މިއަދަކީ ކޯވިޑް-19 އާއި ގުޅިގެން ރާއްޖެލޮކްޑައުން ކުރިފަހުން ސީދާ މިހާލަތާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގައުމާ މުޚާޠަބުކުރެއްވި ނުވަތަ މީޑިޔާގެ ޒަރިއްޔާއިން ނަމަވެސް ރައްޔިތުންނާއި ބައްދަލު ކޮށްލެއްވި ދެވަނަ ފަހަރެވެ. މާލެސިޓީ ލޮކްޑައުންގެ ހާލަތަށް ދިއުމުގެ ދުވަސްކޮޅެއް ކުރިން ދަރުބާރުގޭގައި ނޫސްވެރިންނާއި ބައްދަލުކުރެއްވި ދުވަހަކީ އަދި މިހާރުގެ ހާލަތުގެ ކުރީގެ ބައްދަލު ކުރެއްވުމެކެވެ. އެބައްދަލު ކުރެއްވުމުގައި ރައްޔިތުންނަށް ވަރަށް ބޮޑެތި އުއްމީދުތަކެއް ދެއްވިއެވެ. ވަރަށް އުއްމީދީ މަންޒަރު ތަކެއް ތަސައްވަރުކޮށްދެއްވިއެވެ.

އެކަމަކު އޭގެ ފަހުން ރައީސް ޞާލިޙް ގައުމާ މުހާޠަބު ކުރެއްވީ ސީދާ ކޯވިޑް-19 އާއި ގުޅޭ ގޮތުންނެވެ. މާލެސިޓީގައި ބަލި ފެތުރެން ފަށާފައި ވަނިކޮށެވެ. އޭރުވަނީ މާލެސިޓީ ލޮކްޑައުންގެ ހާލަތުގައެވެ. ރައްޔިތުން ތިބީ ގޭބަންދުގައެވެ. ދެއްވީ ވަރަށް އަސަރުގަދަ ކުރުކުރު ތަގުރީރެކެވެ. ވާހަކަފުޅު ފެއްޓެވިއިރުވެސް އަޑުފުޅުގައި ހުރީ ވޭނީ އާހުގެ އަސަރެވެ. ހިތްދަތި ކަމާއި ކަންބޮޑުވުމެވެ. އިސާހިތަކު ކީރިތި ކުރައްވަން ފަށްޓަވައިފިއެވެ. ނިންމަވާލެއްވީ ނަސޭހަތުގެ ބަސްކޮޅަކުންނެވެ.

އެދުވަހުވެސް ގިނަ ބައެއްގެ ޝަކުވާއަކަށް ވީ ރައްޔިތުން ވަރަށް ނާއުއްމީދުވެފައި ތިއްބާ އެއްވެސް އުއްމީދީ ވާހަކަފުޅެއް ނުދައްކަވާ ވާހަކައެވެ. ގައުމުގެ އިޤްތިޞާދު މުޅިން ހުއްޓި ރައްޔިތުންގެ އާމްދަނީ މުޅިން ހުއްޓި، އުއްމީދީ ވާހަކަތަކެއް އަހާން ތިބި ބަޔަކަށް އެދުވަހުވެސް ރައީސްގެ ވާހަކަފުޅަކާ މާ ގަޔާވާގޮތެއް ނުވިއެވެ. އެއްބަޔަކު ބުނަނީ ރައްޔިތުންގެ ހިތްތަކަށް ތަސްލީއެއް ނުލިބޭތާ، ރައްޔިތުން ތިބި ހާލަތަށް ލުޔެއް ލިބޭ ފަދަ ވާހަކަފުޅެއްވެސް ނުދައްކަވާ ކަމަށެވެ.

އެދުވަހުގެ ހަނދާންތައް އަދި ނެތޭ ވަރެއް ނުވެއެވެ. މިއަދު އަނެއްކާވެސް ރައީސް ޞާލިޙް ރައްޔިތުންނާއި މުހާތަބު ކުރައްވައިފިއެވެ. ހަމަ އެހާ ކުރުކުރު ވާހަކަ ކޮޅެކެވެ. ވާހަކަފުޅު ނިންމަވާލެއްވުމާއެކު މީހުންގެ ޝުޢޫރުތަކާއި ޚިޔާލުތަކާއި ޝަކުވާތައް މުޅި މީސްމީޑިއާއަށް އޮއްސަން ފަށައިފިއެވެ.

ގާތްގަނޑަކަށް ގިނަ މީހުންގެ ހުރީ ހަމަ ކުރީ ފަހަރުގައިވެސް ހުރި ޝަކުވާތަކެވެ. ގޭގައިބަންދުވެގެން ތިބޭތާ އެތައް ދުވަހެއްވެ ގިނަ ބަޔަކު ދިރިއުޅުމާ ހަނގުރާމަ ކުރަމުންދާއިރު އެފަދަ ހިތްތަކަށް ތަސައްލީއެއް ލިބޭފަދަ ވާހަކަތަކެއް ނެތް ކަމުގެ ޝަކުވާއެވެ. ސަރުކާރުން މަހުމުސާރަ ލިބޭ މީހުންނަށްވުރެ މިއަދު ގިނައީ އާމްދަނީ ނުލިބޭ މީހުންކަމަށް ބުނެ އެފަދަ ހާލަތެއްގައި ތިބި ބަޔަކަށް އުއްމީދެއް ނެތް ވާހަކައެވެ. ގޭގައި ބަންދުވެފައި ތިބުމުން، ކަރަންޓާއި ފެންބިލުން ކުޑަކުރި މިންވަރުގެ އެއްވެސް ލުއެއް ނުލިބޭ ހާލުގައި ތިބި ބަޔަކަށް އުއްމީދީ ޚަބަރެއް ނެތް ވާހަކައެވެ. ގިނަ ބަޔަކަށް އާމްދަނީ ނުލިބޭކަން ރައީސް ފާހަގަ ކުރެއްވި ނަމަވެސް އާމްދަނީ ހުއްޓިފައިވާ ބަޔަކަށް އުފާވެރި އިހުސާސެއް ރައީސްގެ ވާހަކަފުޅުގައި ނެތް ވާހަކައެވެ.

ދެން ހުރީ ރައީސްގެ މި ވާހަކަފުޅު އަހާފައި ބައެއް މީހުން އުފައްދާފައިވާ ސުވާލު ތަކެވެ. ރާއްޖޭގައި ގަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ފޮނުވާލާ ވާހަކައެވެ. 1500 މީހުން ގެންދަން ހަސީނާ އެއްބަސްވެވަޑައިގެންނެވި ޚަބަރެވެ. މިވާހަކަ އަޑުއެހި ބައެއް މީހުން ސިފަކޮށްފައިވަނީ އެއީ ހަނޑޫބަސްތާއަކުން ވީ ފުކެއް މަދުވުން ކަހަލަ ކަމެއްގެ ގޮތުގައެވެ. ދެންދެއްކެވީވެސް ހަމަ ވަރަށް ރަނގަޅު ވާހަކަފުޅެކެވެ. އެއީ މާލޭގައި ތޮއްޖެހިގެން މިއުޅޭ ބިދޭސީން މާލެއިން ބޭރަށް ގެންދާ ވާހަކައެވެ.

ބިދޭސީން މާލޭގައާއި ރާއްޖޭގައި ދިރިއުޅޭ ގޮތް ނޭނގޭ ހަމަ އެކަކުވެސް ނެތެވެ. މިބަލި ރާއްޖެއަށް އަރައި ފެތުރެން ފަށައިފިއްޔާ އެންމެ ބޮޑު ނުރައްކަލަކީ އެމީހުންގެ މެދުގައި ބަލި ފެތުރުމުގެ ބިރެވެ. މިއީ ފެށުނީއްސުރެ ދައްކަމުން އައި ވާހަކައެކެވެ. މި ވަބާގެ ރަނގަބީލު އަޅާތާ މިހާރު ޖަނަވަރީ، ފެބްރުއަރީ، މާރޗް އަދި އެޕްރީލްވެސް ނިމިގެން ދިޔައީއެވެ. "ފޫކޮޅުގައި ރޯވީމާ" ކަންކުރަން އުޅޭހެން އުޅެގަނެގެން ކަންކަމެއް ނުވާނެކަންވެސް އެނގެއެވެ. މިއީވެސް މާރަނގަޅު ނަތީޖާއެއް ނުކުމެދާނެ ކަމެއްކަމަށް ނުފެންނާތީއާއި އަޑުއަހާ ބާވެފައިވާ ވާހަކައަކަށްވާތީ ގިނަ މީހުން އެވާހަކައަކަށް މާ ޝައުޤުވެރިވިކަން ދިން ކަމަކަށް ނުވެއެވެ.

ނަމަވެސް ރައީސްގެ ވާހަކަފުޅުގައި އަދިވެސް އިތުރު ބިރުވެރިކަމުގެ މެސެޖެއް ދެއްވިއެވެ. އެއީ ކުރިއަށް އޮތް ދެ ހަފުތާއަކީ ބަލިޖެހޭ މީހުން އިތުރުވެދާނެ ދުވަސްތަކަކަށް ވެދާނެ ކަމުގެ ބިރުވެރި މެސެޖެވެ. އެއީ ރާއްޖޭގެ ކަމާބެހޭ ބޭފުޅުންގެ ހިސާބު ޖެއްސެވުމަށް އަންނަ ގޮތެވެ. އެހެންވީމާ އަދިވެސް ގޭބަންދަން ލުޔެއް ނެތްކަމާއި މި ބަންދުގެ ހާލަތު ދިގުދެމިގެންދާނެ ކަމުގެ ހިތާމަވެރި ހިތްދަތި މި ޚަބަރަކީ ހަމަގައިމުވެސް ގިނަ ބަޔަކު ކުރާނެ އުއްމީދެއް ނޫނެވެ. އެކަމަކު އެ މެސެޖަކީ ހަމަ ވަރަށް ވެސް ރަނގަޅު މެސެޖެކެވެ. ރައްޔިތުން އަދިވެސް ކެތްތެރިކަމާއެކު ބައްޔަށް ރައްކާތެރިވެ އިތުރަށް ސަމާލުވުމަށް ދެއްވި ނަސޭހަތެކެވެ.

ދެން އޮތީ ރައީސް މިވަގުތު ރައްޔިތުންނަށް ދެއްވާން ޖެހޭނެ އުއްމިދަކީ ކޮބައި ކަމާމެދު އުފެދޭ ސުވާލެވެ. ހަމަގައިމުވެސް ގައުމުގެ އާމްދަނީ އަދި ހިނގައިގަންނާނެ ދުވަހެއް ނޭނގެއެވެ. އާމްދަނީއެއް ހޯދާން އަމިއްލައަށް މަސައްކަތެއް ކުރެވޭނެ ދުވަހެއް ވެސް ނޭނގެއެވެ. ގިނަ ރައްޔިތުންނަށް އާމްދަނީ ލިބެން ފަށާނެ ދުވަހެއް އަދި ހަމަ ޚިޔާލަށް ގެންނަން ވެސް ނޭނގެއެވެ.

އެހެންވީމާ މިދެންނެވި ފަދަ އުއްމީދީ ޚަބަރަކީ، މިދެންނެވި ފަދަ ފަރާތްތަކަށް އާމްދަނީއެއް ލިބެންދެން ކައިބޮއި އުޅެވޭނެ، ޒަރޫރީ ބޭނުންތައް ފުއްދޭނެ، ކަރަންޓާ ފެނާ ފޯނާއި އިންޓަނެޓާ އަދި ކުލި ދެއްކޭނެ ގޮތްތަކެއްގެ ވާހަކަ ކަމަށްވާނަމަ އެވާހަކަ ރައީސުލްޖުމްހޫރިއްޔާ ނުދެއްކެވިޔަސް އެކަމަށް ސިޔާސަތުތަކެއް އޮތްނަމަ އެކަން ސަރުކާރުން ހާމަކޮށްދެއްވަނިކޮށް ނިމުނީއެވެ. އެހެންވެއްޖެއްޔާ އެ ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް، ހިތްތަކަށް ތަސައްލީއެއް ލިބިދާނެ ކަމަށް ފެނެއެވެ.

ދެން އޮތީ މުސާރަ ނުލިބޭ މީހުން ނުވަތަ މުސާރަ ކުޑަކުރީމާ ޝަކުވާކޮށްގެން ބަދަލު ހޯދުމުގެ ސިޔާސަތުގެ ވާހަކައެވެ. މުސާރަ ކުޑަކުރިއަސް، އަދި މުސާރަ ނުލިބުނަސް މިކަން ނިމުނީމާވެސް ވަޒީފާގަނޑު ދަމަހައްޓާން ހުރި މީހާ ނުވަތަ ކުންފުނި ބަދުނާމު ކޮށްފައި ވާހަކަ ދައްކަން ކެރޭނީ ނޫނީ މިއޮތް ހާ ދުވަހު ވަޒީފާއަދާކުރި ކުންފުންޏާ ބެހޭގޮތުން ޝަކުވާ ކުރަން ކެރޭނީ ދިވެހީންގެ ތެރެއިން ހަމަ މަދު ބަޔަކަށެވެ. އެހެންވީމާ "ނުރޯދަރިއަށް ކިރުނުލިބޭ" އުސޫލު ނޫން ސިޔާސަތެއް މިކަމުގައި އެބަ އޮންނާން ޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު


11

ޢަލީ

07-May-2020

ޣައުމުގައި ނެތްވަރަކުން އަޑަށް ބާރުލާފަ އެހީވާނަމޭ ބުނެ ދޮގުހެދުމުގެ ބޭނުމެއްކޮބާ. ޑައުލަތައް ލިބޭންހުރި ހުރިހާ އާމްދަނީވެސް ވަނީހުއްޓިފައި. ބަންގާޅިން ގިނަވީކީ މިސަރުކާރުން ކޮށްގެން އުޅޭކަމަކުންނޫންދޯ. ޢެމީހުން ފެނައިމީހުން މިއަދުކޮބާ. ﷲ އަށް ހަމްދުކޮށް ދެންވެސް ބިރުވެތިވެ މިވަބާއިން ސަލާމަތްކޮށްދެއްވުމަށް ދުއާދެންވުން އެންމެ ބުއްދިވެރީ. ފިތުނަ ނޫފައްދާ


4

އަބުދުއްލޯ

05-May-2020

ރައްޔިތުންނަށް ދޭނެލާރިއެއް ނެއިކަން އެނމެރަގަޅަށް އެގިލައްވާނެ އެކަކީރައީސުލް ޖުމުހޫރިއެވެ އެހެންވީމަ އެވަރުގެ އިތުފުޅެއް ނަހައްދަވަންވެގެން ރައީސް ރައްޔިތުންނަށް ކަމެއްކޮށްދެއްވާނެ ކަމަށްވިދާޅު ނުވީކަމަށް ބެލެވެނީ ލަފާކުރެވޭގޮތުން ބަނގާޅީން ފުނުވުމާ އެމީހުންގެ ޒަރޫރީކަނތަށް ކުރެވޭނެ ކަމަށްލަފާކުރެވެނީ


1

ރައީސް

05-May-2020

ދިވެހިރައްޔިތުންނަށް މިނޫހުގެ ފަރާތުން ލިބުނީކޮން ހިތްހަމަޖެހުމެއްހެއްޔެވެ. މިނާޒުކު ދަނޑިވަޅުގައި ކޮށްދިނީ ކޮން ކަމެއްޔެއްޔެވެ. އޮޅުވާލުމާއި ބިރުވެރިކަން އުފެއްދުމާއި ފިތުނަކުރުރުމަށް ނުނީ ސުކުނެއްވެސް ކޮށްލާފައިނެތެވެ. އެންމެ މީހަަކަށް ރޯދަވީއްލުމެއް ލިބިދާނެ ކަމުގެ އިޝާރާތެއްވެސް ނުލިބެއެވެ. ހަމައެކަނި ފަނާކުރަނިވި ފާޑު ކިޔަން އޮތަކަސް މިކަމެއް ނުވާނެއެވެ. އެއްމެ ކަމެއް ނަމަވެސް ކޮށްލަދީބަލާށެވެ.



ޓްރެންޑިން