ޞާދިރު ޢަލީދީދީ   4 މޭ 2020 - 19:48
ކަރާ: ރޯދަމަހުގެ ސުފުރާމަތިން ފެންނަ ހާއްސަ އެއް ބާވަތް
ކަރާ: ރޯދަމަހުގެ ސުފުރާމަތިން ފެންނަ ހާއްސަ އެއް ބާވަތް
ރޯދަމަހަކީ ވަރަށް ޚާއްޞަ މަހެކެވެ. ރޯދައަށްޓަކައި ހުރިހާގޮތަކުން ވަރަށް ބޮޑަށް ތައްޔާރުވެއެވެ. ބައެއް މީހުންނަށް ރޯދަހިފައިގެން ދުވަސް ދިގުވެގެން ކުރާނެ ކަމެއް ނޭނގިފައި ތިބެވެއެވެ. އަނެއް ބަޔަކަށް ދުވަސް ކުރުވެގެން ކުރަން ހުރި ކަންތައްތައް ނިންމާނުލެވިގެން އުޅެއެވެ. ބައެއް މީހުން ރޯދަހިފައިގެން މަޑުމައިތިރިކަމާއެކު އަޅުކަމުގައި ހޭދަކުރާއިރު އަނެއް ބަޔަކު ޒުވާބުކުރުމާއި އަރާރުންވުން ފަދަ ކަންކަމުގައި މުޅި ދުވަސްދުއްވާލައެވެ.

ޙަސަންބެއަކީ ރޯދަމަހު ވަރަށްގިނައިން މީހުންނާ ޒުވާބުކޮށް އަރާރުންވާ ރުޅިގަދަ މީހެކެވެ. ޚާއްޞަކޮށް ގާތް އަވަށްޓެރިންނާ ޒުވާބުކޮށް އަރާރުންވުމަކީ ޙަސަންބެގެ އާދައެކެވެ. އެއް އަހަރެއްގެ ރޯދަމަހެވެ. ކުރީ އަހަރުތަކެކޭވެސް އެއްފަދައިން ޙަސަންބެ މިއަހަރުވެސް ޖެހިގެންހުރިގޭ ރުކުން ވެއްޓުނު ކާށްޓެއްގެ މައްސަލައިގައި ވަނީ އެގޭ މީހުންނާ ޒުވާބުކޮށް ގަޔަށް އަތްލާވަރު ވެފައެވެ. މީގެ އިތުރުންވެސް އެގޭ މީހުންނަށް ކުދިކުދި އުނދަގޫކުރުން ވަނީ ހައްދު ފަހަނައަޅައިފައެވެ.

އެއްދުވެހެއްގެ ހަވީރު ބާޒާރުމަތީގައި އުޅެއުޅެފައި ގެއަށް އަންނަން ޙަސަންބެ ހިނގައިގަތީ ވަރަށް އިރުތިރިވީފަހުންނެވެ. އެދުވަހު ހަތަރުދަމު އަވީތެރޭ ބާޒާރުމަތީގައި އުޅުމުގެ ސަބަބުން ޙަސަންބެ ހުރީ ވަރަށް ބޮޑަށް ބަނޑުހައިވެ ފެންބޮވާ ވަރުބަލިވެފައެވެ. ޙަސަންބެގެ މޫނުމަތިން ކޮކާ ބުރާވަރަށް ރޯދައިގެ ބުރާންތި ކަމުގައި ހުރެގެން އިރުއޮއްސެންވާއިރަށް ގެއަށް އައުމަށްޓަކައި ޙަސަންބެ އައީ ވަރަށް ބާރަށެވެ. ދުއްވާއެއްޗަކަށް މަގުހުރަސްކުރާތަނަކަށް އަދި ޓްރެފިކްލައިޓަކަށްވެސް ބެލުމެއް ނެތިއެވެ. މިގޮތަށް އަންނަމުންއައިސް ގޭހުންނަ މަގާ ހަމައަށް ނާދެވެނީސް ބަންގި ގޮވަންފަށައިފިއެވެ. އޭރު ޙަސަންބެގެ އެއް އަތުގައި ރޯމަސްކޮޅެއް އަނެއް އަތުގައި ކޮތަޅަކަށްލާފައި އޮތް ކަރާއެއް އޮތެވެ. ބަންގީގެ އަޑު ހަމަ ކަންފަތުގައި ޖެހުމާއެކު ޙަސަންބެއަށް ޢިޚްތިޔާރަކާނުލައި ދުއްވައިގަނެވިއްޖެއެވެ. ޙަސަންބެ ދުއްވައިގަތީ މިސްކިތާ ދިމާއަކަށް ނޫނެވެ. އަވަހަށް ގެއަށްގޮސް ބަނޑުފުރާ ކެއުމުގެ ބޭނުމުގައެވެ. ދުވަމުން ދުވަމުން ގޮސް ޙަސަންބެ ގޭ ދޮރުއަށި ހުޅުވާލައި ގެއަށް ވަންއިރު ހުރީ ހަމަބުއްދި ފިލާގޮސްފައި ކަހަލައެވެ. ޙަސަންބެއަށް އެގެއަށް ވަދެވުނު އިރު އެގޭ އެންމެންހެން ތިބީ ބޮޑުފެންޑާގައި ބޮޑުމޭޒުބަހައްޓައިގެން މޭޒުވަށާލާފައި ރޯދަ ވިއްލާށެވެ. މޭޒުމަތީގައި ތަފާތު ވައްތަރުގެ ކާނާއާއި ބުއިންތައް ނަންހުސްކޮށް ހުއްޓެވެ. ފުރަތަމަ ޖެހުނު ގޮނޑީގައި އިށީނދެ މީހެއް ކުރެން އެހުމެއް ކެހުމެއް ނެތި ކައިގަނެވިއްޖެއެވެ. އެއިރު ޙަސަންބެގެ ދެ އަތުގައި އޮތް ރޯމަސް ކޮތަޅާއި ކަރާކޮތަޅު ހުރީ ކާތެކެތި ހުރި މޭޒުމަތީގައި ބަހައްޓާފައެވެ. ޙަސަންބެ މީހެއްގެ މޫނަކަށް ކަނދުރާއަކަށް ބެލުމެއްނެތި ކަމުން ގެންދިޔައިރު މޭޒުދޮށުގައި ތިބި އެގޭ މީހުން ތިބީ އަޖައިބުވެ އަންތަރީސް ވެފައެެވެ. ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ވަގުބުޅަލެއް ރޯމަސްގަނޑެއްގައި ދަތްއަޅައިގެން އަޑުގޮއްވަމުން ކާފަދައިން ޙަސަންބެވެސް ދެލޯ މުދުނުގައި ބަހައްޓައިގެން ކަމުން ގެންދާއިރު މިއީ ކޮންގެއެއްކަމެއް ޚިޔާލެއްވެސް ނައަންނަ ކަހަލައެވެ. ކައި ބަނޑުފުރުމުން ގޮނޑިއަށް ހަމަޖެހިލުމަށްފަހު ގާތުގައި ތިބި މީހުންނަށް ބަލާލިއެވެ. ކަމަކުދާކަށްނެތެވެ. މިވަދެވުނީ ނުބައި ގެއަކަށެވެ. މިއީ އަދި ޙަސަންބޭގެ ގެއެއް ނޫނެވެ. މިއީ މިއަދު ޙަސަންބެ އެބަޔަކާ އަރާރުންވެ ޒުވާބުކޮށް ހެދި ޙަސަންބެގެ ގެއާއިޖެހިގެން ހުރި އިސްމާއީލުފުޅުގެ ގެއެވެ. ޙަސަންބެ ވަށާލައިފައި މިތިބީ މިއަދު އެބަޔަކާ ދިމާއަށް ޙަސަންބެ ހަޅޭލަވާ ހަޑިހުތުރު އެއްޗެހި ގޮވި މީހުންނެވެ. ޙަސަންބެއަށް މިކައި ހުސްކޮށްކައިލެވުނީ އެމީހުން ރޯދަ ވީއްލަން ތައްޔާރު ކުރި ކާއެތިކޮޅެވެ. ޙަސަންބެ އެކިމީހުންގެ މޫނަށް ވަކިވަކިން ބަލާލުމަށްފަހު ގަންލަދުން ދުއްވައިގަތެވެ. ކަރާކޮތަޅާއި ރޯމަސް ކޮތަޅު އެގޭ މޭޒުމައްޗަށް ދޫކޮށްލާފައި ޙަސަންބެ ނިކުމެގެންގޮސް ދުވެ ގެއަށް ހިނގައްޖެއެވެ.

ކުޑައިރު ކޮޅެއްގެ ތެރޭގައި އެގޭ ހަލީމާފުޅުއައިސް ޙަސަންބެގެ އަންހެނުން އަތަށް ކަރާކޮތަޅާއި ރޯމަސްކޮތަޅު ދިނެވެ. އަދި ކަން ހިނގިގޮތް ކިޔައިދިނެވެ. މިކަމާ ވަރަށް ބޮޑަށް ހީހެދިއެވެ. އެއަށްފަހު އެދެގޭ ޞުލްޙަވެރިވެއްޖެއެވެ. ޙަސަންބެ އިސްމާޢީލްފުޅު ގާތުގައި މާފަށް އެދުނެވެ.

********

މިލިޔުމަކީ މަޖާ ސިލްސިލާއެއް ކަމަށްވާ ސަމާސާ އަދަބު 1 ގެ ނަމުގައި އ.އ ފެރިދޫ، ސަޢުދު ޢަބްދުލްކަރީމް ލިޔުއްވައި ޝާއިޢުކޮށް 26 މެއި 2005ގައި ނެރުއްވާފައިވާ "ރޯދަ މަޖާ" މިފޮތުން ނަގާފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން