-
-
"ދަ ކޮނަރ ގްރޫޕް"ގެ ސީއީއީ، ލެރީ ކޮނަރއަށް 8 ދުވަހުގެ ތެރޭގައި ސްޓޮކް މާކެޓުން ލިބުނު 1.6 މިލިއަން އެމެރިކާ ޑޮލަރު އޭނާގެ ކުންފުނީގައި މަސައްކަތްކުރާ ގާތްގަނޑަކަށް 400 އެއްހާ މުވައްޒަފުންގެ މެދުގައި ބަހާލުމަށް އޭނާ ނިންމައިފިއެވެ.

ސީއެންއެންއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމެރިކާގެ އޯހަޔޯގައި ހިންގާ މި ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުންނާ އެކީގައި ކޮނަރ ކުރިއަށް ގެންދިޔަ ވީޑިއޯ ކޮންފަރަންސް ކޯލެއްގެ ތެރޭގައި އެމީހުންނަށް ދޭން ނިންމާފައިވާ ބޯނަސްގެ ވާހަކަ އިއުލާނުކުރިއިރު އެމީހުންގެ މޫނުމަތިން ފެނިގެން ގޮސްފައިވަނީ ހައިރާންކަމާއި ޝުކުރުގެ މަންޒަރުތަކެވެ.

އެކުންފުނިން ވަނީ އެންމެ ދަށް މުސާރަ ލިބޭ ހުރިހާ މުވައްޒަފުންނަށް 2000 އާއި 9000 އެމެރިކާ ޑޮލަރާއި ދެމެދުގެ އަދަދުތަކެއް ބޯނަސްގެ ގޮތުގައި ދިނުމަށް ނިންމާފައެވެ. އެގޮތުން ކުންފުނީގެ ސްޕޯކްސްވުމަން، އެމޭންޑާ ބްރައުން ބުނީ 150،000 ޑޮލަރު ލިބުނު މުވައްޒަފުންނަށް މި ބޯނަސް ނުދެވޭނެކަމަށާއި، ބޯނަސް ލިބޭ މުވައްޒަފުންގެ މުސާރައަކީ ގާތްގަނޑަކަށް 42،000 ޑޮލަރުކަމަށެވެ. އަދި ލިބޭ ބޯނަހުގެ އަދަދު ބަރޯސާވާނީ އެމީހެއްގެ މަގާމަށާއި، ކުންފުނީގައި މަސައްކަތްކޮށްފައިވާ މުއްދަތުގެ މައްޗަށެވެ.



މިގޮތުން ކުންފުނީގެ މެއިންޓެނެންސް ޓެކްނީޝަނެއްގެ ގޮތުގައި ގާތްގަނޑަކަށް 13 އަހަރު މަސައްކަތްކޮށްފައިވާ މެމޯ އަލްބާ ބުނީ ކޮނަރ ގްރޫޕްގައި މަސައްކަތް ކުރުމަކީ ލިބޭ ޝަރަފެއްކަމަށާއި، ކުންފުނިން އޭނާއާއި ދޭތެރޭގައި ވިސްނާވަރަށް އޭނާގެ އާއިލާއާއި ދޭތެރޭގައިވެސް ވިސްނާކަމަށެވެ. އެގޮތުން އޭނާއަށް ބޯނަހުގެ ގޮތުގައި ލިބުނު 6000 ޑޮލަރު ހޭދަކުރާނީ އޭނާގެ ގެ ހެދުމަށާއި، އާއިލާއާއި އެކުގައި ދަތުރެއް ރޭވުމަށް ކަމަށް އަލްބާ ބުންޏެވެ.

ކޮނަރ ގްރޫޕަކީ އެމެރިކާގައި ފުޅާ ދާއިރާއެއްގައި ރިއަލް އެސްޓޭޓް ވިޔަފާރީގައި ހަރަކާތްތެރިވާ ކުންފުޏެކެވެ.

ކުންފުނީގެ ވެރިޔާ، ލެރީ ކޮނަރ ބުނީ އޭނާ ގަބޫލުކުރަނީ ކުރީގައި ތިބެ މަގުދެއްކުމުގެ އުސޫލުކަމަށާއި، ދަތި ހިތްދަތި ދަނޑިވަޅުތަކުގައި ދިމާވާ ކަންކަމާއި މެދުގައި ހަމައެކަނި ވާހަކަދެއްކުމަކުން ނުފުދޭނެކަމަށެވެ. އެކަމާއި ގުޅިގެން ފިޔަވަޅެއް އެޅެން އޮތްނަމަ ކުރަންޖެހޭނީ އެކަން ކަމުގައި އޭނާ ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން