ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ޤައުމީ ޓީމުގެ ޕްރެކްޓިސް ހޮޓެލް ޖެންގައި ފަށައިފިއެވެ.

ކުރިއަށް އޮތް އޭޝިއަން ކަޕް އަދި ވޯލްޑް ކަޕް ޖޮއިންޓް ކޮލިފިކޭޝަން މެޗުތަކަށް ޤައުމީ ޓީމު ތައްޔާރުވަމުންދާއިރު ޤައުމީ ޓީމް ވަނީ ހޮޓެލް ޖެންގައި މީގެ ދުވަސްކޮޅެއްކުރިން ކޭމްޕްކޮށްފައެވެ.

ހޮޓެލް ޖެންގައި ޤައުމީ ޓީމު ކޭމްޕް ކުރިނަމަވެސް ކޯވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ޕްރެކްޓިސްކުރަން ހޮޓަލުން ބޭރަށް ނިކުމެވޭނެ ގޮތެއް ޤައުމީ ޓީމަށް ނެތެވެ. އެހެންކަމުން އިތުރު ގޮތެއް ނެތުމުން ޤައުމީ ޓީމްގެ ޕްރެކްޓިން ވަނީ ހޮޓެލް ޖެންގެ ޖަލްސާކުރާ މާލަމުގައި ފަށާފައެވެ. އަދި އެކަމާއި ގުޅޭ ވީޑިއޯތައްވެސް އެފްއޭމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ހިއްސާވެސް ކޮށްފައެވެ.



ބައްސާމް ވިދާޅުވީ އޭޝިއަން ކަޕް އަދި ވޯލްޑް ކަޕް ޖޮއިންޓް ކޮލިފިކޭޝަން މެޗުތަކަށް ހޮޓަލެއްގެ ޖަލްސާކުރާ މާލަމުގައި ޕްރެކްޓިސްކުރާ ހަމައެކަނި ޤައުމަކީ ރާއްޖެއަށްވުން އެކަށީގެންވާކަމަށެވެ. ނަމަވެސް ކުޅުންތެރިންނާއި އޮފިޝަލުން ތިބީ ކިތަންމެ ދަތި ހާލެއްގައިވެސް މަސައްކަތްކޮށްގެން ޤައުމަށް ކާމިޔާބު ހޯދުމަށްކަމަށް ބައްސާމް ވިދާޅުވިއެވެ. އަދި ހޮޓެލް ޖެންއިން ފަހިކޮށްދިން ފުރުޞަތަށް ބައްސާމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ކުޅެންޖެހޭ މެޗުތައް ކުޅުމަށް ޤައުމީ ޓީމް ވަރަށް އަވަހަށް ޗައިނާއަށް ފުރާނެއެވެ. ފަސް ޓީމް ހިމެނޭ ވޯލްޑް ކަޕް ކޮލިފައިން ގްރޫޕް އޭގައި ރާއްޖެ އޮތީ ހަތަރު މެޗުން ލިބުނު 6 ޕޮއިންޓާއެކު ހަތަރު ވަނައިގައެވެ.



ކިޔުންތެރިންގެ ހިޔާލު