ބީއެމްއެލް އިންޓަނެޓް ބޭންކިން އެކައުންޓުގެ ޕާސްވޯޑު ބަދަލުކުރަން އެދި ބީއެމްއެލްގެ ނަމުގައި އޮޅުވާލައިގެން ކަސްޓަމަރުންނަށް މެސެޖު ފޮނުވަމުންދާތީ އެކަމަށް ސަމާލުވުމަށް އެ ބޭންކުން އިލްތިމާސްކޮށްފިއެވެ.

ބީއެމްއެލްގެ ނަމުގައި އޮޅުވާލައިގެން ފޮނުވަމުންދާ މެސެޖެއް ގިނަ ބަޔެެއްގެ ފޯނުތަކަށް ލިބެމުންދާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ވައިބާ މެދުވެރިކޮށް ލިބޭ މެސެޖްގައިވާ ލިންކްތަކަށް ފިތައި، އެ ލިންކުގެ ސްޓެޕްތައް (ފިޔަވަޅުތައް) ފުރިހަމަކޮށްފައިވާ ފަރާތްތަކުން ބީއެމްއެލް ކާޑު ސެންޓަރަށް ގުޅުމަށް އެ މެސެޖްގައި ބުނެ އެެވެ. އެފަދަ ފަރާތްތަކުން އިންޓަނެޓް ބޭންކިންގެ ޕާސްވޯޑު ބަދަލުކުރުމަށް ބީއެމްއެލް އިން އިލްތިމާސްކުރަމުންދާ ކަމަށްވެސް އޮޅުވާލައިގެން ކުރަމުންދާ މެސެޖުގައި ވަނީ ބުނެފައެވެ. ބީއެމްއެލުން ބުނީ މިއީ އޮޅުވާލައިގެން އެ ބޭންކުގެ ނަމުގައި ފޮނުވަމުންދާ ފޭކް މެސެޖެއް ކަމަށެވެ.

މިފަދަ މައުލޫމާތެއް ހޯދުމަށްވެސް އަދި ފައިސާ ފޮނުވުމަށާ އަދި ބީއެމްއެލުން އެއްވެސް ހާލަތެއްގައި ކަސްޓަމަރުންނަށް ނުގުޅާނެ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ކާޑުގެ އެއްވެސް މައުލޫމާތެއް (ކާޑު ނަންބަރު، މުއްދަތު ހަމަވަ ތާރީހު، ސީވީސީ/ސީވީސީ ކޯޑު) އަދި އިންޓަނެޓް ބޭންކިން މައުލޫމާތާއި އޯޓީޕީ ފޯނު، އީމެއިލް ނުވަތަ މެސެޖަކުންވެސް އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް ބީއެމްއެލުން ވަނީ އަންގާފައެވެ.

ބީއެމްއެލުން އަބަދުވެސް އިރުޝާދު ދެނީ މޮބައިލް ނަމްބަރުތަކާއި ސޯޝަލް މީޑިއާ އެޕްތަކުން ކަސްޓަމަރުންގެ މައުލޫމާތާއި އެކައުންޓްގެ މައުލޫމާތު ހޯދަން ބޭންކުން ނުގުޅާނެ ކަމަށެވެ. އެފަދަ ކޯލްތަކަށާއި މެސެޖްތަކަށް ސަމާލުވެ އެކައުންޓާއި ކާޑުގެ މައުލޫމާތާއި ތިމާގެ ޒާތީ މައުލޫމާތު އެއްވެސް ފަރާތަކަށް ދީ މުއާމަލާތް ނުކުރުމަށް ބޭންކުން ތަކުރާރުކޮށް އަންނަނީ އެދެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން