އިޒްރޭލުގެ ހަމަލާތަކުން ޝަހީދުވެފައިވާ ފަލަސްތީނުގެ ރައްޔިތުން
އިޒްރޭލުގެ ހަމަލާތަކުން ޝަހީދުވެފައިވާ ފަލަސްތީނުގެ ރައްޔިތުން
އިޒްރޭލުގެ އަނިޔާވެރި ހަނގުރާމަވެރިން ފަލަސްތީނުގެ ކުށެއްނެތް ރައްޔިތުންގެ ބޮލަށް ބޮންއަޅަމުން ގެންދާތާ މިއަދަށް ހަތް ދުވަސް ވީއެވެ. އިޒްރޭލުގެ އަނިޔާވެރި ސިފައިން މިފަހަރު ބޮމާއި ރޮކެޓުން ޣައްޒާއަށް ހަމަލާ ދޭންފަށަން ވެގެން ފުރަތަމަ ވެސް ހިންގި ޖަރީމާއަކީ މުސްލިމުންގެ އެންމެ މުޤައްދަސް ބިނާ ތަކުގެ ތެރޭގައި ހިމެނޭ މަސްޖިދުން އަޤްޞާއަށް ހަމަލާ ދިނުމެވެ. ބޮޑު ބަޑިއާއި ކަރުނަގޭހާއި އަދިވެސް އަތުޖެހުނު ހަތިޔާރެއް ބޭނުންކޮށްގެން އިޒްރޭލު ސިފައިން މުސްލިމުންގެ ފުރަތަމަ ޤިބުލައަށް ހަމަލާ ދިނީ އެތަނުގައި އަޅުކަން ކުރަން ތިބި ފަލަސްތީނުގެ މުސްލިމުންނަށް އަމާޒުކޮށެވެ. އެ އަނިޔާވެރިން ވަނީ މާތްﷲގެ ކަލާންފުޅުތަކުގައިވެސް ހުޅުޖަހާ އަންދާފައެވެ.

މިހަމަލާތައް ހުއްޓާ ނުލުމުން އެ މިސްކިތް ސަލާމަތް ކުރުމަށް ފަލަސްތީނުގެ ހަމާސް ޖަމާއަތުން މަސައްކަތް ފެށީ އެމީހުންގެ އަތުގައި ހުރި ހަތިޔާރެއްގެ ބޭނުން ކޮށްގެންނެވެ. ހަމާސްގެ ހަމަލާއަށް ފަހު އަބަދުވެސް ފަލަސްތީނުގެ މުސްލިމް ރައްޔިތުންގެ ލެއަށް ފެންބޮވައިގެންފައި ތިބޭ އިޒްރޭލް ސިފައިން ބޮމާއި ރޮކެޓުގެ ހަމަލާތައް އަމާޒު ކުރީ ސީދާ އާންމު ރައްޔިތުންގެ ބޮލަށެވެ. އާންމުން ދިރިއުޅޭ އިމާރާތްތައް ބިމާ ހަމަކުރަމުން ދިޔައީ އެތަންތަނުގައި ދިރިއުޅޭ އާއިލާތައް އެތެރޭގައި ތިއްބައެވެ. ރޭގަނޑުގެ ހަމަލާތައް އަމާޒުކުރަނީ ނިދާފައި ތިއްބައެވެ.



ވޭތުވެދިޔަ ހަތް ދުވަހަކީ ބަޣުދާދުގެ މަތިން ސައިރަންގެ އަޑުފަށްގަނޑު މެދުނުކެނޑި އިވެމުންދިޔަ ހަތް ދުވަހެވެ. އިމާރާތަކަށްފަހު އިމާރާތެއް ބިމާ ހަމަކުރަމުންދާއިރު އެއިން ކޮންމެ އިމާރާތަކުން އެތަކެއް ތުއްތު ކުދިންނާއި އަންހެނުންނާއި ދުވަސްވީ މީހުންގެ ފުރާނަ ނެތް ހަށިތައް ނެރެން ޖެހެއެވެ. އެތައް ބަޔަކު ފަރުވާދޭން އުފުލާން ޖެހެއެވެ. އިޒްރޭލުގެ މިހަމަލާ ތަކުގައި ދަރިންކޮޅާއި މަންމައާއި ބައްޕަ އެކުގައި ޝަހީދުވެ އެތައް އާއިލާއެއް ނެތިގެން ހިނގައްޖެއެވެ. އަދިވެސް ދަނީ ހަމަލާތައް އިތުރަށް ވަރުގަދަ ކުރަމުންނެވެ.



އިޒްރޭލް ސިފައިންގެ މިއަދުގެ ހަމަލާތަކުގައިވެސް މަދުވެގެން ފަލަސްތީނުގެ 42 މީހުން ޝަހީދުވެ އެތައް ބަޔަކު ޒަޚަމްވެފައި ވެއެވެ. މީގެތެރޭގައި ގިނަ އަދަދެއްގެ ތުއްތު ކުދިން ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. އިޒްރޭލް ސިފައިންގެ އަނިޔާވެރި ހަތް ދުވަހުގެ ހަމަލާ ތަކުގައި މަދުވެގެން ފަލަސްތީނުގެ 188 މީހުން ވަނީ ޝަހީދުވެފައެވެ. މީގެތެރޭގައި 55 ކުޑަކުދިންނާއި 33 އަންހެނުން ހިމެނެއެވެ. މިހަމަލާ ތަކުގައި 1200 އަށްވުރެ ގިނަ މީހުންނަށް ބޮޑެތި އަނިޔާތައް ލިބިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މީގެއިތުރުން އިޒްރޭލުން ހިފާފައިވާ ވެސްޓް ބޭންކްގައި ފަލަސްތީނުގެ 13 މީހުންނަށް ހަމަލާދީ ޝަހީދުކޮށްލާފައިވާކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.



މިމައްސަލައިގައި މިއަދުވެސް ދުނިޔޭގެ ބޮޑު ދެ ޖަމާއަތުގެ އެންމެ އިސްވެރިން ބައްދަލުކޮށް މަޝްވަރާ ކޮށްފިއެވެ. އަލިފްދާލުގެ ސެކިއުރިޓީ ކައުންސިލާއި އޯއައިސީން މިއަދު ބޭއްވި ޚާއްޞަ ބައްދަލުވުމުގައި އިޒްރޭލުން ކުށެއްނެތް ފަލަސްތީނުގެ ރައްޔިތުންނަށް ދެމުން ގެންދާ ހަމަލާތައް ހުއްޓުވުމާއި ބެހޭ ގޮތުން މަޝްވަރާތައް ކުރިއެވެ. ދުނިޔޭގެ ބޮޑެތި ގައުމުތައް އެއްވެ މިއަދު ވެސް، އިއްޔެ ވެސް އަދި މީގެ އެތައް އަހަރެއް ކުރިން ވެސް ދެއްކީ ހަމަ އެއްވާހަކައެކެވެ. އެއީ އެއްވެސް ހަމައެއް ލަމައެއް ނެތި ބައެއްގެ ބިމަށް އަރައި އެބިމުގައި އަތްގަދަކޮށްގެން އުޅޭ ބައެއްގެ ކިބައިން އެބިމުގެ ހަގީގީ ވަޒަންވެރިންނަށް ދެމުން ގެންދާ އަނިޔާތަކާއި ދުއްތުރާތަކަށް ނިމުމެއް ގެނައުމާމެދު ދެކެވޭ ވާހަކައެވެ. އިޒްރޭލުން ފަލަސްތީނުގެ ބިންތައް ހިފަމުން ގޮސް ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ އަމިއްލަ ފަސްގަނޑުން، އަމިއްލަ ވަޒަނުން ބޭރުވާ ހިސާބަށް ދިޔައިރުވެސް ދުނިޔޭގެ ބޮޑުންނާއި، ވެރިންނާއި އިސްލާމީ ގައުމުތަކުން އަދިވެސް ދައްކަނީ އިޒްރޭލާ ފަލަސްތީނު ސުލްހަކުރާ ވާހަކައެވެ. މިއަދުގެ ބައްދަލުވުން ތަކުގައި ވެސް އެވާހަކަ ދައްކާފައި ހަމަލާތައް ކުށްވެރިކޮށް ގަރާރެއް ފާސްކޮށްލާފައި ބައްދަލުވުން ނިމުނީއެވެ.



މިހާރު އިސްލާމީ ގައުމުތަކުގެ ސަރުކާރު ތަކުގެ އިސްވެރިން ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކުރާ ވާހަކައާއި އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލައި ބަސްބުނަނީ އެގައުމުތަކުގެ މުސްލިމް ރައްޔިތުންގެ ހިތްތަކުން ޖާގަ ހޯދުމަށެވެ. ރައްޔިތުންގެ ތާއީދާ ރުހުން ހޯދުމަށެވެ. އެއީ މިހާރު ސިޔާސީ ވެރިން ސިޔާސީ ގޮތުން ތާއީދު ހޯދުމަށް ދައްކާ އެއްވެސް އަސްލެއް ނެތް ވާހަކައެކެވެ. އަމަލެއް ނާންނަ ހުސް ބަސް ތަކެކެވެ. އިޒްރޭލުން ފަލަސްތީނަށް ހަމަލާތައް ދޭން ފެށުމާއެކު ގައުމުތަކުގެ ވެރިން މީސް މީޑިއާ މެދުވެރިކޮށާއި އަމިއްލަ ގައުމުގެ މީޑިއާތަކަށް ބަޔާނާއި ޚަބަރު ދީގެން ފަލަސްތީނަށް ތާއީދުކޮށް އިޒްރޭލް ކުށްވެރި ކުރެއެވެ. އެކަމަކު އެހުރިހާ ވެރިން މާދަމާ ގޮސް ތިބޭނީ އިނގިރޭސީންނާއި އެމެރިކާއާއެކު ޔަހޫދީންގެ އުނގަށް އެރިއެވެ. އެމީހުން ބުނާ ކޮންމެ އެއްޗަކަށް "ޔެސް ސަރ" ކިޔާ ބޯޖަހާށެވެ. ރައްޔިތުންގެ ލޮލުގައި އަޅުވަނީ އަނދުނެވެ. ދައްކަނީ ކުލަނުޖެހޭ ހުވަފެން ތަކެވެ. ތުރުކީ ވިލާތުގެ ރައީސް ޠައްޔިބް އޮރްދުޣާން ނޫނީ މިކަމުގައި ކެރިވަޑައިގެން ބަސްވިދާޅުވެ އަމަލުން އެކަން ދައްކަވައި، މުޅި ދުނިޔެއަށް ނަމޫނާ ދައްކަވާން ކެރިވަޑައިގަންނަވާ ހަމަ އެއްވެސް ވެރިއަކު އިސްލާމީ އުއްމަތަކު ނެތެވެ.



ފަލަސްތީނުގެ ބިމަށް ވެރިވެގަނެ އެ ރައްޔިތުންގެ ގެދޮރު ސުންނާފަތިކޮށް ބިންތައް އަތުލައި އިޒްރޭލުގެ ރައްޔިތުން ވަޒަންވެރިކޮށް ހަދާފައި ޗާޓު ކުރަހަމުން ގޮސް އެމީހުން ބޭނުން ވަރަކަށް ގައުމުގެ ބޯޑަރު ފުޅާކޮށްފައި އދ. އަށް ހުށައެޅުމުން ޔަހޫދީން ހިތުންރުހުމުން ތާއީދުކޮށް އިޒްރޭލް ގައުމެއްގެ ގޮތުގައި ބަލައިގަތްއިރު އެބިމުގެ އަސްލު ވަޒަންވެރިންގެ ގައުމު، ފަލަސްތީނުގެ ނަމުގައި ބަލައިގަތުމަށް ވެސް އެވަނީ ނުކުޅެދިފައެވެ. މީގެއިތުރުން ޔަހޫދީން މިހާރު ބޭނުންވަނީ މަސްޖިދުލް އަޤްޞާ އެމީހުންގެ ތަނަކަށް ހަދާށެވެ.

އިންސާނީ ހައްގުތަކާއި ހަމަހަމަކަމާއި އިންސާފު ގާއިމުކޮށްދޭން ފާޑުފާޑުގެ ގަރާރުތަކާއި ގާނޫނުތަކާއި ރިޒޮލިއުޝަންތަކާއި ޗާޓަރުތަކާއި އަހުދުނަމާތައް ހަދައިގެން ވެސް ވީ ކަމެއް ހަރާމެވެ. އެއިން އެއްވެސް އެއްޗަކަށް އިޒްރޭލުން ތަބާވާކަށް ނުޖެހެއެވެ. އިޒްރޭލާ ޖެހުނީމާ އެއަށް ތަބާނުވުމަކީ ވެސް މައްސަލައެއް ނޫނެވެ. އެއީ އަދަބު ލިބޭ ކަމެއްވެސް ނޫނެވެ. އެކަމަކު އީރާނުން އދ. ގެ ނިންމުންތަކަށް ބޯނުލަނބާތީ ކަމަށް ބުނެ އެގައުމު މުޅި ދުނިޔެއިން އެކަހެރިކޮށް ދުނިޔެއިން ބާކީކޮށް ދަތިކުރުމުގެ ފިޔަވަޅު އެޅުން ދުނިޔޭގެ ވެރިންނަށް މައްސަލައެއް ނޫނެވެ. އުތުރު ކޮރެއާއާމެދު ދަތިކުރުމުގެ ފިޔަވަޅު އެޅުން ވެސް މައްސަލައެއް ނެތެވެ. އިޒްރޭލާ މެދު ހަމަ އެއްވެސް ފިޔަވަޅެއް ނޭޅެއެވެ. އަލާކަށް ނުވެސް ކެރެއެވެ.



ފަލަސްތީނުގެ ރައްޔިތުންނާ ޖެހުނީމާ އެބުނާ އިންސާނީ ހައްގުތަކެއް ވެސް ނޯވެއެވެ. އދ. ގެ އަޑުގަދަ ބާރުގަދަ ހިއުމަންރައިޓްސް ކައުންސިލް ވެސް ނިދާފައެވެ. އެބުނާ އެއްވެސް ގަރާރެއްވެސް ރިޒޮލިއުޝަނަކުން ވެސް ފަލަސްތީނުގެ ރައްޔިތުން ހިމާޔަތެއް ނުކޮށްދެއެވެ. ފަލަސްތީނުގެ މުސްލިމު ރައްޔިތުންނާ ޖެހުނީމާ އެފަދަ ހުރިހާ އެއްޗެއް އޮންނަނީ ނުކުޅެދިފައެވެ. ވާވެފައެވެ.

ދުނިޔޭގެ ބޮޑެތި އިސްލާމީ ގައުމުތަކުން އެމެރިކާއާއި އިނގިރޭސި ވިލާތާއެކު ޑީލްތައް ހަދައިގެން އެމީހުންގެ އަމިއްލަ ޖީބުތައް ބޮޑުކޮށް އަމިއްލަ މުއްސަނދިކަން ދެމެހެއްޓުން ނޫން ކަމެއް މިހާރަކު ނުކުރެއެވެ. ކުރީގައި މުޅި ދުނިޔޭގެ މައްޗަށް ބަސްކިޔަމުން އައި އިސްލާމީ ބޮޑެތި ގައުމުތަކުގެ ވެރިން އެތިބީ ޔަހޫދީން އެމީހުންގެ އެންމެ ގާތް މިތުރުން ކަމުގައި ހަދައިގެން އެމީހުންގެ ދަށުވެގެންނެވެ. މުސްލިމު އުއްމަތުގެ ދަރިފަސްކޮޅެއް ނެތިދާއިރު ނޫނީ ނައްތާލާއިރު ވެސް މިއަދު އަރަބި ގައުތައް އެތިބީ ޣާފިލު ކަމުގެ ގަދަ ނިންޖަކުން ނިދާ ހަރުދަނޑިވެފައެވެ. ޔަހޫދީންނާ ދިމާއަށް އިސްއުފުލާ ބަހެއް ބުނެލާން ވެސް ނުކެރޭ ފިނޑި ހާލަތުގައެވެ. ބޮޑެތި ޚަރަދުކޮށްގެން ޖަލްސާތަކާއި ބައްދަލުވުންތައް ބާއްވައި މޮޅު ވާހަކަދެއްކުން ނޫން ކަމެއް ނުކުރެއެވެ. ދެއްކުންތެރިކަން ނޫން ކަމެއް ނެތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން