ބިދޭސީން ގަވާޢިދަށް ފެއްތުމަށް ސަރުކާރުން ހިންގި ޕްރޮގްރާމްގައި ބައިވެރިވުމަށް ގަލޮޅު ރަސްމީ ދަނޑަށް އެއްވެފައި ތިބި މީހުން
ބިދޭސީން ގަވާޢިދަށް ފެއްތުމަށް ސަރުކާރުން ހިންގި ޕްރޮގްރާމްގައި ބައިވެރިވުމަށް ގަލޮޅު ރަސްމީ ދަނޑަށް އެއްވެފައި ތިބި މީހުން
ރާއްޖޭގައި ބިދޭސީން ގަވާއިދާއި ޚިލާފަށް އުޅެމުން އަންނަ ކަމުގެ ވާހަކައަކީ މީގެ ފަންސަވީހަކަށް އަހަރު ކުރިން އަޑު އިވެމުން އަންނަ ވާހަކަ އެކެވެ. ނަމަވެސް މިއަދާއި ހަމަޔަށް އެއްވެސް ހައްލެއް ނުލިބި މިހާރު އެފަދަ މީހުން ވެފައިވަނީ ސަރުކާރަށް ބޮޑު ބުރައަކަށެވެ. ކޮވިޑް އޮންވިހީގެ ސަބަބުން އެފަދަ ގިނަ މީހުން ސަރުކާރުން ބަލަންޖެހި، ދިވެހި ރައްޔިތުންގެ ޓެކްސްފައިސާ އެމީހުންނަށް ޚަރަދު ކުރުމަށް މިހާރު މިވަނީ މަޖުބޫރު ވެފައެވެ.

އިންސާނިއްޔައްތައްޓަކައި އެމީހުންނަށް، ކޮވިޑް އޮނަވިހީގެ މިޙާލަތުގައި މިހާރު އަޅާލަން ޖެހެއެވެ. އޯގާތެރިވާން ޖެހެއެވެ. އިޙްސާންތެރިވެސް ވާންޖެހެއެވެ. ލިބޭމިންވަރަކުން ކޮންމެ މީހަކުވެސް އެނިކަމެތި ބިދޭސީ މީހުންނަށް އެހީގެއަތެއް ދިއްކޮށްލަން އެބަޖެހެވެ.

ބިދޭސީން ރާއްޖޭގައި ގިނަވުމުގެ އެންމެ ބޮޑު ޒިއްމާއެއް ނަގަންޖެހެނީ ވިޔަފާރިވެރިން ކަމަށް ނުވަތަ ކުންފުނިތައް ކަމަށް ގަބޫލު ކުރާ މީހުން މަދެއް ނޫނެވެ. އެމީހުންލައްވާ މަސައްކަތް ކުރުވަން ގެނަސް އެމީހުންނާ އަޅާނުލާ ދޫކޮށްލަނީ ކަމަށް ގިނަބަޔަކު ގަބޫލު ކުރައެވެ. އެހެނަސް މިއީ ހަމަ ހަގީގަތްބާއޭ ހިތަށް އަރައެވެ.

އަޅުގަނޑުގެ ދެކޭގޮތުގައި އަންޑޮކިއުމެންޓެޑް ނޫނީ ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ރާއްޖޭގައި ގިނަވަނީ ކޮންމެހެން ހަމަ އެކަނި ވިޔަފާރިވެރިންގެ ސަބަބުން ކަމަށް މުޅިންހެން ގަބޫލު ކުރަން ދައްޗެވެ. އެފަދަމީހުން ގިނަވާ މައިގަނޑު ހަތަރު ސަބަބެއް އަޅުގަނޑަށް ފާހަގަ ކުރެވެ އެވެ.

އެންމެ ފުރަތަމަ ސަބަބަކީ ވަޒީފާއަށް ފިލައިގެން ދިއުމެވެ. ވަކި އުސޭލެއްގެ ދަށުން އަދި މުސާރައާއިމެދު އެއްބަސްވެ، ރާއްޖެއަށް މަސައްކަތް ކުރަން ގެންނަ މީހުން އާމްދަނީ އިތުރު ކުރުމުގެ ނަމުގައި އެމީހުން ގަވާއިދުން ރާއްޖެ އެތެރެ ކޮށްފައިވާ ކުންފުނީގެ މަސައްކަތުން އެމީހުން ފިލައެވެ. މިގޮތަށް ފިލާމީހުން ގިނަވަނީ އެފަދަ ފުރުސަތުތައް ހުޅުވިފައި އޮތަތީމައެވެ.

އެމީހުން ފިލާހިސާބުން އެމީހުންގެ ކަންތައް ޙައްލު ކުރުމަށް ފުރަތަމަ މިއަންގަނީ ފުލުހުންގެ އިދާރާ އަށެވެ. އެމީހުން އެފަދަ މީހުން ހޯދަން މަސައްކަތް ކުރާކަމަށް ވެރިފަރާތަށް އަންގައެވެ. އަދި ބައެއްފަހަރު އެމީހުން ފެނިގެން ފުލުސް އޮފީހަށް ހާޒިރުކޮށް އެކެއް ނޫނީ ދެދުވަސް ފަހުން ދޫކޮށްލައެވެ. ސަބަބަކީ އެމީހުން ހައްޔަރުކޮށްފައި ބޭތިއްބުމުގެ "ޤާނޫނީ ބާރެއް" ފުލުހުންނަށް ނެތީކަމަށް ވެދާނެ އެވެ.

އެހެން ކަމުން ދެން މައްސަލަ ހުށަހަޅަން މިޖެހެނީ ލޭބާ އޮތޯރިޓީއަށް ނުވަތަ އިމިގްރޭޝަނަށެވެ. މިއިން އެއްވެސް މުއައްސަސާއަކުން މައްސަލަ ހުށަހަޅާ ކުންފުންޏަކަށް މާބޮޑު އެހީތެރި ކަމެއް ފޯރުކޮށެއް ނުދެވެއެވެ. ޤަވާއިދު ތަންނުދެނީ ކަމަށް ވެދާނެއެވެ. ނަމަވެސް ހަގީގަތަކީ އެފަދަ މީހުން ދިވެހި ޖުމުހޫރިއްޔާގެ ޤާނޫނާއި ޤަވާއިދުތަކަށް ހަމަ ޔަގީނުންވެސް އެޚިލާފު ވެވުނީއެވެ. އެފަދަ މީހުންނަށް ދެވޭނެ މާބޮޑު އަދަބެއް ނެތީތާއެވެ. އަދި އެމީހުން ގެނައި ކުންފުންޏަށް ލިބުނު އިންސާފެއްވެސް ނެތެވެ.

އެގޮތަށް ކަންތައް ކުރިމަތި ވުމުން އެފަދަ ކުންފުނި ތަކުން، ދެންއޮންނަ އުސޫލުގެ ދަށުން އެ ބިދޭސީ މަސައްކަތުމީހާ ފިލައިފި ކަމަށް އިމިގްރޭޝަނަށް ހުށަހަޅާ ޒިއްމާއިން ސަލާމަތް ވަނީއެވެ. އެހިސާބުން ވިސާފީ ދެއްކުމުންވެސް ސަލާމަތް ވީއެވެ. މިއީ އެބިދޭސީ މީހާއަށް ލިބޭރަނުގެ ފުރުސަތެކެވެ. މިގޮތަށް މިހެން ކުރެވޭކަން ގިނަ ބިދޭސިންނަށް އެނގޭތީ އެގޮތަށް ފިލައިގެންދާ މީހުން ނިސްބަތުން ވަރަށް ގިނައެވެ.

ދެވަނަ ސަބަބަކީ "އަމިއްލަ ވިސާ" ކިޔާ ގުރޫޕެވެ. މިއީ ބިދޭސީން، ޚާއްޞަކޮށް ބަނގްލަދޭޝް މީހުން ވަރަށް ފަރިތަ އަދި އެމީހުންނަށް އެހާމެ ފަސޭހަ ގޮތެކެވެ. ދިވެހި ރާއްޖޭގެ ކަންތައް "އޮންނަގޮތް" ރަނގަޅަށް އެނގޭ ބިދޭސީން މިކަމަށް ވަރަށް ފަރިތައެވެ. އެހެން ކަމުން އިންސާނީ ވަގުފާރި ފުޅާދާއިރާ އެއްގައި ކުރުމަށް އެމީހުން އެބުނާ "އަމިއްލަ ވިސާ" އުފައްދައެވެ. މިއީ ވަރަށް ނަފާލިބޭ ވިޔަފާރިއެކެވެ. އެތެރެ ކުރެވޭ ކޮންމެ ބިދޭސީއެއްގެ އަތުން ޚާއްޞަކޮށް ބަނގްލަދޭޝް ކޮންމެ މީހެއްގެ އަތުން ދެހާސް ވަރަކަށް ޑޮލަރު ލިބެއެވެ.

މިގޮތަށް ބިދޭސީން ވިޔަފާރި ފައްޓަނީ އިމިގްރޭޝަންގެ އެތެރޭގެ ކަންތަކާއި ގާތްގުޅުމެއް އޮންނަ ކޮންމެވެސް މީހަކާއި ޕާޓްނާޝިޕް ވިޔަފާރިއެއްގެ ތެރެއިންނެވެ. ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްގެ ތެރެއިން އަނެކާއަށް ބައި އެޅޭ ގޮތަށެވެ. މިކަން ކުރުމަށް ރަޖިސްޓްރީ ކުރާ ވިޔަފާރިއަކަށް ލިބޭ ޕްރޮޖެކްޓެއްގެ ނަމުގައި މަސައްކަތު މީހުން އެތެރެކުރަން ކޯޓާ ހޯދުމަށް ހުށަހަޅަނީ އެވެ. ގަވާއިދާއި އުސޫލުގެ ތެރެއިންނެވެ.

އެފަދަ ޕްރޮޖެކްޓް ތަކަށް ވަރަށް ފަސޭހައިން ކޯޓާ ލިބެއެވެ. ކޯޓާ މިދެނީ ކޮންމެ ކޯޓާއަކަށް ނުވަތަ އެތެރެވާ ކޮންމެ ބޮލަކަށް 3000 ރުފިޔާ މަގުންނެވެ. ވިހި މީހުންގެ ކޯޓާއެއްނަމަ 60000 ވަރަކަށް ރުފިޔާއަށް ހަމަޖެއްސޭކަމީ އެންމެން ދަންނަ އެހެނަސް ސިއްރެކެވެ. ބައެއްފަހަރު ކޯޓާއަކަށް 4000 ރުފިޔާ ދައްކަންވެސް ޖެހެއެވެ. މިއީ އެތެރޭގެ ގޮތްނޭގޭ "ހަމައާއި އުސޫލުގެ ތެރެއިން" ކުޅޭ ކުޅިގަނޑެކެވެ. ލިޔެކިޔުމުން ފެންނާކަށް ނުހުރެއެވެ.

މިފަދަ މަސައްކަތު މީހުން ރާއްޖެ ގެނަސް ހަމައާއި އުސޫލާއި ޤަވާއިދުގެ ތެރެއިން ވޯކްވިސާ ހައްދާ އަދި ހަމަސް ދުވަހުގެ ވިސާފީވެސް އެއްފަހަރާ ދައްކާ، ލީގަލްކުރުމަށްފަހު ދެން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރެއެވެ. ވިސާ ކާޑުވެސް ހައްދައެވެ. ނަމަވެސް ދުވަސް ކޮޅަކުން ފަހަރަކު މީހަކު، ފަހަރަކު މީހަކު ފިލާފައިވާ ކަމަށް ރިޕޯޓްކޮށް އެމީހުންވެސް ޒިއްމާއިން ސަލާމަތް ވެއެވެ.

މިފަދަ ބިދޭސީން ދެން މިހިމެނިގެން ދަނީ އަންޑޮކިއުމަންޓެޑް މީހުންގެ ގޮތުގައެވެ. ޕާސްޕޯޓެއް ނޯވެއެވެ. ނުވަތަ އެމީހުން އަތުގަ ޕާސްޕޯޓު އޮތަސް، އެ ނެތްކަމަށް ބުނެއެވެ. ވިސާކާޑެއް އަދި މަސައްކަތް ކުރުމުގެ ހުއްދަ އޮންނަ ކަމަކަށް ނުވެއެވެ. މިފަދަ އެތަކެއް ހާސް ބިދޭސީ މަސައްކަތު މީހުން ރާއްޖޭގެ އެކިކަންކޮޅު ތަކުގައި އެބަތިއްބެވެ.

ތިންވަނަ ސަބަބަކީ ފަތުރުވެރިންގެ ގޮތުގައި އެތެރެ ކުރާ މީހުންނެވެ. އޭގެ ގިނަ މީހުން ރާއްޖެ އަންނަނީ އިންޑިއާ މަގުންނެވެ. ބަނގްލަދޭޝްގެ އިމިގްރޭޝަނުން އެމީހުން ރާއްޖެ ނުފޮނުވައެވެ. އެއީ ވެލިޑް ޑޮކިއުމަންޓް ނެތީމައެވެ. އަދި ފަތުރުވެރިއެއްގެ ގޮތުގައި އަންނަން ދެކޮޅު ޓިކެޓް ނޯވެއެވެ. ހުންނާނެ ތަނެއްގެ ކޮންފާމްޑް ބުކިންސްއެއް ނޯވެއެވެ.

ދެން އެމީހުން މިނަގަނީ އިންޑިއާއަށް އެތެރެވާން ވަގުތީ ވިސާއެކެވެ. އެގޮތަށް ވިސާ ނެގުމަށްފަހު ތިންދުވަހުގެ ރޭލް ދަތުރުކޮށް އެމީހުން އަންނަނީ ޗެންނާއީ ނުވަތަ އިންޑިއާގެ އެހެން ހިސާބަކަށެވެ. އެތަނުން ޓިކެޓް ނަގައިގެން ފްލައިޓުގައި އެމީހުން މިއަންނަނީ ރާއްޖެއަށެވެ. ގަވާއިދުން ވިސާނަގައިގެން އަންނަމީހުންވެސް އަމަލު ކުރަނީ މިކަހަލަ ގޮތަކަށެވެ. ސަބަބަކީ ބަނގްލަދޭޝް އިމިގްރޭޝަނުން އެހާ ފަސޭހައިން ސަލާމަތް ނުވެވޭތީއެވެ.

ފަތުރުވެރިންގެ ގޮތުގައި އަންނަމީހުންވެސް ރިސީވް ކުރަން އެއާޕޯޓުގައި އެޖެންޓުން ހަރަކާތްތެރި ވެއެވެ. އެހިސާބުން އެމީހުން ރާއްޖެއަށް ދޫކޮށްލަނީއެވެ.

ހަތަރުވަނަ ސަބަބަކީ ގޭގެއަށް ގެންނަ މަސައްކަތު މީހާއެވެ. އެމީހާ މިއަންނަނީ ކޮންމެވެސް ބިދޭސީ މީހެއްގެ އެހީތެރި ކަމާއެކު އެވެ. ގޭގައި ގެންގުޅުމަށް ނުވަތަ ބަލިމީހަކު ބެލުމަށް ގެންނަމީހާ ގެންނަން ކޮންމެ ގޭބިސީއަކަށް އެއްކޯޓާ ލިބެއެވެ. އެފަދަ ބިދޭސީ މީހާ އެތެރެކުރަން ކޯޓާ ލިބިފައި އޮންނަމީހާ އެމީހާއަށް މުސާރަ ދޭކަށް ނުޖެހެއެވެ. އެގޭގެ މަސައްކަތް އޭނަ ހިލޭ ކޮށްދޭނެއެވެ. އެއީ ދުވާލަކު ދެގަޑިއިރެވެ. ބާކީ އެހެން ހުރިހާ ވަގުތު ތަކުގައި އެމީހުން އުޅޭނީ އެހެން މަސައަކަތް ތަކުގައެވެ. އެފަދަމީހުންވެސް ވަކި ހިސާބަކުން ފިލަނީއެވެ.

މިހުރިހާ ގޮތަކަށް ރާއްޖެ އަންނަ އެންމެންވެސް މިއަންނަނީ ބޯޑަރ ސިސްޓަމް ތެރެއިންކަމާއި މެދު ޝައްކެއް ނެތެވެ. އެހެން ކަމުން މިމީހުން ހޯދާ އަނބުރާ ނުފޮނުވޭނެ އެއްވެސް ގޮތެއް އޮންނާނެ ކަމަކަށް އަޅުގަނޑަކަށް ހަމަ ނުވިސްނެއެވެ.

ރާއްޖެއަށް ދެން އެމީހުން އެތެރެވުމަށް އޮންނާނެ ދޮރަކީ ކަނޑު މަގުންނެވެ. ރާއްޖެ އަންނަ ކޮންމެވެސް ބޯޓަކުން އައިސް ރާއްޖެއަށް ބޯޓު ވަނުމުގެ ކުރިން އެފަދަ މީހުން އެހެން އުޅަދަކަށް ނަގާ ރާއްޖެ އެތެރެ ކޮށްލަނީއެވެ. ނަމަވެސް މިގޮތަށް ރާއްޖެއަށް ބަޔަކު އެތެރެވެފައި ވާކަމަށް އެއްވެސް މުއައްސަސާއަކުން ނުބުނެއެވެ. މިގޮތަށް މިކަން ދާނަމަ މިއީބިރުވެރި ކަމެކެވެ. ރާއްޖޭގެ އިގްތިސާދީ ބޯޑަރު ބަލަހައްޓާނެ ބަޔަކު ނެތީތާއެވެ.

ކޮންމެ އަކަސް ގަބޫލު ކުރަން ޖެހޭހަގީގަތަކީ ރާއްޖެ އެތެރެވާ ހުރިހާ އެންމެންހެން ބޯޑަރސިސްޓަމަށް އެބަ އެނގެއެވެ. އެމީހުންގެ ފުރިހަމަ މަޢުލޫމާތާއި އަދި ފިންގާޕްރިންޓްވެސް ނެގެއެވެ. އެހެންކަމުން އެފަދަ މީހުން ގަވާދާއި ޚިލާފުވާ ހިސާބުން ޤާނޫނީ ގޮތުން ކުއްވެރި ނުވޭތޯ އެވެ؟ ހަމަ ޔަގީނުންވެސް އަވައްޓެރި އެއްވެސް ގައުމެއްގައި ގަވާއިދާއި ޚިލާފަށް ދިވެހިންނަކަށް ނޫޅެވެއެވެ. ދިވެހިން އަނބުރާ ފޮނުވާލެވެއެވެ. އަދި އެހެން ގައުމެއްގައިވެސް ނޫޅެވެއެވެ. އުޅެވިފައި ތިބިމީހުން ތިބީ އެތަނުގަ ގާވާއިދަށް ފެތޭ ވިސާއެއްގެ ދަށުންނެވެ.

ރާއްޖޭގައި އުޅޭ ގަވާއިދާއި ޚިލާފު ބިދޭސީން ގަވާއިދާއި ޚިލާފު ވިޔަސް ފިޔަވަޅު ނޭޅެއެވެ. އެމީހުން ކުއްވެރިއެއް ނުވެއެވެ. ދިވެއްސަކު ގަވާއިދާއި ޚިލާފަށް ސައިކަލު ޕާކު ކޮށްލި ކަމުގައި ވިޔަސް ކުއްވެރިވެ ޖޫރިމަނާ ކުރެއެވެ. ނަމަވެސް ބިދޭސީ މީހާ ގަވާއިދާއި ޚިލާފުވުމުން މިލިބެނީ ދެވަނަ ފުރުސަތެކެވެ. ކޮންމެވެސް ރެގިއުލަރައިޒޭޝަނެއްގެ ތެރެއިން އެމީހުން ގަވާއިދަށް ފެތިގެން ދެއެވެ. މިއީ ހައްތަހާވެސް އެފަދަ މީހުންނަށް ހުޅުވިފައި ހުންނަ ރަން ދޮރާށި ތަކެވެ. ރެގިއުލަރައިޒޭޝަނަށް ކިތައްމެ ފައިސާއެއް ދައްކަން ޖެހުނަސް ބިދޭސީމީހާ ފަސްނުޖެހި ދައްކައެވެ. ހިތާމައަކީ އެފަދަމީހާ ދިވެހި ޖުމުހޫރިއްޔާގެ ޤާނޫނާއި ޤަވާއިދާއި ޚިލާފުވި ކަމުގައި ވިޔަސް ކުއްވެރި ނުވާކަމެވެ. އަނެއްކާ ދެވެނީ ފުރުސަތެވެ. ފުރުސަތަކަށްފަހު ފުރުސަތެކެވެ.

މިކަމުގައި ގޯސް މިހެއްދެވީ ކޮން ބައެއްތޯއެވެ؟ ވިޔަފާރިވެރިޔާތޯއެވެ؟ ފުލުހުންނަށް ހުށަހެޅުމުން ހައްލެއް ހޯދާނުދެވުނީމާ ފުލުހުންގެ އިދާރާތޯއެވެ؟ ނުވަތަ ލޭބާ އޮތޯރިޓީތޯއެވެ؟ ނުވަތަ އިމިގްރޭޝަންތޯއެވެ؟ ނުވަތަ މިއުޅެނީ ސިސްޓަމްގެ މައްސަލައެއް ތޯއެވެ؟ ހަމަ ޔަގީނުންވެސް ޤާނޫނާއި ޤަވާއިދާއި ޚިލާފު ވުމުން ކޮންމެ މީހަކަށްވެސް ފިޔަވަޅު އެޅެންވާނެ އެވެ. ދެވެންޖެހޭނީ ފުރުސަތެއް ނޫނެވެ.

މުޅިދުނިޔެއަށް ދިމާވެފައިމިވާ ކޮވިޑް އޮނަވިހީ ބަލާވަބާގެ ސަބަބުން ގައުމުތަކުގެ އިގްތިސާދުތައް މިދަނީ އިނދަޖެހެމުންނެވެ. އަދި އެއްވެސް ވަސީލަތެއް ނެތް ދިވެހިރާއްޖެ އަށް ކުރާ އަސަރު ނިހާޔަތަށް ބޮޑެވެ. މިދަނޑވަޅުގައި ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން ބިދޭސިންނަށް ޚަރަދު ކުރަން މިވަނީ މަޖުބޫރުވެފައެވެ. އެހެން ކަމުން ބިދޭސިން ރާއްޖޭގައި ގިނަވެ ބިކަވެފައިވަނީ ކޮން ބައެއްގެ އިޙްމާލުންތޯ އެވެ. ތިޔަބޭފުޅުން ނިންމަވާށެވެ!


ކިޔުންތެރިންގެ ހިޔާލު


20

އޮފިސަރ މޫސާ

09-May-2020

ޔާމީންގެ ވެރިކަމުގަ 60،000 ބަންގްލަދޭޝް މީހުން ގެނެސް މަގުތަކަށް ދޫކޮށްލާފައިވާކަން އިމިގްރޭޝަންގެ ލިޔުންތަކުން އެބަ އެނގޭ. މިކަމުގެ ފައިދާ ނެގީ ކޮންޓްރޯލަރ އަންވަރު އާއި، ޑެޕިއުޓީ އަލްގީން. މިކަން ކޮށްފައިވަނީ ބަންގާޅުގަ އެޖެންސީތައްހަދައި އެޖެންޓުން ބައިތިއްބައިގެން. މީގެ ސާފު ޖަރީމާ ފައިދާއަށް 480 މިލިޔަން ހަމައެކަނި ޑިޕޮސިޓް ފައިސާއިން ވަނީ މިމީހުން ނަގާފަ.


11

އިހުމާލު

07-May-2020

ބިދޭސީންގެ މައްސަލާގައި އިހުމާ އެއިރަކުއޮންނަސަރުކާރަކުން. ކޮންމެސަރުކާރެއްއައުމުންވެސް ބިދޭސީންގެވާހަކަ ދައްކަނީ ފޮނުވައެއް ނުލެވޭ އެހެންތަވާނީ ވެރިންގެ ކުންފުނިތަކުގައި މަސައްކަތް ކުރަން ވަގައްގެނެސް ތިބޭމީހުން. މިސަރުކާރުއައިފަހުން ބަގުލަދޭސްމީހުން ސަފާރީތަކުގެ ޑައިވިންގް ދޯނިފަހަރުގެ ކައްޕިނަންއެބަތިބި ލައެސަންސްވެސްނެތި ޕޮލިހައްގެންދިޔާމާވީވަރަކީ އެއްދޮރުންވަދެގެން 15މިނެޓް ވަންދެން އޭސީކޮޓަރިގައިބައިންދާފަބުނީ ދެންއަވަހައްދާށޭ އަންމަޑޭއަކީ އދ އަތޮޅުގެ ......ތީގެބޮނޑުރައްޓެހި މީހާއޭ އޭނަގެއެއްވެސްމުވައްޒަފަ މިޕޮލިކުންނުބެލޭނެކަމައް އަންމަޑޭގެ ބޮނޑުރައްޓެހިމީހާގެތަނެއްކަން ހުސެންއާދަމް ބިލްޑިންގް އަކީ މިހާރުއަހަރެން ގަބޫލުކުރަން ! މީހަމަތެދުކަމަށްޔަގީން :ދޯނީގެ ފަޅުވެރިއެއް



ޓްރެންޑިން