ.

ބާކައުންސިލުން މިރޭ ނެރެފައިވާ ބަޔާނެއްގައި ވަނީ، ޤާނޫނީ ވަކީލުން ޢަމަލުކުރަންޖެހޭ ސުލޫކާ ޚިލާފުވެއްޖެކަމުގެ މަޢުލޫމާތެއް އެ ކައުންސިލަށް ލިބިއްޖެނަމަ، ނުވަތަ އެފަދަ ކަމެއް ހިންގާފައިވާކަމަށް އެ ކައުންސިލަށް ފެނިގެން އެ މައްސަލައެއް އެ ކައުންސިލުގެ އިސްނެގުމުގެ މަތިން ބެލުމުގެ އިޚްތިޔާރު ލިބިފައިވާކަން ހަނދާން ކޮށްދީފައެވެ. އެހެންކަމުން އެކަންކަމަށް ޤާނޫނީ ވަކީލުން ޚާއްސަ ސަމާލުކަމެއް ދެއްވައި، އެފަދަ ޢަމަލުތަކުން ރައްކާތެރިވެ ތިބުމަށް ބާ ކައުންސިލުން ވަނީ ނަސޭހަތްތެރިވެފައެވެ.

ބާކައުންސިލުން ބުނީ، ކޯޓުތަކުގެ ފަނޑިޔާރުންނާ ގުޅޭގޮތުން ބައެއް ޤާނޫނީ ވަކީލުން މީސް މީޑިއާގައި ފާޅުކުރާ ޚިޔާލުތަކަކީ، ފަނޑިޔާރުންގެ ޙުރުމަތް ކެނޑޭ، އަދި ޢާންމުން ކޯޓުތަކަށް ކުރާ އިތުބާރަށް އަސަރުކުރާ ފަދަ ޢަމަލުތަކެއް ކަމުގައިވާތީ އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ހުރިހާ ވަކީލުންވެސް ފަނޑިޔާރުންނާއި ކޯޓުތަކުގެ އިޙްތިރާމާއި ޤަދަރު ހިފެހެއްޓުމަށް ބާކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.



މީގެއިތުރުން، ކޯޓުތަކުގައި ޝަރީޢަތްތައް ކުރިއަށްދާ މަރުޙަލާގައިވެސް ޤާނޫނީ ވަކީލުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި، ޤާނޫނީ ވަކީލުންގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ ފަދަ ޢަމަލުތައް ހިންގަމުންދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް ބާ ކައުންސިލުން ވަނީ ބުނެފައެވެ. އެހެންކަމުން ޤާނޫނީ ވަކީލުންގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމަށާއި، ޤާނޫނީ ވަކީލުންގެ ފަރާތުން މަސައްކަތުގެ ދާއިރާގައި ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑާއި ޚިލާފު ޢަމަލުތަކުން ދުރުވެ ތިބުމަށް، އެންމެހާ ޤާނޫނީ ވަކީލުންނަށް ބާ ކައުންސިލުން ވަނީ ހަނދާންކޮށްދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން