ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިތުރު 12 ރަށެއްގައި އެޖެންޓް ބޭންކިންގ މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި އަދި ފައިސާ ދެއްކުމުގެ ހިދުމަތް ތައާރަފްކޮށްފިއެވެ.

މިގޮތުން ހއ. މާރަންދޫ، ހދ. ކުމުންދޫ، ހދ. ނެއްލައިދޫ، ހދ. ފިނޭ، ށ. ނަރުދޫ، ށ. ފޭދޫ، ށ. މަރޮށި، ނ. ޅޮހި، ނ. މާޅެންދޫ، ރ. އިންނަމާދޫ، ބ. ފުޅަދޫ އަދި މ. ކޮޅުފުށީގައި, ބީއެމްއެލްގެ އެޖެންޓް ބޭންކިންގ މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި އަދި ފައިސާ ދެއްކުމުގެ ހިދުމަތް ބޭންކުން މިހާރު ވަނީ ތައާރަފްކޮށްފައެވެ. މިރަށްތަކުގައި ގާއިމްކުރެވުނު މި ހިދުމަތާއެކު، ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު 10،000 ރުފިޔާ އާ ހަމަޔަށް އެޖެންޓުން މެދުވެރިކޮށް ފައިސާ ޑިޕޮސިޓް ކުރުމުގެ އިތުރުން ލޯނު އަދި ކްރެޑިޓް ކާޑަށްވެސް ފައިސާ ދެއްކޭނެ ކަމަށް ބޭންކުން ހާމަކޮށްފައިވެއެވެ.  މީގެ އިތުރުން ކަސްޓަމަރަކަށް އެއްވެސް ފީއަކާ ނުލައި ދުވާލަކު 2000 ރުފިޔާވެސް ނެގޭނެ ކަމަށް ބޭނުންކުން މައުލޫމާތުދެއެވެ.

މިއާއެކު މިހާރު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ 62 އޭޖެންޓުން މެދުވެރިކޮށް އެއްވެސް ފީއަކާ ނުލައި ފައިސާ ޖަމާކުރުމުގެ އިތުރުން ފައިސާ ދެއްކުމުގެ ހިދުމަތް ބޭންކުގެ ކަސްޓަމަރުންނަށް ލިބޭނެކަމަށް ބީއެމްއެލުން ބުނެފައިވެއެވެ.

 

މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފުޅާކުރުމަށްޓަކައި ބީއެމްއެލުން ކޭޝް އެޖެންޓުންގެ ހިދުމަތް ތައާރަފް ކޮށްފައިވަނީ 2014 ވަނަ އަހަރުއެވެ. މިއީ ބޭންކުގެ ބްރާންޗެއް ނުވަތަ އޭޓީއެމެއް ނެތް ރަށްރަށުގައި އަސާސީ ބޭންކިންގ ހިދުމަތް ދިނުމަށް ތައާރަފްކުރެވުނު ހިދުމަތެކެވެ. އެއްވެސް ފީއަކާ ނުލައި ބޭންކުން އަންނަނީ 200 އަށްވުރެ ގިނަ ކޭޝް އޭޖެންޓުން މެދުވެރިކޮށް ފައިސާ ނެގުމުގެ ހިދުމަތާއި 60 އަށް ވުރެގިނަ އެޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާކުރުމުގެ އިތުރުން ފައިސާ ދެއްކުމުގެ ހިދުމަތްވެސް ކަސްޓަމަރުންނަށް ފޯރުކޮށްދެމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން ރަށްރަށުގައި އިއުލާން ކޮށްފައިވާ ފުރަބަންދުގައި ރާއްޖޭގެ ހުރިހާ ރަށްރަށެއްގައި ކަސްޓަމަރުންނަށް މެދުނުކެނޑި ބޭންކިންގ ހިދުމަތް ފޯރުކޮށްދިނުމަށް ބޭންކުން ދަނީ މުހިންމު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން