ވިސާ ކާޑު މެދުވެރިކޮށް ރާއްޖޭގައި ހިންގާ ޓްރާންސެކްޝަންތައް ރުފިޔާއިން ސެޓްލްކުރާ މުއްދަތު ފަސްކޮށްފިއެވެ.

އެމްއެމްއޭއިން ބުނީ ވިސާއިން ދިވެހިރާއްޖޭގައި "ނެޝަނަލް ނެޓް ސެޓްލްމަންޓް ސާވިސް" ގެ ހިދުމަތް ތައާރަފްކުރުމާއި ގުޅިގެން، ރާއްޖޭގައި ހިންގާ ބޭންކަކުން އިޝޫކޮށްފައިވާ ވިސާ ކާޑުތައް މެދުވެރިކޮށް ރާއްޖޭގައި ހިނގާ އެންމެހާ ކާޑު ޕޭމަންޓްތައް ބަލައިގަތުމުގައި ހަމައެކަނި ދިވެހި ރުފިޔާ ބޭނުން ކުރުމަށް އަންގާފައިވާ އެންގުމަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވާ ތާރީޙު އިތުރަށް ފަސްކުރުމަށް އެމްއެމްއޭއިން ނިންމާފައިވާކަމަށެވެ.

މި އެންގުން ތަންފީޒުކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ކާޑު ޕޭމަންޓް އެކުއަޔަރ ކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން ކުރާ މަސައްކަތްތަކުގެ ތެރޭގައި މާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށާއި ރިސޯޓުތަކަށް ދަތުރުކޮށްގެން ކުރަންޖެހޭ މަސައްކަތްތަކެއް ހިމެނޭކަމަށް އެމްއެމްއޭއިން ބުނެއެވެ. އެހެންކަމުން ދިވެހިރާއްޖޭގައި ކޮވިޑް 19-ގެ ހާލަތު އިތުރަށް ގޯސްވެ، ރައްކާތެރިކަމުގެ ގޮތުން އިތުރު ފިޔަވަޅުތަކެއް އަޅާފައިވާ ދަނޑިވަޅެއްގައި އެފަދަ މަސައްކަތްތަކެއް ކުރުމުގައި ހިދުމަތްދޭ ފަރާތްތަކަށް ގޮންޖެހުންތަކެއް ހުންނާނެ ކަމަށް އެ އޮތޯރިޓީއަށް ޤަބޫލުކުރެވޭކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ވިސާ ކާޑުގެ ޓްރާންސެކްޝަންތައް ރުފިޔާއިން ސެޓްލްކުރަން ފެށުމަށް މިހާރު ހަމަޖެހިފައިވާ ތާރީޚަކީ 15 އޮގަސްޓް 2021 ކަމުގައި އެމްއެމްއޭއިން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން