ހިންދުސްތާން ފިލްމީ ދުނިޔޭގެ މުސްކުޅި ސުޕަސްޓާ ދިލިޕް ކުމާރް މަރުވެއްޖެއެވެ.

50 އަހަރު ދުވަހު ބޮލީވުޑްގައި ހިދުމަތްކުރި ދިލިޕް ކުމާރް މަރުވިކަން އޭނާގެ އާއިލާގެ ފަރާތުން މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ ޔަގީންކޮށްދީފައެވެ.

1944 ވަނަ އަހަރު ފިލްމީ ދާއިރާއަށް ނުކުތް ދިލިޕް ކުމާރް 60 ވަރަކަށް ފިލްމް ކުޅެފައިވެއެވެ. ދިލިޕަކީ ކަޅާ ހުދުގެ ޒަމާނުންފެށިގެން އިންޑިއާގެ ފިލްމީ ދުނިޔޭގައި ވިދަމުން އައި ރަންތަރިއެވެ.

ދިލިޕްގެ ކާމިޔާބު ފިލްމު ތަކުގެ ތެރޭގައި، 1955 ގައި ރިލީޒް ކުރި ހިންދީ ފިލްމު އިންސާނިއްޔަތު، ދޭވްދާސް، އަދި 1957 ގައި ރިލީޒް ކުރި ހިންދީ ފިލްމު ނަޔާދައުރް ގެ އިތުރުން، 1960 ގައި ރިލީޒް ކުރި ހިންދީ ފިލްމު މުގްލޭ އާޒަމް އަކީ ދިލިޕްގެ ފާހަގަ ކޮށްލެވޭ ބައެއް ފިލްމެވެ.

ދިލިޕް ކުމާރް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 1998 ވަނަ އަހަރު ނެރުނު ހިންދީ ފިލްމު ގިލާ އިންނެވެ.

ފިލްމީ ދާއިރާއިން ދުރަށް ދިއުމަށްފަހު، 2000 ވަނަ އަހަރު ދިލިޕް ވަނީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްްގެ ގޮތުގައި އިންތިހާބުވެފައެވެ.

ދިލިޕް މިދުނިޔެއާއި ވަކިވުމުގެ ހިތާމަ ގިނަ ފިލްމީ ތަރިން ފާޅުކުރަމުން ދާއިރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީވެސް ވަނީ ތައުޒިޔާ ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ. މޯދީ ގެ ޓްވީޓްގައި ދިލިޕް ކުމާރަކީ އިންޑިއާ ސިނަމާގެ ލެޖެންޑެއް ގޮތުގައި ސިފަކުރައްވާފައިވެއެވެ.

ދިލިޕް ކުމާރް މަރުވިއިރު، އަންހެނުން ސާއިރާ ބަނޫއާއި ދިލިޕަށް ކުއްޖަކު ލިބިފައެއް ނުވެއެވެ. ދިލިޕް ކުމާރު މަރުވިއިރު އުމުރަކީ 98 އަހަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން