ކޮވިޑް-19 އާއި ގުޅިގެން ހާލު ސީރިއަސްވާ މީހުންނަށް އިމަޖެންސީ ހާލަތުގައި ފަރުވާ ނުދެވި މިފަހުން ވަނީ ވަރަށް ހިތާމަވެރި ހާދިސާތަކެއް ހިނގާފައެވެ. ރާއްޖޭގައި ކޮވިޑް-19 އެންމެ ނުރައްކާތެރި ހާލަތާއި ކުރިމަތިލާން ޖެހިފައިވާއިރު ކޮވިޑް ރެސްޕޮންސްގައި އޮތީ އެންމެ ފަސް އެމްބިއުލާންސެވެ. އެއީ އީއެމްސީ، އާރްއާރްޓީ އަދި ހުޅުމާލެ ހޮސްޕިޓަލްގެ އިތުރަށް އައިޖީއެމްއެޗްގެ އެމްބިއުލާންސްތަކެވެ. ބަލި މީހުން އުފުލުމާއި، ނިޔާވާ މީހުން އުފުލުމާއި މީގެ އިތުރުން ސާމްޕަލްތައް ނަގަން ދަތުރުކުރަނީވެސް އެ ފަސް އެމްބިއުލާންސްގައެވެ. އޭގެ ތެރެއިންވެސް އެއް އެމްބިއުލާންސް މިހާރު އޮތީ ގުރައުންޑްވެފައެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނި ބަލި މީހުން އުފުލިއިރު ވެސް އެމްބިއުލާންސްގެ މައްސަލަ ވަރަށް ބޮޑުވިއެެވެ. އޭރުވެސް ފަސް އެމްބިއުލާންސް އޮވެ ކޮންމެ ޓްރާންސްފަރ އަކަށް ފަހު ސާފު ކުރުމަށް ފަހު އެމްބިއުލާންސްތައް ބޭނުންކުރަމުން އައިއިރު ބަލި މީހުން އުފުލުމުގައި ބޮޑެތި ދަތިތަކާއި ލަސްވުން ދިމާވާ ކަމުގެ ޝަކުވާ ގިނަ ބަޔަކު ދިޔައީ ކުރަމުންނެވެ. ރާއްޖެއިން ކޮވިޑު ފެނުނުތާ އަަހަރަކަށްވުރެ ގިނަ ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު އޭރު އޮތް އެ ހާލަތަށް ބަދަލެއް ނާދެއެވެ. އެޝަކުވާތަކަށް ނިމުމެއް ނެތެވެ. ކޮވިޑަށް ދައުލަތުން 4 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަވެގެންދިޔައިރު އަވަސް ފަރުވާދޭނެ އެމްބިއުލާންސް ހޯދުނު ކަމަކަށް ނުވިއެވެ. ކޮވިޑުގެ އެންމެ ނުރައްކާތެރި ރާޅާއި ރާއްޖެއިން ކުރިމަތިވެ އެމްބިއުލާންސް ނުލިބި ކުއްލިހާލަތުގައި ދޭންޖެހޭ އަވަސް ފަރުވާ ނުދެވި ފުރާނަތަކެއް ގެއްލެމުންދާ ކަމުގެޝަކުވާ އުފުލަމުންދާއިރު، އެނގި ހާމަވަމުން މިދަނީ މިފަދަ ހާލަތަކަށް ސަރުކާރުން އެއްވެސް ވަރަކަށް ތައްޔާރުނުވެ ތިބިކަމެވެ. މިއީ މިއަދުގެ ހަގީގަތެވެ. އަވަސް ފަރުވާ ނުދެވި މަރަކަށްފަހު މަރަކާއި ކުރިމަތިވަމުންދާއިރު އަދިވެސް ސަރުކާރުން މިކަން "ސީރިއަސްކޮށް" ނަގާތަނެެއް ނުފެނެއެެވެ. އެންމެފަހުން މި ދިމާވި ހާދިސާތަކަށް ބަލާއިރު، ކޮވިޑް ބަލީގައި ރާއްޖެއިން ނިޔާވި ފުރަތަމަ ކުޑަކުއްޖާ ވެސް ނިޔާވީ އަވަސް ފަރުވާ ނުދެވިގެންކަން ނޫނީ އެމަރުގައި ވެސް އެމްބިއުލާންސްގެ ޚިދުމަތް ލަސްވުމުގެ މައްސަލަ އުޅޭކަން އެޒިންމާއާއި ހަވާލުކޮށްފައި ހުންނެވި ވަޒީރުގެ އިޢުތިރާފުން ވެސް އެބަ ކަށަވަރުވެއެވެ.

އުމުރުން އެންމެ 10 އަހަރުގެ މިޝްކާ ނިޔާވީ ޖޫން މަހުގެ 1 ވަނަ ދުވަހުގެ ރޭ މެންދަމު 12:10 އެހާކަންހާއިރު އެވެ. މެއި މަހުގެ 31 ވަނަ ދުވަހުގެރޭ، އޭނާގެ ހާލު ދެރަވެ އެމްބިއުލާންސަށް ގުޅުމުން، އެމްބިއުލާންސް އައީ ނުވަތަ އެގެއާއި ހިސާބަށް އެމްބިއުލާންސަށް ފޯރީ 2 ގަޑިއިރާ 30 މިނިޓް ފަހުން ކަމަށް އާއިލާއިން ބުނެއެވެ. އާއިލާއިން ބުނީ ހޮސްޕިޓަލަށް ގެންދެވުނު އިރު މިޝްކާއަށް ހާޓް އެޓޭކެއް ޖެހިފައި ވާކަމަށާއި، އިންޓާނަލް ބްލީޑިން އަކަށް ގޮސްފައި ވާކަމަށެވެ. އެކުއްޖާ ނިޔާވީ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދަނިކޮށެވެ. އިންސާނެއްގެ ފުރާނައަކީ ހިގެފެހެއްޓޭނެ އެއްޗެއް ނޫނޭ ބުނާ ގޮތަށް އެހާލަތަށް ދިއުމުގެ ކުރިން ފަރުވާއާއި ހިސާބަށް ދެވުނު ނަމަ، އެކުއްޖާގެ ފުރާނަ ސަލާމަތް ކުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

އެމައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ވިދާޅުވެ ޞިއްޙަތާބެހޭ ވަޒީރުގެ ނަޒަރުގައި އެހުމާލު އެޅެނީ އެކަމަށް ޖަވާބުދާރީވި ނޫނީ އެޑެންޓްކުރި މީހުންގެ ބޮލުގައެވެ. އަދި މިނިސްޓަރ ވަނީ އެމަނިކުފާނުގެ އިހުމާލެެއް އޮތްތޯ ބަލަން އަމިއްލަފުޅަށް ތަހުގީގެއް ފައްޓަވާފައެވެ. ހާދިސާ ހިނގިރޭގެ ފަހުން ނޫސްވެރިންނާއި ބައްދަލުކުރައްވައި ނަސީމް ވިދާޅުވީ، މިޝްކާގެ ތަހުގީގު ރިޕޯޓް އެރޭ އާންމުކުރާނެ ކަމަށެވެ. އެެރޭވެސް އަދި ޖެހިގެން އައި ދުވަސް ވެސް ފާއިތުވެގެންދިޔައިރު އެ ރިޕޯޓެއް ނުނެރެވުނެވެ. މިއީ ކޮންބައެއް ފެއިލްވެގެން ވީ ކަމެއް ނޭނގެއެވެ.

މިޝްކާގެ މަރާއި ގުޅިގެން ހެލްތު މިނިސްޓްރީން ބުނެފައިވަނީ އެމްބިއުލާންސް ފޮނުވުން ލަސްވި ގޮތުގެ ކޭސް ރިވިއުއެއް މިހާރު ފަށާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފެންމަތިވުމާ އެކު، އެމްބިއުލާންސް ޑިޕްލޯއީކުރާ އުސޫލަށް ވަގުތުން ބަދަލު ގެނެސްފައިވާ ކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ. ގިނަ ބަޔަކު ހީކޮށްގެން ތިބީ އުސޫލަށް ގެނައި ބަދަލާއެކު ދެން އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަމަށެވެ. އެހެން ނަމަވެސް ކަންވީ ހީކުރިގޮތާއި ޚިލާފަށެވެ.

މިޝްކާގެ މަރަށް 48 ގަޑިއިރު ނުވަނީސް އެފަަދަ ދެވަނަ ހާދިސާ އެއް ހިގައިފިއެވެ. މިފަހަރު ކުރިމަތިވީ މާބަނޑުމީހަކު އެމްބިއުލާންސަށް ވިހައި ދަރިފުޅު ނިޔާވި މައްސަލައެވެ. އުސޫލަށް ގެނައި ބަދަލާއެކު މިފަހަރު ވަރަށް އަަވަހަށް އެމްބިއުލާންސް ފޮނުވިއެވެ. ނަމަވެސް ފޮނުވި އެމްބިއުލާންސްގައި އަވަސް ފަރުވާ ދެވޭނެ ވަސީލަތެއްް ނެތްތާގައި އެންމެ ކުޑަމިނުން ބެޑެއް ވެސް ނެތެވެ. މާބަނޑު މީހަކު ވިހަން ވެގެން ބަޑުގައި ރިއްސާތީ އެމެެޖެންސީކޮށް ފޮނުވި އެމްބިއުލާންސް އާއިއެކު ދިޔައީ ހަމައެކަނި ޑްރައިވަރާއި އިތުރު އަންހެނެކެވެ. ގެއެއްގެ ފަސްވަނަ ފުލޯގެ ސިޑިން ކޮވިޑަށް ޕޮޒިޓިވް އެމީހާ ބާލަންޖެހުނީ ގޭގަ ތިބި މީހުންނާއި، އިތުރުބަޔެއްގެ އެހީތެރިކަމާއެކުއެވެ.



އެންމެ ފަހުން ހަކުރު ބަލި ހުންނަ އެމާބަނޑު މީހާ ވިހެއި ދަރިފުޅު އެމްބިއުލާންސް ތެރެއަށް ވިހައި ދަރިފުޅު ނިޔާވީއެވެ. މިކަމުގައި ޒިންމާ ނަގާނީ ކާކުކަމެއް ނޭނގެއެެވެ. ހަމައެކަނި ކުށްވެރިކޮށްލައި ބަޔާނެއް ނެރެލުމުން އެކަން އެ ނިމުނީއެވެ. އަނެއްކާވެސް އެވާހަކަ ދައްކާނީ އެފަދަ އިތުރު ހާދިސާއެއް ކުރިމަތިވުމުންނެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވެ ހާލު ސީރިއަސްވެ ހަބަރުހުސްވެފައޮތް ކުއްޖަކު އަތްދަނޑިމަތީގައި ހޮސްޕިޓަލަށް ގެންދާ ވީޑިއޯއެއްވެސް މިފަހަކުން ސޯޝަލް މީޑިއާގައި އާންމުވިއެވެ. އެކުއްޖާ އަތްދަނޑި މަތީގައި ގެންދަންޖެހުނީ އެމްބިއުލާންސް ލަސްވުމުން ކަމަށް ވެއެވެ. މިއީ މިހާރު އާންމުކޮށް ހިގާ ކަމަކަށް ވީއެވެ.

ދެން އޮތީ އަނެއް ހާދިސާއެވެ. ކޮވިޑަށް ޕޮޒިޓިވް މީހަކު ނޭވާނުލެވިގެން އެމެޖެންސީކޮށް އެމްބިއުލާންސަށް ގުޅުމުން ތިން ގަޑިއިރު ވި އިރުވެސް އެމްބިއުލާންސްގެ ޚިދުމަތް ނުލިބިގެން ޝަކުވާ އުފުލާ ފޯނު ކޯލް ރިކޯޑިންއެކެވެ. ތިންގަޑިއިރު ފަހުން އެމްބިއުލާންސްގެ ޚަބަރެއް ނުވިތާ ގުޅާލާ ދިމާވެގެން އުޅެނީ ކޮންމައްސަލައެއްކަން ބަލައި ހާލަތު ބަލާލަން ގުޅާވެސް ނުލިއެވެ. އޭރު އެކުއްޖާ ހުންގަދަވެގެން ނޭވާނުލެވިގެން ރޮނީއެވެ. ގޭގެ އެންމެން ތިބީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

އެންމެފަހުން ޝަކުވާކުރުމުން އެޗްޕީއޭއިން ބުނަނީ، އެރޭ އެކަނި ވެސް އިމަޖެންސީކޮށް އެޓެންޑްވާން ޖެހޭ 300 އަށްވުރެ ގިނަ މީހުން އެބަތިބި ކަމަށާއި، މެޑިކަލް ޓީމަށް އަންގާނެ ކަމަށެވެ. ފުރާނައަށް ނުރައްކާވެފައި އޮތް އެކުއްޖާއަށް ކިއު ނަންބަރު ތަރުތީބުން މެޑިކަލް ޓީމުން ގުޅާނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. ކޮންމެއަކަސް މިއީ މިއަދުގެ ހާލަތެވެ. މިމައްސަލަތައް ސަރުކާރުން ސީރިއަސްކޮށް ނުނަގާނަމަ "އިހުމާލުން" އިތުރު ފުރާނަތަކެއް ގެއްލިގެންދިޔުމަކީ ދުރުގައި އޮތް ކަމެއްް ނޫނެވެ. މިއީ ހައްތަހާވެސް އިހުމާލެވެ. ވަކި ބަޔެއްގެ ބޮލަށް ކަންކަން ކަނޑާނުލައި އިޚުލާސްތެރިކަމާއެކު މަސައްކަތް ނުކުރާނަމަ ކުރިއަށް އޮތީ ބަނަ އަނދިރި ދުވަސްތަކެކެވެ.

ވަޒީރަށް ކަން ނުވިޔަސް އަދި އެޗްޕީއޭ ހިންގާން ތިބި މީހުންނަށް ކަން ނުވިޔަސް ޓެގް ތީމަށް ކަން ނުވިޔަސް އެވާހަކަ ރީއްޗަށް ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާށެވެ. އެހެން ހުރިހާ ކަމެއް ހުއްޓާލާފައި ފުލުހުންނާ ސިފައިން ނެރެގެން ވެސް އަދި ސަރުކާރުގެ ހުރިއްޔާ ހުރި ވެހިކަލެއް ބޭނުން ކޮށްގެން ވެސް އެމަނިކުފާނު އެހުންނެވީ އެކަން ކުރަށްވާށެވެ. ކަން ނުވާ ބަޔަކު ދުރަށް ޖެހިވަޑައިގަންނަވާށެވެ. މިގައުމުގައި ތިބި ގައުމާއި ރައްޔިތުން ދެކެ ލޯބިވާ ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ އެހީތެރިން އެތިއްބެވީ ތިޔަ ބޭވުޅުން ފެއިލްވިޔަސް ރައްޔިތުންނަށް ވާނެ އެއްޗެއްވާން ދޫކޮށްލާފައި ގެއަށް ވަންނަ ގޮތަކަށް ނޫނެވެ. އެޚިދުމަތްތެރީންގެ ތެރޭގައި ގިނައީ ހަމަ މިދެންނެވިފަދަ އިހުލާސްތެރި އިހުސާންތެރި ގައުމީ ބަޠަލުންނެވެ. އިތުރުގަޑިއާއި ފްރަންޓްލައިން އެލަވަންސް ދިނަސް ނުދިނަސް، ނިންޖެއް އަރާމެއް ނެތި، ނުކައި ނުބޮއި މަސައްކަތް ކުރާންވެސް އެމީހުން މިއަދު އެތިބީ ނިކަން މައްޗަށް އަތުކުރި އޮޅާލައިގެންނެވެ.

ދެން އޮތީ އެންމެ ފަހުގެ ވާހަކައެވެ. މިހުރިހާ ކަމެއް އެންމެފަހުން ގޮސް އެޅޭނީ ގައުމުގެ އެންމެ މަތީ ވެރިޔާގެ އިސްތަށިފުޅުގައެވެ. އެއީ އެކަން ވާނެ ގޮތްވެސް މެއެވެ. އެކަމަކު އެމަނިކުފާނު އަބަދުވެސް ވިދާޅުވަނީ ރައްޔިތުންގެ ރައްކާތެރިކަން "ކޮމްޕްރަމައިޒް" ނުކުރަށްވާނެ ކަމަށެވެ. ސަރުކާރުގެ ހުރިހާ ހަކަތައެއް އެކަމަށް ހުސްކޮށްލައްވާނެ ކަމަށެވެ. ކުރީން ހުންނެވި ޞިއްޙަތާ ބެހޭ ވަޒީރު "ގުރުބާން" ކުރެއްވުމަކީ އެމަނިކުފާނަށް ފަސޭހަފުޅު ކަމަކަށް ނުވި ނަމަވެސް އެކަން އެގޮތަށް ކުރެއްވީ ވެސް އެމަނިކުފާނުގެ ފަރާތްޕުޅުން ކުރަންޖެހޭ ކޮންމެ ކަމެއް ކުރަށްވާނެ ކަމާއި މިކަމުގައި އެންމެ އިންޗިއެއްވެސް ފަހަތަށް ޖެހިވަޑައި ނުގަންނަވާނެކަން އެމަނިކުފާނު ޒިންމާތައް ހަވާލު ކުރަށްވާފައިވާ ފަރާތްތަކަށް ކަށަވަރުކޮށްދެއްވުމަށެވެ.

ކޯވިޑްގެ ނުރައްކާތެރި ރޯގާ ބަލިމަޑުކަން ގައުމަށް ވެރިވެގަތީއްސުރެ އެމަނިކުފާނު އެވަނީ މުޅި ގައުމުގެ ބަޖެޓް އެކަމަށް ހުސްކޮށްލިޔަސް ވަރިހަމައޭ ވިދާޅުވެ އެކަމަށް ޚަރަދު ކުރާނެ ގޮތަކަށް ޚަރަދު ކުރާން ފިނޭންސް މިނިސްޓަރުގެ އިހުތިޔާރަށް ދޫކޮށްލައްވާފައެވެ. ހޯދަންޖެހޭ ކޮންމެ އެއްޗެއް ހޯދައިގެން، ކުރަންޖެހޭ ކޮންމެ ހޭދައެއް ކޮށްގެން ވެސް ރައްޔިތުންގެ ސިއްހަތާއި ފުރާނަ ސަލާމަތްކުރަން ކުރަންޖެހޭ ކަމެއް ކުރަން އެވަނީ ހުއްދަ ދެއްވާފައެވެ. ބޭނުންވަނީ ވެންޓިލޭޓަރޭ ބުނެ ނުނިމެނީސް އެމަނިކުފާނު އިރުޝާދު ދެއްވަނީ އަވަހަށް ގަތުމަށެވެ. ގައުމުގެ ރައްޔިތުންގެ ބޮލަކަށް ޖެހޭވަރަށް އައީސީޔޫ އެނދު ގެންނާން ޖެހެއޭ ސިއްހީ ވަޒީރު ވިދާޅުވިޔަސް އެމަނިކުފާނު ނޫނެކޭ ވިދާޅެއް ނުވެއެވެ. ކޮންމެ ރައްޔިތަކަށް އޮކްސިޖަން ފުޅިއެއް ގެންނަން ޖެހޭނެ ކަމަށް ވަޒީރު ވިދާޅުވިޔަސް އެމަނިކުފާނު ގެ އެއްވެސް ފިކުރެއް ނެތެވެ. ހަމަ ގެންނާންވީއެވެ. މާލޭގެ ބޮޑުތަކުރުފާނު މަގު އެއްކޮޅުން އަނެއްކޮޅަށް ފުރޭ ވަރަށް އެމްބިއުލާންސް ގެނަޔަސް އެމަނިކުފާނުގެ އެއްވެސް ޝަކުވާއެއް ނެތެވެ. އެކަމަކު ކަންކުރާން ތިބި ބޭފުޅުންގެ އިހުލާސްތެރިކަމެއް ނެތިގެން ވެންޓިލޭޓަރުކޮޅުގެ ލާރިގަނޑާއި ގޭސް ފުޅިކޮޅުގެ ލާރިގަނޑު "ދިރުވައިލުމަކީ" އެމަނިކުފާނަށް ހިފެހެއްޓޭނެ ކަމެއް ނޫނެވެ. އެމަނިކުފާނަށް ވެސް ހިއްޕެވޭނީ ވަލުގައެވެ. ދެން އަރިހުގައި ތިބި މީހުން ވަލުގައި ހިފައިގެން ބާރުނުލާ ތިއްބަސް އޮޑިއެއް ނުބޭލޭނެތާއެވެ. މިގައުމު ހިނގާތަން މިފެންނަނީ މިފަދަ ގޮތަކަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން